އަހުމަދު ޝިޔާމް

އިންގާލީ އިންސާފުގެ ބިލެއް ހަދަނީ ވަކި ބަޔެއްގެ ކަރުގައި ހިފަން: ޝިޔާމް

އިންތިގާލީ އިންސާފު ގާއިމު ކުރަން ކަމަށް ބުނެ ސަރުކާރުން ބިލެއް ފަރުމާކޮށް މަޖިލީހަށް ވެއްދީ ވަކި ބަޔަކަށް އަމާޒުކޮށް އެ މީހުންގެ ކަރުގައި ހިފުމުގެ ނިޔަތުގައި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އަދި އެ ބިލަކީ ވަކި ބަޔަކަށް އަނިޔާ ދިނުމުގެ އަމާޒުގައި ވަކި ތާރީހުތަކަކަށް ފަރުމާކޮށްފައި އޮތް ބިލެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ވަކި ބަޔަކަށް އަނިޔާ ކުރުމުގެ ނިޔަތުގައި މި މަޖިލީހަށް ގާނޫނުތައް ފަރުމާ ކޮށްގެން ގެންނަ މަންޒަރު، އަޅުގަނޑަށް ފެންނަނީ ބިލަކީ ވަކި ބަޔަކު ކަރުގައި ހިފުމަށް ހަދާ ބިލެއްގެ ގޮތުގައި، މި ގޮތަކަށް ގާނޫނެއް ގެނެސްގެން ނުހެދޭނެ." ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ފަހުން ފެނިގެން ދިޔައީ އެ ބާވަތުގެ ގާނޫނުތައް ހަދައިގެން ވަކި ބަޔަކަށް އަމާޒު ކުރާ މަންޒަރު ކަމަށެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންތަކަށް ބާރު ދޭން ގާނޫނުތައް ފަރުމާ ކުރީ ވެސް އެ އަމާޒުގައި ކަމަށާއި ކޮމިޝަންގެ މަސައްކަތްތަކުން އެ ކަން ސާފުވާ ކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ދިން ގާނޫނީ ބާރުތަކާއެކު އެ ކޮމިޝަންތަކަށް ވެސް މިހާރު ހުށަހަޅައިގެން އުޅޭ ބިލުން ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރެވޭނެ ކަމަށާއި ބޭނުން މީހެއްގެ ކަރުގައި ހިފަން ފުރުސަތު އެބަ އޮންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އިތުރު ބިލެއް ހަދަނީ ކީއްކުރަންތޯ ވެސް ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑަށް ފެންނަނީ ބިލަކީ ވަކި ބަޔަކު ކަރުގައި ހިފުމަށް ހަދާ ބިލެއްގެ ގޮތުގައި، ހަމަ އެ ގޮތަށް ކުރިން ހެދި ކޮމިޝަންތައް ބޭނުންކޮށްގެން ވެސް ތި ކަރުގައި ހިފަން ބޭނުންވާ ރައްޔިތުންގެ ކަރުގައި ހިފުމުގެ ފުރުސަތު އެބައޮތޭ، އެ ކޮމިޝަންގައި އެ ބާރު ނެތީހޭ އިތުރު ބިލެއް ގެނައީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައި ވަނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށެވެ. ގަނޫނު އަސާސީގައި އޮންނަނީ ޝަރުއީ ނިޒާމު މެދުވެރިކޮށް އިންސާފު ހޯދުމަށް ކަމަށާއި އެހެންވީތީ ވެސް އެ ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރަށް އޭނާ ފާހަގަ ކުރެއްވީ އެ ބިލުން އުފައްދާ އިންތިގާލީ އިންސާފުގެ އޮމްބުޑްސްމަންގެ އޮފީހަށް ރައީސް ތިން މެންބަރުން އައްޔަންކޮށް، އެ މެންބަރުންނަށް އިތުރު މުވައްޒަފުން އެ އޮފީހަށް ލުމަށް ބިލުން ބާރު ދޭ މާއްދާއަށެވެ. އެއިން ބޭނުން ވަރަކަށް މީހުނަށް ވަޒީފާ ދޭން އެ މެންބަރުންނަށް ފުރުސަތު އޮންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިހާރު ވެސް ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވެ، އެ ސިޔާސީ މުވައްޒަފުންނަށް ދައުލަތުން އެތައް މިލިއަން ރުފިޔާ އިން ހޭދަކުރާއިރު، އިތުރު ސިޔާސީ މީހުނަށް ވަޒީފާ ލިބި ދައުލަތުގެ ހަރަދު ބޮޑުވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެތައް މިލިއަން ރުފިޔާއެއް މި ސިޔާސީ މުވައްޒަފުންނަށް ހޭދަ ކުރަން ޖެހޭ. އެހެން އޮތްވާ މި ބިލުން އެބަ ފުރުސަތު ދޭ ރައީސް އައްޔަން ކުރާ ތިން މެންބަރުންނަށް އެ މެންބަރުން ބޭނުންވާ މިންވަރަކަށް މީހުން އެ އޮފީހުގެ ވަޒީފާތަކަށް ލާން. ދެން މި މީހުނަށް އިތުރަށް ހޭދަކުރަން އަނެއްކާ މި އިތުރު ކުރަނީ ރައްޔިތުން އަތުން ނަގާ ޓެކްސް." ޝިޔާމް ވިދާޅުވި އެވެ.