ދުނިޔެ

އިމްރާން މަގާމުން ދުރުކުރަން ޕެޓިޝަނެއް

Nov 26, 2019

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ ސިޔާސީ ވާދަވެރިޔާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ބޭސް ފަރުވާއަށް ގައުމުން ބޭރަށް ފޮނުވާލުމުން، ހާން މަގާމުން ވަކި ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ގިނަ އަދަދެއްގެ މީހުން ވަނީ ސޮއިކޮށްފަ އެވެ. އެ ޕެޓިޝަނުގައި ބުނެފައިވަނީ ނަވާޒް ޝަރީފް ބޭސް ފަރުވާއަށް ގައުމުން ބޭރަށް ފޮނުވާލުމަކީ ހާން ޖުޑިޝަރީގެ އަގު ވައްޓާލުމުގެ ބޭނުމުގައި ގަސްތުގައި ކުރި ކަމެއް ކަމަށެވެ. ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ، ނަވާޒް ޝަރީފް ބޭހަށް ފުރުވާލުމަށްފަހު ހާން ދިޔައީ ސަރުކާރުގެ އިސް މަގާމުގެ ތަކުގައި ތިއްބެވި ބޭފުޅުންގެ ކައިރީގައި ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަގު ވެއްޓޭފަދަ މޭރުމަކުން ވާހަކަ ދައްކަމުން ކަމަށެވެ.

ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހުރީ ޕާކިސްތާނުގެ އިދިކޮޅު ޕާޓިގެ އެކްޓިވިސްޓެކެވެ. އޭނާއެކު އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ވެސް ތިއްބެވެ. އިދިކޮޅުން ދެކޭ ގޮތުގައި ފަޑިޔާރުންގެ އަގު ވެއްޓޭ ފަދަ ވާހަކަ ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެޑުމެވެ. އެހެންކަމުން ހާން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކޮށް މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ވެސް އެ ކޯޓުގެ ފަޑިޔާރުންނަށް ފާޑު ވިދާޅުވި ސިޔާސީ ލީޑަރަކު މަގާމުން އެކަހެރިކޮށް މައްސަލަ ބަލައި ހުކުމް އިއްވާފަ އެވެ. އޭރު ހުކުމް އިއްވާފައިވަނީ ނަވާޒް ޝަރީފް ނިސްބަތްވާ ޕީއެމްއެލް-އެންގެ ސްލޮޓުގައި ސަރުކާރުގެ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ މައްޗަށެވެ.

ނަވާޒް ޝަރީފު ގައުމުން ބޭރަށް ފޮނުވުމުގައި 700 މިލިއަން ރުޕީސްގެ ބޮންޑެއް ބެހެއްޓުމަށް ސަރުކާރުން ނިންމި ނިންމުން ކޯޓުން ބާތިލް ކުރުމުން ހާން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޖުޑިޝަރީގެ މެމްބަރުންނާއި ފަޑިޔާރުން ޒިންމާދާރު ކަމާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ގޮވާލާފަ އެވެ. އެފަހުން ހާން އެކަހެރި ބައްދަލުވުން ތަކުގައި ކޯޓުތަކުގެ ފަޑިޔާރުންގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަށް ވަނީ ގަދަވެފަ އެވެ.

ބޮންޑު ބަހައްޓަން ސަރުކާރުން ނިންމި ނިންމުން ކޯޓުން އުވާލި ނަމަވެސް ނަވާޒް ޝަރީފް ބޭސް ފަރުވާއަށް ގައުމު ދޫކޮށް ދިޔުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ. ނަވާޒް ޝަރީފް ބޭހަށް ބޭރަށް ފުރުވާލީ ހާން އިސްވެ ހުރެ އެވެ. މިއީ ޖުޑިޝަރީގެ އަގު ވައްޓާލުމުގެ ގޮތުގައި ހާން ކުރިކަމެއް ބުނެ އިދިކޮޅުން ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.