ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(24 ނޮވެމްބަރ 2019 އާ ގުޅޭ)

"ގޯހެއްކަން އެނގިހުރެ އެކަކު ވެސް ލޯތްބެއްނުވާނެހެން ހީވަނީ، އެ ފީލިންގްސްއާ ބެހޭ ގޮތުން އަހަންނަށް މާބޮޑު އެއްޗެއް ބުނެދޭކަށް ނޭނގެ، މިހާތަނަށް ތަޖުރިބާ ކުރެވިފަ ނެތް ދާއިރާއެއްތީ... ދާރިއަން ބުނެބަލަ... މިހާރު ތިއުޅެނީ ގާލްފްރެންޑެއް ވެސް ނަގައިގެންނު، ލަވް ލައިފް ކިހިނެއްތަ؟ ވަރަށް ރޮމޭންޓިކް އެކްސްޕީރިއެންސެއްތަ؟... ފޮތްތަކުގައި ހުންނަނީ ވަރަށް ސުވީޓްކޮށް، އެކަމަކު އަހަންނަށް ފީލްވަނީ އެއީ ރިއެލިޓީއެއްނޫނޭ... ޔޯ އެކްސްޕީރިއެންސް ކިޔާދީބާ" އިޝްވާ ބުނެލިއެވެ.

"ގާލްފްރެންޑޭ!... ކާކު ދެއްކި ވާހަކައެއް" ދާރިއަން ގަސްދުގައި ނޭނގޭ ކަމަށް ހެދުނެވެ.

"ތިގޭތެރެއިން ދާރިއަންއާއެކު ފެންނަ އަންހެން ކުއްޖާ... ރިއާންއޭ ގޮވާލަނީ ހާދަ ލޯބިންނޭ، އޭނަ އައިތަން ފެނި އައިކު ވެސް ބުނި ދާރިއަންގެ ބިޓުގަނޑު އައީއޭ" ކުޑަކޮށް ހިނިއައިސްފަ އިނދެ އިޝްވާ އެ ވާހަކަދެއްކީ ދިމާކޮށްލުމުގެ ގަސްދުގައެވެ. ނަމަވެސް ދާރިއަންގެ މޫނުން ހިނިތުންވުމެއް ފާޅެއްނުވިއެވެ. އޭނާގެ ސީރިއަސްކަމާއެކު ކުރިމަތީ ހުރި ކޮފީ ޖޯޑަށް ނަޒަރު ހުއްޓާލި ގޮތަށް އިނެވެ.

"އޭތް!..." އިޝްވާ ގޮވާލިއެވެ.

"ސާރާ... ޝީ އިޒް ޖަސްޓް އަ ފްރެންޑް" ދާރިއަން ބުނެލިއެވެ.

"ޔަންގް އެންޑް ބިއުޓިފުލް ފްރެންޑެއް... ގާލްފްރެންޑަކަށް ހަދާކަށް ނުވިސްނަންތަ؟ އަހަރެން ހީކުރީ ތި ދެ މީހުން އުޅެނީ ރައްޓެހިވެގެންކަމަށް، ދައްތަ ވެސް ހާދަވަރަކުންނޭ އެ އަންހެންކުއްޖާއާ ހެދި އުޅެނީ... ހީވަނީ މުސްތަޤުބަލުގައި ވާންހުރި ޅީދަރިފުޅުހެން" އިޝްވާ ގަސްދުގައި ސާރާއާ ގުޅުވައި ވާހަކަދެއްކިއެވެ.

"ހީވާ ހުރިހާކަމަކީ ހަޤީޤަތަކަށް ނުވާނެ، ތި ވާހަކަ ދެން ހުއްޓާލަބަލަ، އެހެންނޫނީ މިތާ ނީދެވިގެން ދާން ޖެހިދާނެ" މާނަވީ ގޮތަކަށް އިޝްވާއާ ނަޒަރު ސީދާކޮށްލައިގެން އިނދެ ދާރިއަން ބުންޏެވެ.

"އައި ނޯ ޔޫ އާ ހައިޑިން ސަމްތިންގް... ކީއްވެތަ ޝެއާނުކުރަން ތިއުޅެނީ، ޖަސްޓް ބީ އެން އޯޕަން ބުކް" ބޯ އަރިކޮށްލައި ތިރީތުންފަތުގައި ދަތްއަޅާލައި އިޝްވާ ބަލަން އިނީ ލާނެތް ހިންޏެއް އައިސްފައެވެ.

"އޯޕަން ބުކްއަކަށް ވާކަށް ނުޖެހޭ، އެއްވެސް ކަމެއް ސިއްރުނުކުރާ އިންސާނަކު ނޫޅޭނެ... ޕްލީޒް އިޝް!... ސްޓޮޕް ދިސް ނޮންސެންސް، އަހަރެން ކަމެއް ޚިއްޞާކުރަން ބޭނުންވެއްޖެނަމަ ކުރާނަން" ދާރިއަންގެ އަޑުން ވެސް ގަޔާނުވާކަން ފާޅުވިއެވެ. ހަމައެވަގުތު އޭނާއަށް ފޯނެއް އައެވެ. ފަޓުލޫނުގެ ޖީބުން ފޯނު ނެގިއިރު ގުޅަނީ ސާރާއެވެ.

"ނަގާބަލަ" އިޝްވާ ބުނެލިއެވެ. އޭނާ އެހެންބުނީ ދާރިއަން ފޯނަށް ބަލަހައްޓައިގެން އިންނަން ފެށުމުންނެވެ. ނަމަވެސް ދާރިއަން ކޯލެއް ނުނެގިއެވެ. އޭނާ ކޯލު ބިޒީކޮށްލައި ސާރާއަށް މެސެޖެއް ފޮނުވާލީއެވެ. އިޝްވާއާއެކު ކަމަށް ބުނެފައެވެ. ވަގުތުވީމަ ގުޅާނަމޭ ވެސް ބުނެފައެވެ.

ދާރިއަންގެ ހަރަކާތްތަކަށް ބަލަން އިން އިޝްވާ ހުއްޓާލާކަށް ގަސްދެއްނުކުރިއެވެ. އޭނާ އެކި ވާހަކަ ދެއްކިއެވެ. ދާރިއަންގެ ފަރާތުން ޖަވާބެއް ނުލިބުނަސް އެވެ. އޭނާ ޖަވާބުދޭން ބޭނުންނުވާކަމެއްނަމަ އެކަން ހާމަކޮށްލައެވެ. ނަމަވެސް އިޝްވާގެ ފަރުވާލެއްނެތް ކަހަލަ އެވެ.

"ހިނގާ ދަމާ" ބިލު ގެންނަން ދުރުގައި ހުރި ވެއިޓަރަކަށް އިޝާރާތްކުރަމުން ދާރިއަން ބުންޏެވެ. އިޝްވާގެ ވާހަކަތަކަށް ނިމުމެއް ގެންނަން ދާރިއަން ބޭނުންވީކަން އިޝްވާ ނަގައިގަތެވެ.

* * * * *

ދުވަސްތައް ފާއިތުވަމުންދިޔައެވެ. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނޭކަން މިހާރު ހޭޒަލްއަށް ޤަބޫލުކުރެވެއެވެ. ހޭޒަލްގެ ސިކުނޑީގައި ނިމުމެއްނެތް ރޭހެއް ފެށިގެން އުޅޭ ކަހަލައެވެ. ވިސްނަން ބޭނުންނުވިޔަސް އޭނާއަށް އެކިކަންކަމާ ވިސްނެނީއެވެ. ވާން ހުރި ކަންތައްތައް ނޭނގޭއިރު ވެސް އެކަންކަމާ މެދު ހޭޒަލްއަށް ވިސްނެން ފެށިއްޖެއެވެ. ވެދާނޭ ގޮތްގޮތް ހިތަށް އަރައި ހިތުގައި ފާޑެއްގެ ބިރެއް އުފެދެން ފަށައިފިއެވެ.

އޮފީހުގައި ކުރަން ހުންނަ ކަންކަން ނުނިންމެޔޭ ބުނޭ ލިއަމް ޝަކުވާކުރެއެވެ. ރޭގަނޑު އޮފީހަށް ނުދާތީ ކަމަށް އޭނާ ބުނެއެވެ. އެކަމަކު ދެވެންނެތްކަމާއި ހޭޒަލް ޝައްކުކުރަން ބޭނުންނުވާތީއޭ ބުނެއެވެ. އޭނާއަށް ދެން އެންމެ ރަނގަޅުވާނީ ފުލުހުންގެ ވަޒީފާއިން ވަކިވުންކަމުގައި ބުނެއެވެ. ގެއިން ނުނިކުމެ ވާން އޮތްނަމަ ހޭޒަލްގެ ލޯ ކުރިމަތިން ދުރަށް ނުދާނަމޭ ލިއަމް ކިޔައެވެ. ގޭގައި ބަންދުވެގެން އޭނާ އިނދެފާނަމޭ ވެސް ބުނެއެވެ. ލިއަމްގެ މިފަދަ ވާހަކައިން ހޭޒަލް އިތުރަށް ބޯގޮވަނީއެވެ. ފިރިމީހާ ކޮށްޓަކަށް ލައި ބަންދުކޮށްގެން އުޅޭ އަނތްބެކޭ އޭނާއާ ދިމާއަށް ލިއަމް ނުބުންޏަސް ހޭޒަލްއަށް އެހެން ހީވާން ފަށައިފިއެވެ. އަމިއްލަ ނަފްސަށް ކުށްވެރިކަމުގެ އިޙްސާސް ކުރެވެއެވެ. ލިއަމް އޭނާދެކެ ފޫހިވިއްޔާ ވާނީ ޚުދު ހޭޒަލްގެ ޢަމަލުތައް ހުރިގޮތުން ކަމުގައި ހީކުރެވެންފެށިއެވެ.

އެއްވެސް ކަމެއްނެތިފަ ފިކުރުތަކަށް ގެއްލިފައި ހޭޒަލް އިންނަ ވަގުތު ގިނައެވެ. ހުރިހާކަމެއް އޭނާގެ އިޚްތިޔާރާއި ބާރުގެ ދަށުން ވީއްލިގެން ދަނީ ކަމުގައި އޭނާއަށް ހީވެއެވެ. އެއްވެސް މީހަކާ ކަމެއް ޙިއްޞާކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ވެސް ގެއްލެން ފަށައިފިއެވެ. ލިއަމްގެ ޢާއިލާ ގާތަށް ދިޔަ ނަމަވެސް އޭނާއާ ވީރާ އަނގަޔަކުން ނުބުނެއެވެ. އެކަން އެވީ ވެސް ޚުދު ހޭޒަލްގެ ސަބަބުން ކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. އެއްވެސް ކަމަކާ ނުބެހި ހުރިނަމަ މިއަދު ވީރާ އޭނާދެކެ ރުޅިއެއް ނާންނާނޭ ހޭޒަލްގެ ހިތަށް އަރައެވެ. ދެން ހުރީ ހޭޒަލްގެ ހަމައެކަނި ރަޚުމަތްތެރިޔާ ނަޝާ އެވެ. އޭނާ ގުޅުމުން ފޯނުން ވާހަކަދައްކާލިޔަސް އޭނާއާ ބައްދަލުކުރުން ހޭޒަލްއަށްވަނީ ބުރައަކަށެވެ. އޭނާ ބޭނުންވަނީ ގޭގައި އޮންނާށެވެ. ކަމެއްނުކޮށް ފިކުރުތަކަށް ގެއްލިފައި އޮންނާށެވެ.

"އޮޕަރޭޝަންއެއް އެބައޮތް... ނުގޮހެއްނުވާނެ، ގޮސްފަ އާދެވޭނެ އިރެއް ބުނާކަށް ނޭނގެ" ހަވީރު އޮފީހުން ގެއަށް އައިސް ހެދުން ބަދަލު ކުރަން ހުރެ ލިއަމް ބުންޏެވެ. ހޭޒަލް ހުރީ އޭނާގެ ގާތުގައި ބާލާފައި ލިއަމް ދިއްކޮށްލާ އެއްޗެހީގަ ހިފާށެވެ.

"ކިހާއިރަކު؟" ހޭޒަލް އަހާލިއެވެ.

"ހަތެއް ޖަހާއިރު" ލިއަމް ބުނެލިއެވެ.

"ނަމާދުކުރިންތަ؟" ނާހަން ހުރެފައި ވެސް ހޭޒަލް އެއްސެވެ.

ލިއަމް ނަމާދުކުރާތަން ފެނުމުން ހޭޒަލްގެ އުންމީދު އާވިއެވެ. ލިއަމްގެ މައްޗަށް އޮތް އިތުބާރުގެ ވާފަށް ކެނޑިގެން ދިޔަ ނުދީ ހިފެހެއްޓުނީ އެހެންވެއެވެ. ނަމަވެސް މަޑުމަޑުން އަނެއްކާ ވެސް ކަންކަން ބަދަލުވާން ފަށައިފިއެވެ. ފަތިސް ނަމާދަށް ހޭލެވޭކަމަކަށް ނުވެއެވެ. އޮފީހުގައި އުޅެންޏާ ނަމާދަށް ދެވޭކަމަކަށް ނުވެއެވެ. ގޭގައި ހުންނަ ވަގުތަށްވާތީ މަޣްރިބު ނަމާދަށް ނޫނީ އިޝާ ނަމާދަށް ލިއަމް އަރާލައެވެ. އެއްވެސް ހޭޒަލް ބުނެކިޔައިގެން އެކަމަށް ފާޅުގައި ދެކޮޅު ހަދަން ނުކެރިގެންނެވެ. ހުކުރު ވިލޭރޭ ހޭލާއުޅެފައި ހުކުރު ވަގުތައް ހޭލެވޭ ކަމަކަށް ނުވެއެވެ. ލަހުން ހޭލާފައި ފާޚާނާއަށް ވަދެ ނުކުމެވޭއިރު ހުކުރު ނަމާދުކުރަން ކުރަންފަށާފާނެއެވެ. ދެން ނުދެވޭނޭނޫންހޭ ލިއަމް ބުނެލަނީ އޭނާ ނަމާދަށްދާން މަސައްކަތްކުރިކަން ދައްކަން ބޭނުންވާ ފަދައިންނެވެ.

"ކުރާނަމޭ... ހުވާ ބޮލުގަ ރިއްސާއެބަ..." ލިއަމް ބުނެލިއެވެ.

"ކިހިނެއްވީ؟" ހޭޒަލް އަހާލިއެވެ.

"ނޭނގެ މަށަކަށް" ލިއަމްގެ އަޑުގައިވީ ނުރުހުމެވެ.

"އަހަންނާ ހެދިތަ؟" ހޭޒަލް ބުނެލިއެވެ.

"މިބުނީނު ނޭނގެއޭ މަށަކަށް" ލިއަމްގެ އަޑު ބާރުވިއެވެ. އޭނާ ހަލުވިކޮށް ގޮސް ވަނީ ފާޚާނާއަށެވެ. ވަން ހަލުވިކަމާއެކު ލިއަމް ނުކުތެވެ. ރީތިވާ މޭޒުމަތީ ބޭއްވުނު ވޭޕާއި ފޯނު ނަގައިގެން އަނެއްކާ ވެސް ފާޚާނާއަށް އޭނާ ވަނެވެ. އެހުރިހާ ކަމެއް ބަލަން ހޭޒަލް ހުއްޓެވެ. އޭނާގެ ނިތަށް ރޫއެރީ ދެބުމަ ކައިރިކޮށްލުމާއެކުއެވެ. ތުންފަތަށް ގެނައި ހަރަކާތުން އޭނާ ވެސް ލިއަމްގެ ހަރަކާތްތަކާމެދު ހިތްހަމަނުޖެހިއްޖެކަން ގައިމެވެ. ލިއަމް ބޭލި އޮފީސް ހެދުން އަޅުވާފައި އޭނާ ކޮޓަރިން ނުކުތީއެވެ.

އެއްވެސް ކަމެއް ކުރާހިތްނުވިޔަސް ހޭޒަލް އަމިއްލަ ނަފްސަށް ކަންކަން ކުރަން މަޖުބޫރުކުރާ ހާލަތަށް ހިނގައްޖެއެވެ. ވިސްނަން ބޭނުންނުވީމާ އޭނާ ކަންތައްކުރާ ގޮތަކީ އެހެންކަމަކަށް ސަމާލުކަން ހުއްޓާލަނީއެވެ. ގޯސް ޚިޔާލުތަކަށްވުރެ ރަނގަޅު ޚިޔާލުތަކަށް ފުރުޞަތުދޭން މަސައްކަތްކުރަނީއެވެ. އަމިއްލައަށް ވެސް މާއަވަހަށް ރުޅިއާދެވޭކަން ހޭޒަލް ވިސްނައިދިނެވެ. ލިއަމްއާއެކު ދިރިއުޅުމަކީ އޭނާއާ ކުރިމަތިވާނޭ އެންމެ ބޮޑު އިމްތިހާނުކަމުގައި ހޭޒަލް ޤަބޫލުކުރެއެވެ. އެހެންވެ އެ ގޮންޖެހުމާ އޭނާ ކުރިމަތިލާނެއެވެ. އެންމެ ފަހު ވަގުތާ ހަމައަށް އޭނާ ލިއަމްއާއެކު ވާނެއެވެ.

* * * * *

އަހަރުގެ ފަހުކޮޅެވެ. ހޭޒަލް މަޑުމަޑުން ލިއަމްއަށް ދޫ ދިނެވެ. އެދެމެދުގައި އޮތް ގުޅުން ރަނގަޅުވާން އެދޭވަރުންނެވެ. އެހެންނޫނީ އޭނާ ވިސްނާވިސްނާ މޮޔަވެދާނޭ ހީވާތީއެވެ. ލިއަމް ގާތު އޭނާއަށް ޝައްކުނުކުރާނަންކަމަށް ހޭޒަލް އޮތީ ވަޢުދުވެފައެވެ. ރައްޓެހިންނާއެކު ކޮފީތަކަށް އެރުމާއި ރޭގަނޑު ބޭރަށް ދިޔަ ނަމަވެސް ލިއަމް އޮފީހުން އަވަހަށް ގެއަށް އާދެއެވެ. ރޭގަނޑު ވެސް އެކެއްދޭއް ޖަހަންދެން ނޫޅެއެވެ. އެންމެ ލަސްވެގެން ބާރަގަޑި ބައިވާންވާއިރަށް ލިއަމް ހުންނާނީ ގޭގައެވެ. ލިއަމްއަށް މިނިވަންކަން ދިނުމުން އޭނާގެ ޠަބީޢަތް ވެސް ރަނގަޅުވެއްޖެއެވެ. ހޭޒަލްއާ ކަންކަމުގައި ވާހަކަދައްކާ މަޝްވަރާކުރާލެއް އިތުރުވިއެވެ. ލިއަމްގެ ޠަބީޢަތް ރަނގަޅުވުމުން ހޭޒަލްއަށް ހަމަޖެހުން ލިބުނެވެ. ފިކުރުތަކާ ދުރުވުމަށް ފުރުޞަތު ލިބުނެވެ. ދެމީހުން އެކުގައި އިހު އުޅުނު އުފާވެރި ދިރިއުޅުން ހޯދަން ހޭޒަލް ބޭނުންވެއެވެ. އޭނާ ހުރިހާ ގޮތަކަށް ނިންމުން ނިންމަމުން އެ ދަނީ އެހެންވެއެވެ.

އޮކްޓޯބަރު މަހުގެ އެކާވީސް ވަނަ ދުވަހަކީ ލިއަމްގެ އުފަން ދުވަހެވެ. އެ ދުވަހަކީ ޚާއްޞަ ދުވަހަކަށް ހަދަން ހޭޒަލް ގަސްދުކުރިއެވެ. ކުރީބައިގަ އެ ދުވަސް އަންނަންވާއިރަށް ތައްޔާރީތަށް ވާން ހޭޒަލް ފެށިއެވެ.

"އައި އޭމް ސޮރީ ދާރިއަން، އެ ފޮށި އަހަރެން ބޭނުންކުރާނީ ލިއަމްއަށް ދޭ ގިފްޓެއް ގޮތުގަ" ދާރިއަންއާއެކު ކޮފީ މޭޒުދޮށުގައި އިނދެފައި ހޭޒަލް ބުންޏެވެ. އޭނާ ދެން ދިއްކޮށްލީ ފައިކައިރީ ހުރި ކޮތަޅެވެ. އޭގައި ހޭޒަލް ހަދާފައި ހުރި ތަޅުދަނޑިލާ އެއްޗިއްސާއި ފޮތި ދަބަސްތަކެއް ހުއްޓެވެ. އެއީ އޭނާ ނިންމާފައި ހުރި މަސައްކަތެވެ. އެތަކެތި ދާރިއަންއާ ހަވާލުކުރީއެވެ.

"އަހަންނަށް އެ ފޮށި ގިފްޓް ކުރަންވީނު... އައި އޭމް ޔޯ ޕާޓްނާ" ދާރިއަން އެއްމިޔަކަނުން ހިނިތުންވެލިއެވެ. އޭނާ ދުލުން ހާމަކުރި އެއްޗަކާއި ހިތުގައި ފޮރުވިފައި އޮތް ގޮތް ތަފާތެވެ. ހޭޒަލް އެބުނާ ފޮށްޓަކީ އޭނާގެ ފުރަތަމަ މަސައްކަތެވެ. އެ އޮންނަން ޖެހޭނީ ދާރިއަންގެ އަތުގައިކަން އޭނާ ޤަބޫލުކުރެއެވެ. އެހެންނަމަވެސް ފާޅުގައި ހޭޒަލްގެ ހުށަހެޅުމާ ދެކޮޅު ހަދަން ދާރިއަންއަށް ނުކެރުނީއެވެ.

"މިފަހަރު ބާތްޑޭ އަހަރެން ބޭނުން އޭނާއަށް ސްޕެޝަލްވާން، ހޯޕިން... އިވެންޗުއަލީ އޯލްތިންގްސް ވިލް ފޯލް އިންޓު ފްލޭސް" ހޭޒަލްއަށް ބުނެވުނެވެ.

"ވަޓް ޑޫ ޔޫ މީން" ހޭޒަލްއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނީ ދާރިއަންގެ ސުވާލު ކުރިމަތިވުމުންނެވެ. އެ މޫނުން ފެންނަނީ ހައިރާންކަމެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ފަރުދާއެއް ވަގުތުން ދަމާލެވުނު ކަހަލައެވެ.

"ހޭޒަލް..." ދާރިއަން ގޮވާލިއެވެ.

"ނަތިންގް" ފުޅާ ހިނިތުންވުމެއް ހޭޒަލް ދިނެވެ. އަދި ދައްކަމުން ދިޔަ ވާހަކަ އޭނާ އެހެން ދިމާއަކަށް އަނބުރާލައިފިއެވެ.

"މިހަފްތާގަ ކުޑަކޮށް ބިޒީވާނެ، ބާތްޑޭ ކަންތަކުގަ އުޅޭނީ... އެހެންވެ" ހޭޒަލް ބުނެލިއެވެ.

* * * * *

"ކިތަންމެ ބިޒީ ވިޔަސް ގުޅާލެވޭނެއެއްނު" ފޯނު ހިފައިގެން އޮފީސް ފާޚާނާގައި ހުރެ ވީރާ ބުންޏެވެ. ފާރުގައި ހުރި ބޮޑު ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލަމުން މޭކަޕް ރަނގަޅުކުރިއެވެ.

"ފަހުން ގުޅާލާނަން، އިހަށް ބާއްވަނީ" ސައިފް ބުންޏެވެ.

"އަހަރެން ބަލާނަން ސައިފްއަށް ގުޅޭތޯ" ވީރާ މިހެންބުނެވެންވީއިރަށް އަނެއްކޮޅުން ސައިފް ކޯލު ކަނޑާލައިފިއެވެ. ހިތްހަމަނުޖެހިފައި ހުރެ ވީރާ ތުންއަނބުރާލިއެވެ. އަތްދޮންނަ ތަށި ހަރުކޮށްފައިވާ ހިލައިގެ މަތީ ބަހައްޓާފައިވާ އޭނާގެ އަތްދަބަހުގެ ތެރެއަށް ފޯނު ވައްޓާލުމާއެކު ލޯގަނޑަށް ނަޒަރު ހުއްޓާލިއެވެ.

"ޒެއްލުގެ ވާހަކަ އެހިފަހުން ސައިފް ޗޭންޖުވެއްޖެ" ވީރާގެ ހިތަށް އެރިއެވެ.

ވީރާގެ ޚިޔާލު ދަތުރުކުރީ ސިކުނޑީގައި ރައްކާކުރެވިފައިވާ ސައިފްގެ ހަނދާންތަކަށެވެ. ހޭޒަލްއާ ވާހަކަދައްކާފައި އެގެއިން ނުކުމެގެން އައިފަހުން ވީރާއަށް އަބަދުމެ ވިސްނެނީ އެކަމާއެވެ. ހޭޒަލްއާއި ސައިފްއާ ދެމެދު ގުޅުމެއް އޮވެދާނޭ އޭނާ ހިޔެއްނުކުރެއެވެ. އެހެންވެ އެފަދަ ވާހަކައެއް އަޑުއިވުންވީ އޭނާގެ ހަމަޖެހުމުގައި އެޅުނު ރެނދަކަށެވެ. ވަރަސް ވިސްނުމަށްފަހު އޭނާ ނިންމީ ސައިފް ގާތުގައި އަހާށެވެ. އެގޮތުން އާދައިގެ މަތިން ސައިފްއާއެކު ހުޅުމާލެއަށް ދިޔައެވެ. އެތަނުގައި ހުންނަ ސައިފްގެ ވަރަށް ގާތް އެކުވެރިޔެއްގެ ހޮޓެލުގެ ކޮޓަރިއަކީ ޢާންމުކޮށް ވީރާއާއި ސައިފް ބައްދަލުކުރާ ތަނެވެ. އެތަނުގެ އެންމެ ތިރީގައި ހުންނަ ރެސްޓޯރެންޓުން ކޮފީ ބޯލައިގެން އެމީހުން އަންނަނީ ސައިފް ޚިޔާރުކޮށްފަ ހުންނަ ކޮޓަރިއަށެވެ.

"ވާހަކައެއް އަހާލަންތަ؟" ސައިފްގެ އަތްމަތީ އޮށޯވެލައިގެން އޮތް ވީރާ އަހާލިއެވެ. އޭނާ ހޫން ލައްވާލުމުން ވީރާ ވާހަކަދެއްކިއެވެ.

"ކުރިން ދުވަހަކު އަހަރެން ގޮސްދިނީމެންނު ގެއަކަށް، ސައިފްއަށް އެގެ އެނގޭ ދޯ" ވީރާ އެއްސެވެ. ސައިފް އެއްޗެކޭ ނުބުންޏެވެ.

"އަނގައިން ނުބުނީ ތެދަކަށްވީމަ ދޯ... އެހެންވީރު ހޭޒަލް ވެސް ދަންނާނެތާ" ވީރާއަށް ބުނެވުނެވެ.

"ނުދަންނަމޭ ނުބުނާނަން، ވީރާއަށް އެއްވެސް ކަމެއް އޮޅުވާލާކަށް ބޭނުމެއްނޫން... ވީރާ ބުނެބަލަ ހޭޒަލް ދަންނަ ގޮތެއް" ސައިފް ވެސް އެނގެން ބޭނުންވާ ކަންކަން ހުއްޓެވެ.

"އޭނައަކީ އަހަރެންގެ ސިސްއިންލޯ" ވީރާ ބުންޏެވެ.

"އޭނާ ބުނީތަ އަހަރެންގެ ވާހަކަ" ސައިފް އަހާލިއެވެ.

"އާން! ތި ދެމީހުންގެ ކަމެއް އޮތްކަން..." ވީރާގެ ވާހަކަ ސައިފް މެދުކަނޑާލިއެވެ.

"ވީރާ ޤަބޫލުކުރީ ދޯ އޭނާދެއްކި ވާހަކަތައް، އަހަންނަށް އެނގޭ އެހެންކަންވާނީ... ދެން ކީއްކުރަންށޯ އަހަންނާ ގުޅުން ތި ބާއްވަނީ، އަހަންނަށް ޔަގީން އެ ހޭޒަލް އަހަންނޭ ކިޔައިގެން ރަނގަޅު ވާހަކައެއް ނުދައްކާނެކަން" ސައިފް ތެދުވެ އެނދު ޖައްސާފައި ހުރި ފާރުގައި ބުރަކަށި ޖައްސާލައިގެން އިށީނެވެ.

"އަހަރެން ނުބުނަމެންނު އެއްވެސް އެއްޗެއް ޤަބޫލުކުރީމޭ... އައި އެއީ ޕާސްޓްކަން، ކޮންމެ މީހެއްގެ ވެސް ޕާސްޓެއް އޮންނާނެއެއްނު" ވީރާ ބުނެލިއެވެ. އޭނާއަށް ނިކަން ފަރުވާތެރިކަމާއެކު ސައިފް ބަލާލިއެވެ.

"ވީރާ އޭނާގެ ވާހަކަ ދެއްކީތީ ބުނެފާނަން، އޭނާގެ އުނދަގުލުން އަދިވެސް ސަލާމަތްނުވެވޭ... އަހަންނަށް ގުޅާ ހަދާ، ވާހަކަދައްކަން މަސައްކަތްކުރޭ، އޭނާއަށް އަހަރެންގެ މަތިން ހަނދާންނައްތާނުލެވިގެން އުޅެނީ، އަހަންނަށް ވެސް ވާހަކަދެއްކުނީ އޭނާ މީހަކާ އިނދެގެން އުޅޭކަން ނޭނގި، އެނގުމާއެކު އެކަން ހުއްޓާލައިފިން... އޭގެ ފަހުން ވީރާއާ ބައްދަލުވީ، މީހަކަ އިނދެގެން ރީތިކޮށް އުޅޭށޭ ވެސް ބުނެފިން..." ސައިފް ވާހަކަދެއްކީ ވީރާއަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އޭނާ އެސްފިޔަ ވެސް ޖަހާނުލާ ކަހަލައެވެ. ވީރާއަށް އަންނަމުން ދިޔަ ބަދަލުތައް އޭނާ ދުށުމަށް އިނީ ނުހަނު ބޭނުންވެފައެވެ.

"އެކަމަކު... ޒެއްލު... ހިޔެއްވެސްނުވޭ... ތުއްތޭއާ ދެމީހުން އުޅެނީ ވަރަށް ލޯބިން" ވީރާއަށް ބުނެވުނީ ހޭޒަލްއާ މެދު ވިސްނަން އިނދެއެވެ.

"ވެދާނެއެއްނު އެކަން ފެމެލީ ކުރިމަތީ ނުދައްކަނީކަމަށް، އަހަރެން ވައިފްދެކެ އެހާ ފޫހިވާއިރު ވެސް އޭނާގެ ކަންތައްތައް ހައްދުފަހަނައަޅާ ދާއިރު ވެސް އަހަރެމެންގެ ދަރިފުޅު ކުރިމަތީ އެއިން އެއްވެސް ކަމެއް ނުދައްކަން" ސައިފް ބުންޏެވެ. ވީރާ މަޑުމަޑުން ބޯޖަހާލިއެވެ. ސައިފް ބުނާއެއްޗެއް އޭނާއަށް ވެސް ޤަބޫލުކުރެވެޔޭ ބުނާ ކަހަލައެވެ.

"ވަރަށް އެހެން ކަހަލަ އަންހެނެއް އެއީ، އަހަންނަކަށް ނުކެރޭނެ އެގޭގަ މީހުން ނޫޅޭ ވަގުތުތަކުގައި އެގެއަށް ދާކަށް" ސައިފް ބުންޏެވެ.

"ޒެއްލު ބުނޭތަ އަންނަން" ވީރާއަށް އަހާލެވުނީ ހައިރާންކަމާއެކުއެވެ. މާޔޫސްކަން ފާޅުކޮށްލަމުން ސައިފް ބޯޖަހާލީ ވީރާއަށް ބަލަން އިނދެއެވެ.

"ކާކު ހީކުރާނީ... އޭނާ އުޅެނީ ވަރަށް މާތް މީހަކަށްވެގެން، އަހަރެންގެ ބޭބެއާ ހެދި ލޯބިން މަރުވެދާނޭހެން ހީވާނީ، އެދެމީހުން އިނދެގެން އުޅޭތާ ވެސް ވަރަށް ދުވަސްވެއްޖެ، އަހަރެން ހިތަށް އަރާ ތުއްތޭއަށް ޒެއްލުގެ މިކަންކަން އެނގިއްޖެއްޔާވާނީ ކިހިނެއްބާއޭ" ވީރާ ފޫހިކަމާއެކު ބުނެލިއެވެ.

"އަހަންނަކަށް ތިއެއް ނޭނގެ، އެހެންނޫނަސް ދޭތެރޭޖެހޭ ކަމެއް ނުކުރިއްޔާ ރަނގަޅުވާނީ، ވީރާގެ ބޭބެ ކިހާ ދެރަވާނެ، ޢާއިލާތެރޭ ބޮޑު މައްސަލައެއް ހިލިދާނެ، އަހަންނަށް ރަނގަޅީ ވީރާ އެއްޗެކޭ ނުބުނިއްޔާ" ވީރާގެ އަތުގައި ހިފާލައި ސައިފްއާ ގާތަށް ދަމާލިއެވެ.

"އެކަމަކު އަހަރެން ވަރަށް ފޫހިވެއްޖެ އޭނާދެކެ... ފެނުނަސް ރުޅި އަންނަނީ، އޭނާއަށް ސައިފްގެ މަތިން ހަނދާންނައްތާނުލެވުނަސް ސައިފެއް ނުލިބޭނެ... ދޯ... ސައިފްއަކީ އަހަރެންގެ މީހެއް ދޯ" ވީރާ ހިނިތުންވުމަކާއެކު އިސްއުފުލާލައި ސައިފްގެ މޫނަށް ބަލާލިއެވެ. އޭނާ ލުއި ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

ޚިޔާލުތަކުން ބޭރުވެލައި ވީރާ ގުދުވެލުމާއެކު އިސްކުރުން ފައިބަމުން ދިޔަ ފެނުން މޫނު ދޮވެލިއެވެ. ހޭޒަލްއާ ގުޅުމެއް އޮތީތީ ސައިފް އޭނާދެކެ ފޫހިވަނީބާއޭ ވީރާގެ ހިތަށް އެރިއެވެ. އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. ހޭޒަލްއަކީ އޭނާގެ ބޭބެގެ އަންހެނުންވިއްޔާއެވެ. އޭނާގެ ބާރެއް ހޭޒަލްގެ މައްޗަކަށް ނުހިނގާނެ ވިއްޔާއެވެ. ހޭޒަލްގެ ހަޤީޤަތް ކިޔައިދިނަސް ލިއަމް ޤަބޫލުކުރާނޭކަމެއް ވެސް ވީރާއަކަށް ނޭނގެއެވެ. އޭނާއަށް ބޮޑަށް ބުރަވެވެނީ ލިއަމް ޤަބޫލުނުކުރާނޭ ކަމެވެ. ހޭޒަލްއަށް ވުރެ ބޮޑަށް ލިއަމް ހުންނަނީ ހޭޒަލްއާ ހެދި ދިވާނާވެފައި ކަމުގައި ވީރާ ޤަބޫލުކުރެއެވެ. އަނެއްކޮޅުން މަންމަމެންނާ ހަމައަށް އެފަދަ ވާހަކައެއް ގެންދާކަށް ނުކެރޭނެއެވެ. އޭނާގެ މަންމައާއި ބައްޕަ ހޭޒަލް ދެކެ ލޯބިވާވަރު ވީރާއަށް އެނގެއެވެ. ވިސްނަމުންދިޔަ ހޭޒަލް މޫނު ފުހެމުންފިޔައެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. ދަބަހުން ފޯނު ނަގައި ބަލާލިއިރު ސައިފްގެ މެސެޖެއެވެ. އިރުއޮއްސޭއިރު ބަލާދާނަންކަމުގައި ބުނެފައި އޮތެވެ. ވަގުތުން ވީރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެ މީހުން ބައްދަލުނުވެގެން އުޅޭތާ ހަފްތާއެއް ވެއްޖެ ވިއްޔާއެވެ. ހުރިހާ ކޫސަނި ޚިޔާލުތަކެއް ވީރާއާ ދުރަށް ހިނގައްޖެއެވެ. (ނުނިމޭ)