ގާސިމް އިބްރާހިމް

ގާސިމްގެ ފާޑުކިޔުން ރައީސް ޔާމީނަށް

އިދިކޮޅު ޕީޕީއެމްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެފައިވާތީ، އެ މެންބަރުންގެ ދިފާއުގައި ގާސިމް ވާހަކަފުޅު ދައްކަވައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓާ، އައު ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބައެއް މެންބަރުން މިފަހުން ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ރައީސް ޔާމީން ގެންދަަވަނީ ޖަލްސާތަކާއި، އެއްވުންތަކާއި، ބައްދަލްވުންތަކުގައިވެސް އެ މެންބަރުންނަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް މިރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ގުޅުނު ޕީޕީއެމްގެ މެންބަރުންނަކީ ރައީސް ޔާމީނަށް ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދިން ބޭފުޅުން ކަމަށެވެ. އަދި އެކަން ރައީސް ޔާމީން ބަލައިނުގެން ކަމަށާ އެ މެންބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ އެއީ އެންމެ ރަނގަޅު ޕްލެޓްފޯމް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީން ދޫކޮށް ބަޑައިގެންނެވި މެންބަރުން މިއަދު ބާ ޓަޔަރަށް ހެދިނަމަވެސް ޔާމީނަށް އާދެވުނު ހިސާބަކަށް ވަޑަައިގެންނެވުމަކީ އެ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މިއަދު އެ ޖަންބޯ ޖެޓްގައި އަޅުވާ ނޫނީވިއްޔާ 747 ގައި އަޅުވާ ބާ ޓަޔަރަށް ވެއްޖެ. ކަމަކު ނުދިޔަ. މި ކީއްތޯ މިވަނީ. އިހަށް ދުވަހު ރަން. މިއަދު ބާޓާއަށް. ބަލަ ކިޔެއްތޯ މިވަނީ. އަޅުގަނޑު ދަންނަވާނީ އަމިއްލައަށް ހަޑި ހުތުރު ހަޑި ނަހާވާށޭ. މޮޔަ ނުގޮވާށޭ، ކޮސް ނުގޮވާށޭ. މިހާރު ތި ގޮވެނީ ކޮހޭ އިނގޭތޯ. ތި ކަހަލަ ކޮސް ގޮވާކަށް ކަމަކުނުދާނޭ. ތިހެން ވީމަ ކާކުތޯ ވިސްނުންތެރި ބުއްދިވެރި ހަމަ ކޮންމެ މީހަކަށްވެސް އިނގޭނެ ދޯ މީހާގެ ހުރި ކޮލެޓީ. ނެތްކަން އެކައްޗެއްވެސް އެތެރޭގައި. އަމިއްލަ އެދުން ފިޔަވާ އެކައްޗެއްވެސް ނެތް ކަން. އިހްލާސްތެރިކަމެއް ނެތްކަން، އިހްތިރާމެއްވެސް ނެތްކަން، ޝުކުރުވެރިކަމެއްވެސް ނެތްކަން. ކިތަންމެ ބޮޑު ގުރުބާނީއެއްވިޔަސް ހަމަ 'ފަތަފޮޅި ފިހު ފަތްގަނޑަ'ށް ހެދިގޮތަކަށްވުރެ ނިކަމެތިކޮށް ނޫހޭ ތި ހަދަނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީއަށް އައި މެންބަރުންނަށް ރައީސް ޔާމީން ފާޑުވިދާޅުވާއިރު މިހާރުވެސް ޕީޕީއެމްގައި ތިއްބެވި ބައެއް މަޖިލީސް މެންބަރުންނަކީ އެމަނިކުފާނު ހަރަދުކުރައްވައިގެން ހޮއްްވެވި ބޭފުޅުން ކަމަށެވެ.

ގާސިމް މިރޭ ވަނީ އޭނާއަށް ނިމިިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރެއްވުމަށް ހުރަސްއެޅުއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވެ އެކަމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ގާސިމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސް އެވަރުން ނުވެގެން ޖަލަށް ލައްވަންވެސް މަސައްކަތް ކުރެއްވީ ރިޔާސީ ރޭހަށް ނިކުންނަވާފާނެތީ އެކަމާ ބިރުން ކަމަށެވެ.

"އަޅުގަނޑަކީވެސް ކޮންމެ ފަހަރަކު ވެރިކަމަށް ކުރިމަތިލާ މީހެއް. އެ ފުރުސަތު ނަގާލީ ކާކުތޯ. އަޅުގަނޑު ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ އެއީ ކާކުކަން. 65 އަހަރުވީ މީހުންނަށް ފުރަތަމަ ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ހެދީ. ދެން އެއީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަން އެނގިވަޑައިގަތީމަ އެކަން ބާތިލްކޮށްފާނެ ކަމަށް ހީވީމަ އެންމެ ފަހުން އަޅުގަނޑު ޖަލަށްވެސްލާން މަސައްކަތް ކުރީ. ފްރޭމް ކުރީ، ކޮށްގެން އެކަންވެސް ނިންމަން އުޅުނީ. ތަގުދީރު ނިޔާކުރި ގޮތުން އަޅުގަނޑު ޖަލަށް ނުގެން ދެވުނީ. މި ދެންނެވީ ދޫނިދޫ ޖަލަށް ނުގެންދާ ވާހަކައެއް ނޫން. އެތާގައި ބޭއްވި 28 ދުވަސްވަންދެން. އެ ކޮންކްރީޓް ސެލްގައި."

ގާސިމް ވިދާޅުވީ އެއްވެސް އިރަކު ވަކި ބޭފުޅަކާ ދެކޮޅަށް އެމަނިކުފާނުވެސް އަދި ޖުމްހޫރީ ޕާޓީންވެސް މަސައްކަތް ކޮށްފައެއް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރީ އިންސާފާ އަނިޔާއިން ސަލާމަތްވުމަށް ކަމަށާ ކުރިއަށް އޮތްތާ ދެމި ތިބޭނީ އެ މަސައްކަތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫން ޖަލަށް ލައްވާފައިވާކަން ފާހަގަކުރައްވާ އެކަމާއި ގުޅިގެންވެސް ގާސިމް ވަނީ ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑެއް ނޫޅެމޭ ދަންނަވާކަށް އިނގޭތޯ، ބޮޑުބޭބެ، 80 އަހަރުވެފައި ހުރި މީހަކު ގެންގޮސް، ހައްގުން ކަމަކާ ނުލައި އޭނާގެ ދެ ބޭފުޅުންނާ އެއްކޮށް ޖަލުގެ ގޮޅިއަށް ގަޅާލީމާ، އެއީ ކާކޭ ބުނާކަށް ކޮންމެހެން އަޅުގަނޑު ނޫޅެމޭ."

ގާސިމް ވަނީ ރައީސް ޔާމީނަށް އިޝާރަތްކުރައްވާ ގޯސް ވާހަކަނުދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިހާރު ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ "ކޮސް" ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.