ހަބަރު

ސިއްހީދާއިރާގެ އެއްބަސްވުމަށް ސައުދީން ރުހުންދީފި

ސައޫދީއަރަބިއްޔާ އާއިއެކު ރާއްޖެއިން ވެފައިވާ ސިއްހީ ދާއިރާގެ އެއްބަސްވުމަށް އަމަލުކުރުމަށް އެގައުމުގެ ކެބިނެޓުން ރުހުންދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއާއި ސައޫދީއަރަބިއްޔާއާއި ދެމެދު މިއަހަރުގެ މާޗް މަހު، ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވެވުނު އެއްބަސްވުމަށް އަމަލުކުރުމަށް އިއްޔެ ސައޫދީ ކެބިނެޓުން ހުއްދަ ދީފައިވާއިރު، އާދިއްތަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި ބައްދަލުކުރައްވައި، ދެގައުމުގެ މެދުގައި މަޝްވަރާތައް ބާއްވަވާފައި ކަމަށެވެ.

މިނިސްޓަރ ޝާހިދު ސައުދީއަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް އުތައިމީން އާއި ބައްދަލުކުރެއްވުމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި، ސިއްހީ ހިދުމަތް ދޭ ތަންތަން އިތުރަށް ހަރުދަނާކުރުމަށް ސައޫދީއަރަބިއްޔާއިން އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.