ހަބަރު

ތެޔޮ ބޯޓެއްގައި ރޯވެ ހަ މީހަކު ފިހިއްޖެ

ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، ހަ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވީ ވިލިމާލެ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގަ އެވެ. އެ ތެޔޮ ބޯޓްގައި ރޯވުމުގެ ސަބަބުން ޖެހިގެން އޮތް ދޯންޏަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.

އެ ސަރަހައްދުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުންދާއިރު، އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ހާދިސާގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފްއިން ޔަގީންކޮށްދޭއިރު އެ ހަ މީހުންނަށް މިހާރު ދަނީ ފަރުވާދެމުންނެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އަނިޔާ ލިބުނު މީހުންގެ ތެރޭގައި އަލިފާން ނިއްވަން ހަރަކާތްތެރިވި ސިފައިންގެ މީހަކު ހިމެނެ އެވެ. އެމްއެންޑީއެފްއިން ބުނާ ގޮތުގައި އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.

އަލިފާން ރޯވެފައިވަނިކޮށް އެ ބޯޓްގެ އެއް ފަޅުވެރިއެއްގެ ހަބަރު ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ހެޔޮ ހާލުގައި ވަނީ ފެނިފަ އެވެ.

މިރޭ މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން މާލޭ ޓީ ޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި ބަޔަކު ފިހުނެވެ. އަދިވެސް އޭގެން ބައެއް މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.