ލައިފްސްޓައިލް

ވިހޭފަހުން އެއްގޮތަކަށް ވެސް ނުނިދޭތާ 32 އަހަރު

އަލަށް ދަރިން ލިބޭ ކޮންމެ މަންމަ އަކާއި ބައްޕަ އަކަށް ވެސް ރޭގަނޑުގެ ނިދިން މަހްރޫމް ވުމަކީ ވަރަށް އާދައިގެ ކަމެކެވެ. ނަމަވެސް މި މަންމަ ތަފާތެވެ. އޭނާ ބުނާ ގޮތުގައި ނިދިނާންނަ ބައްޔެއް ޖެހިގެން ހަމަނިދި ނިދާ ނުލެވޭތާ 32 އަހަރު ވެއްޖެ އެވެ. އަދި މިއީ އަންހެންދަރިފުޅު ވިހެއުމާ ގުޅިގެން ދިމާވި މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

މިޝޭލް ޓައުންސެންޑް، 58، އަށް މިހާރު ވެސް ނިދެނީ ރޭގަނޑުގެ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ބައެއް ފަހަރު ހަފުތާއަކު އެންމެ ހަތަރު ގަޑިއިރު ނިދައިގެން ވެސް އޭނާއަށް ފަރުޖައްސާލަން ޖެހެ އެވެ.

މިހާރު މިޝޭލްގެ ދެ ދަރިން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައި ވިޔަސް އަންހެންދަރިފުޅު އެމީ އުފަންވި ދުވަސްވަރު ޖެހުނު އިންސޮމްނިއާ ކިޔާ ބައްޔެއްގެ ސަބަބުން މިއަދާ ހަމައަށް ވެސް އޭނާއަކަށް ރަނގަޅަކަށް ނުނިދެ އެވެ.

އިނގިރޭސި ވިލާތުގެ ޑެވޮންގައި ދިރިއުޅޭ މިޝޭލް ބުނީ ފުރަތަމަކޮޅު އޭނާ ހީކުރީ ދަރިން ލިބި އެ ކުދިން ކުޑައިރު ވަރަށް ގިނަ މައިންނަށް މިގޮތަށް ދިމާވާނެ ކަމަށެވެ. އެހެން ހިތާ އެކަމާ މާ ބޮޑަކަށް އަޅައެއް ނުލަ އެވެ. ނަމަވެސް ދަރިން ބޮޑެތިވެ ކައިވެނިކޮށް މާމަ ކިޔާ ހަތަރު ދަރިން ލިބުނުއިރުވެސް މިޝޭލްގެ ހާލަތަކަށް ބަދަލެއް ނައެވެ. ވަރަށް ގިނަ ފަރުވާ މިކަމަށް ހޯދި ނަމަވެސް މައްސަލަ ހައްލު ނުވުމުގެ ސަބަބުން އޭނާގެ ދިރިއުޅުން މުޅިން ބަރުބާދުވެއްޖެ ކަމަށް ވެސް މިޝެލް ގަބޫލު ކުރެ އެވެ.

"ނިދާ ކޮޓަރިވެސް ހީވަނީ ދުޝްމަނެއްހެން. އެއްގޮތަކަށް ވެސް ނިދަން އެނދުގައި އޮށޯންނަހިތެއް ވެސް ނުވޭ. ރަނގަޅަށް ނުނިދޭތީ ކޮންމެ ދުވަހެއް ވެސް ވޭތުވަނީ ވަރަށް ލަހުން. ވަރަށް ނޯމަލްކޮށް އުޅޭނަމޭ ހިތާ އުޅުނަސް އެއްވެސް ކަމެއް ނޯމަލް އެއް ނޫން،" އިނގިރޭސި ވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި މިޝޭލް ބުންޏެވެ.

މިޝޭލްގެ އިންސޮމްނިއާ ފެށުނީ 1987 ވަނަ އަހަރު އެވެ. ދަރިފުޅު އުފަންވުމާ ގުޅިގެންނެވެ. ފުރަތަމަކޮޅު ދަރިފުޅު ވަރަށް ރޮޔެވެ. އެހެންވެ އޭރު އޭނާ އުޅެންޖެހުނީ އެއްގޮތަކަށް ވެސް ނުނިދަ އެވެ. ދެން ވާން ފެށި ގޮތަކީ ވަރުބަލިވެގެން ގޮސް ވެއްޓޭ ވަރު ވެގެން ގޮސް އެނދުގައި އޮށޯތަސް ނުނިދެނީ އެވެ. މަދު މިނެޓްކޮޅަކު ނިދާލައިގެން ހަފުތާއެއްހާ ދުވަހު ވެސް ހުންނަން ޖެހެ އެވެ. މިހާރުވެސް އޭނާގެ ހާލު ހުރީ ހަމަ އެފަދަ ގޮތަކަށެވެ. އެއްގޮތަކަށް ވެސް ނުނިދެން ފަށައިފިނަމަ އެގޮތަށް އެތައް ދުވަހެއް ވެސް ފާއިތުވެ އެވެ.

ޔޯގާ ހަދައިގެން ވެސް މައްސަލަ ހައްލު ކުރެވޭތޯ ބެލިކަމަށް މިޝޭލް ބުންޏެވެ. އަދި ބޭސް ކައިގެންނާއި އެނޫން ބައެއް ފަރުވާއިން ވެސް މި މައްސަލަ ހައްލުކުރަން ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ނުނިދޭ މައްސަލައާ ހެދި އެއް ވަޒީފާގައި ގިނަ ދުވަހު އުޅެން މިޝޭލް އަށް އުނދަގުލެވެ. އަދި އެހާ ހަނދާން ވެސް ބައްޔެވެ.

"އަހަރެންނަށް ނުނިދޭތީ ފިރިމީހާއަށް އުނދަގޫނުކުރަންވެގެން މިހާރު ނިދަނީ އެހެން ކޮޓަރިއެއްގަ. އަހަރެން ނުނިދިގެން އެނބުރި އެނބުރި ފިރިމީހާގެ ނިދިކޮޅު ޚަރާބު ވާނެތީ އެގޮތަށް ކަންތައް ކުރަން މަޖްބޫރުވަނީ،" މިޝޭލް ބުންޏެވެ.

މިޝޭލް ބުނި ގޮތުގައި އެއްވެސް ޑޮކްޓަރެއްގެ ފަރުވާއަކުން އޭނާގެ މައްސަލަ ހައްލުވާގޮތެއް ނުވެ އެވެ. އަދި ގިނަ ދުވަސްވާ ވަރަކަށް އޭނާއަށް ދިރިއުޅެން ދަނީ އުނދަގޫވަމުންނެވެ.