ދުނިޔެ

އެމެރިކާއިން ރަތް ރޮނގު ހުރަސް ކޮށްގެން ނުވާނެ: އިރާން

Nov 26, 2019

އިރާނުގެ ދާހިލާ ކަންކަމާ ބެހި މިނިވަން ކަމަށާ ގައުމީ އަމާން ކަމަށް އެމެރިކާއިން ނުފޫޒު ފޯރުވާން ފަށައިފިނަމަ އެމެރިކާ ހިމެނޭ ގޮތަށް އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާދޭން ޖެހިދާނެ ކަމަށް އިރާނުގެ އަސްކަރިއްޔާގެ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވެއްޖެ އެވެ.

ހުސެއިން ސަލާމީ ވިދާޅުވި ގޮތުގައި އިރާނުގައި ކުރަމުންދާ މުޒާހަރާ ހޫނު ކޮށްލީ އެމެރިކާއިންނެވެ. އޭގެ ސަބަބުން އިރާނުން 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 1،200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ. އިރާނުގެ މުޒާހަރާ ހޫނުކޮށް، ވެރިކަން ވައްޓާލަން އެމެރިކާއަށް އެހީވަނީ އިޒްރޭލާއި ސައުދީއަރަބިއްޔާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މިއިން އެއްވެސް ގައުމަކުން އިތުރަށް އިރާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފިނަމަ މުހިންމު އިމާރާތްތަކަށާއި އަސްކަރީ ބޭސްތަކަށް ހަމަލާދޭން ފަސް ނުޖެހޭނެ ކަމަށް ސަލާމީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އަމަލުތަކަށް މިހާ ދުވަސް ވަންދެން ތިބީ ކެތްކޮށްގެން ކަމަށާއި، އިތުރަށް އެމެރިކާ އިސްވެ އޮވެ ކަމެއް ކޮށްފިނަމަ އެ ހުރަސް ކުރެވެނީ ރަތް ރޮމގު ކަމަށެވެ.

"ކެތްތެރިކަން ދައްކައިފިން، އަޅާ ނުލާ ދޫކޮށްލިން، އެކަން އެމެރިކާއަކަށް ނުވިސްނުނު ވީގޮތެއް، އިތުރަށް ކަމެއް ކޮށްފިނަމަ އެމެރިކާ އަދި އެމެރިކާގެ ވާގިވެރި ގައުމުތަކަށް އެކަމުގެ ގެއްލުން ލިބޭނެ، އެހެންވީމާ ސަލާމަތަށް ބަލާފައި ރަތް ރޮނގު ހުރަސް ނުކުރަންވީ!" ސަލާމީ ވިދާޅުވި އެވެ.

އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. މިކަމާ ގުޅިގެން އިރާނުގެ ރައްޔިތުން ކުރި މުޒާހަރާތައް ހޫނުވެފައި ވަނީ، އެމެރިކާއަށް ބައިއަތު ހިފި އިރާނުގެ ސިފައިންތަކެއް އިސްވެ މުޒާހަރާ ލީޑް ކުރަން ފަށައި، އިމާރާތްތަކުގައި ހުޅު ރޯކުރަން ފެށުމުންނެވެ.