މައްސަލަތަކަށް ބަހުސް ކުރައްވާއިރު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މާތްވެގެންވާ އިސްލާމް ދީން ބޭނުން ކޮށްގެން ސިޔާސީ މަންފާ ހޯދުމުގެ ފުރުސަތު ހޯއްދަވައި ވަކި ބަޔަކާމެދު ނަފުރަތު އުފައްދަން މަސައްކަތް ނުކުރެއްވުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވި އިންތިގާލީ އިންސާފުގެ ބިލަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ދީނީ އިލްމުވެރިން ދީނީ ދައުވަތުދީ ނަސޭހަތް ދިނުން ހުއްޓުވާލަން މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ނިޒާމީ ނުކުތާއެއް ނަންގަވައި މީގެ ކުރީގެ ސަރުކާރުގައި އެ ސަރުކާރުގެ އިސް ބޭފުޅުން ދީނާ ހިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޝިޔާމް ހިމެނޭ ގޮތަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނަށް ފާޑުވިދާޅުވި އެވެ.
އަނދުންގެ ނިޒާމީ ނުކުތާއަށް ފަހުގައި ޝިޔާމަށް ފުރުސަތު ދެއްވުމުގެ ކުރިން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމުގައި ވަކި މިންގަނޑެއް ކަނޑައެޅުމަކީ މަޖިލީހުގެ ގަވާއިދުން އެމަނިކުފާނަށް ބާރު ދީފައިވާ ކަމެއް ކަމަށެވެ. އެ ގޮތުން ދީން ބޭނުންކޮށްގެން ސިޔާސީ ފުރުސަތު ހޯދުމުގެ ފުރުސަތު ނުދެއްވަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވެ، ޝިޔާމަށް ފުރުސަތު ދެއްވި އެވެ.
ޝިޔާމަށް ފުރުސަތު ދެއްވުމުން އޭނާ ދެން ވިދާޅުވީ ރިޔާސަތުން އިއުލާން ކުރީ ހިތާމަވެރި ކަމެއް ކަމަށާއި އިސްލާމީ ގައުމެއްގެ މަޖިލީހުގައި އިސްލާމް ދީނުގެ ވާހަކަ ދެކެވެން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނުގެ ވާހަކަ ދައްކަނީ އިސްލާމަކަށްވާތީ ކަމަށާއި ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ.
ޝިޔާމްގެ ވާހަކަ މެދުކަނޑާލުމަށްފަހު ރައީސް ނަޝީދު ދެން ވިދާޅުވީ "އިއްޒަތްތެރި މެންބަރުން މިހާރު ތި ކުރައްވަނީ އަޅުގަނޑު ދެންމެ މެންބަރުގެ އަރިހުން އެއްކިބާވެ ހުންނެވުމަށް އެދުނު ކަންކަން" ކަމަށެވެ. ނަމަވެސް ދެން އިތުރަށް އެ ވާހަކަ ދެއްކުން ހުއްޓާލަން ގަސްދު ނުކުރައްވާ ކަމަށާއި އެހެންވިޔަސް އެފަދަ ވާހަކަތައް ނުދައްކަން އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންނަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަގެ މަތީގައި ތިބި ބައެއް، ރައްޔިތުންގެ ނަފުރަތު އެއް ބަޔެއްގެ މައްޗަށް އުފެދޭ ގޮތަށް ތި ގޮތަށް ވާހަކަ ދައްކަވައިގެން ނުވާނެ، ނަމަވެސް ދެން މެންބަރު އެ ގޮތަށް އަމަލު ކުރިޔަސް އަޅުގަނޑު ހުއްޓުވައެއް ނުލާނަން. އެކަމަކު އެ ގޮތަށް އަމަލު ނުކުރަން ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.