ޕްރިޔާންކާ ޗޯޕްރާ

ޕްރިޔަންކާ އަތުގައި އަގު ބޮޑު 80 ޖޯޑު ފައިވާން

ޕްރިޔަންކާ ޗޯޕްޅާ އަކީ އެކްޓް ކުރުމުގެ ރޮނގުން ވަރަށް ކުރީގައި އުޅޭ ކުޅަދާނަ ބަތަލާ އެކެވެ. އަދި މިހާރު އޭނާއަކީ ގްލޯބަލް އައިކަން އެއް ވެސް މެއެވެ. ރެޑް ކާޕެޓްގައި ހިނގާއިރު އާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ޗުއްޓީ ހޭދަކުރާއިރު ވެސް ޕްރިޔަންކާ ގެންގުޅޭ ފެޝަން ސްޓައިލަކީ ވަރަށް ގިނަ ބަޔެއްގެ ތައުރީފު ލިބޭ ސްޓައިލް ތަކެކެވެ. ޚާއްސަކޮށް އޭނާ އަރާ ރީތި ފައިވާން ތަކަކީ ގިނަ ބައެއްގެ ލޮލުގައި އަޅާފައިވާ އެއްޗެކެވެ. ދާދިފަހުން ނުކުތް އިންޑިއާގެ މަޖައްލާއެއް ބުނާ ގޮތުން ޕްރިޔަންކާގެ އަތުގައި 80 ޖޯޑަށް ވުރެ ގިނަ ފުންނާބުއުސް ފައިވާން ހުރެ އެވެ.

މިއީ އާދައިގެ ފައިވާނެއް ނޫނެވެ. އެންމެ އަގު ބޮޑު އެންމެ ފެންވަރު ރަނގަޅު ފައިވާނެވެ. ރީތި ފައިވާން ގަނެ އެއް ކުރުމަށް ޕްރިޔަންކާ ލޯބި ކުރެ އެވެ. އެގޮތުން އޭނާ ހޯދާފައިވާ ރީތި ފައިވާންތަކަކީ ގިނަ ބަޔަކަށް ހުވަފެނުން ވެސް ނުފެންނަ ވަރުގެ ރީތި އަދި އަގު ބޮޑު ފައިވާން ތަކެކެވެ.

ފިލްމީ ރޮނގުން ޕްރިޔަންކާ އެންމެ ފަހުން ކުޅެފައިވަނީ "ދަ ސްކައި އިޒް ޕިންކް" އެވެ. ޝޮނާލީ ބޯސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ފަރްހާން އަޚްތަރު އާއި ޒާއިރާ ވަސީމް އަދި ރޯހިތު ސަރަފް ވެސް ބައިވެރިވެފައި ވެއެވެ. ފިލްމު ރިލިޒް ކުރިތާ ދުވަސްކޮޅެއް ވީއިރު ބޮކްސް އޮފީހުގައި މާ ރަނގަޅު އަދަދުތަކެއް ފިލްމެއް ނެރެވިފައެއް ނުވެ އެވެ. ނަމަވެސް ކްރިޓިކްސް ވަރަށް ބޮޑަށް މި ފިލްމަށް ތައުރީފު ކޮށްފައި ވެއެވެ.

ޕްރިޔަންކާގެ އާ ފިލްމެއް ވެސް ދާދިފަހުން އިއުލާން ކޮށްފައި ވެއެވެ. އެއީ މިންޑީ ކޯލިން އުފައްދާ ފިލްމެކެވެ. މިންޑީ އޭނާގެ ޓުވިޓާ އެކައުންޓުގައި ލިޔެފައިވާ ޕޯސްޓެއްގައިވާ ގޮތުން ޕްރިޔަންކާ އާއެކު މި ފިލްމުގައި ހަރަކާތްތެރިވާނީ ޑޭން ގޫރް އެވެ.

"މަގޭ ޑްރީމް ޓީމުން ފިލްމެއް އުފައްދަން ނިންމައިފިން. ފިލްމު ފެށޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވޭ،" ޕްރިޔަންކާ އާއި ޑޭންގެ ފޮޓޯއަކާއެކު މިންޑީ ކުރި ޓުވީޓުގައި ވެއެވެ.