ބޮލީވުޑް

ޝާހްރުކްގެ "ބޮބް ބިސްވާސް" ގެ ބަތަލަކަށް އަބީޝެކް


ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ އާ ފިލްމެއް ހޯމަ ދުވަހު އޭނާ ވަނީ އިއުލާން ކޮށްފަ އެވެ. "ބޮބް ބިސްވާސް" ގެ ނަން ދީފައިވާ މި ފިލްމުގެ ބަތަލަކީ އަބީޝެކް ބައްޗަން އެވެ. ފިލްމު އުފައްދާ މަޝްހޫރު މީހެއް ކަމަށްވާ ސުޖޯއީ ގޯޝްގެ އަންހެންދަރިފުޅު ދިޔާ އަންނޫޕަމާ ގޯޝް ފުރަތަމަ ފަހަރަށް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މި ފިލްމު އުފެއްދުމާ ވަނީ ހަވާލުވެފަ އެވެ.

"ބޮބް ބިސްވާސް" އަކީ 2012 ގައި ރިލީޒްކުރި ވަރަށް މޮޅު ފިލްމެއް ކަމަށްވާ "ކަހާނީ"ގެ ސްޕިން-އޯފް އެކެވެ. ބޮބް ބިސްވާސް އަކީ "ކަހާނީ"ގައި ކޮންޓްރެކްޓަށް މީހުން މަރާ މީހަކަށް ކިޔާ ނަމެކެވެ. މިފަހަރުގެ ފިލްމުގައި ދައްކާނީ ބޮބް ބިސްވާސްގެ ހަޔާތުގެ ވާހަކަ އެވެ. ބޮބް ބިސްވާސް އަކީ ވަރަށް ރަނގަޅު މީހަކަށް ހެދިގެން މަތިމަތިން ރަނގަޅުގޮތް ދައްކައިގެން އަޑިއަޑިން ވަރަށް ބޮޑެތި ޖަރީމާތައް ހިންގާ މީހުން މަރާ މީހެކެވެ.

ފިލްމު އަންނަ އަހަރު ކުރީކޮޅު ފަށާ ގޮތަށް ނިންމާލުމަށްފަހު އަންނަ އަހަރު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމު އިއުލާން ކުރަމުން ޝާހްރުކް ކުރި ޓުވީޓްގައި ބުނެފައިވަނީ ބޮބް ބިސްވާސް އަންނަނީ އެންމެންގެ ދުވަސް ދުއްވާލަން ކަމަށެވެ.

ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ސީއޯއޯ ގޯރަވް ވަރުމާގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި ބޮބް ބިސްވާސް އަކީ ފަހަކަށް އައިސް ރިލީޒްކުރި ފިލްމުތަކުގެ ކެރެކްޓާތަކުގެ ތެރެއިން އެންމެ ހަނދާން ނައްތާލަން އުނދަގޫ ކެރެކްޓާ އެވެ. ބޮބްގެ ރޯލު އަދާކުރަނީ އަބީޝެކް ކަމަށާއި ދިޔާގެ ޑައިރެކްޝަންގައި ވަރަށް މޮޅު ރީތި ފިލްމެއް އުފައްދަން އުންމީދުކުރާކަމަށް ސީއޯއޯގެ ޓުވީޓްގައި ވެއެވެ.

މި ފިލްމުގެ މަސައްކަތް އަބީޝެކް ފަށާނީ އޭނާ މިހާރު ކުޅެމުންދާ "ބްރީތު 2" އާއި ޑައިރެކްޓަރު އަނުރާގް ބާސޫގެ ފިލްމު ނިންމުމަށް ފަހުގަ އެވެ.