ހަބަރު

ދިވެހި މަސްވެރިން ލަންކާ މަސްބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ސްރީލަންކާގެ މަސްބޯޓެއް ފެނި، ދިވެހި މަސްވެރިން އެ ބޯޓު ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، ލަންކާގެ މި މަސްބޯޓު ދިވެހި މަސްވެރިން ހިފެހެއްޓީ ޏ. ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ކަމަށާއި އެ ބޯޓު ހިފެހެއްޓި އިރު އޭގައި ހަތް މީހަކު ތިބި ކަމަށެވެ.

"މިބޯޓު މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށް" އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ، އެގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު، ދިވެހި މަސްވެރިން އަމިއްލައަށް ނުހިފެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށާއި އެފަދަ ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ގުޅާ ރިޕޯޓު ކުރުމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މިދިޔަ ހަފްތާ ހުކުރު ދުވަހު ލަންކާގެ ހަތް މަސްބޯޓެއްވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަަރައްހަދުން އަތުލައިގެންފަ އެވެ.