ބޮލީވުޑް

ދަރިފުޅު އެކްޓަރަކަށް ވާން ބޮބީ ޑެއޯލް ބޭނުން

ބޮބީ ޑެއޯލްގެ ދަރިފުޅު އާރްޔަމަން ޑެއޯލް ވެސް ފިލްމު ކުޅެން ޝައުގުވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބޮބީ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބޮބީ ބުނީ ދަރިފުޅު އަދި ކިޔަވަނީ ކަމަށާއި ތައުލީމު ފުރިހަމަކުރުމަށްފަހު އެކްޓްކުރުމުގެ ރޮނގުން ކުރިޔަށް ދިއުމަށް ދަރިފުޅު ވިސްނާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ބޮބީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ކިޔެވުމަށް ލޯބިކުރާ ކުއްޖެކެވެ. އަދި ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. ދަރިފުޅު ކުރިޔަށް ދާނެ ރޮނގެއް އަދި ޔަގީން ނުވާ ކަމަށް ބޮބީ ބުންޏެވެ.

"ދަރިފުޅު އާރްޔަމަން އަށް އަދި މީ 18 އަހަރު. އޭނާ ފިލްމު ކުޅޭނެކަން އަދި ނޫންކަން ޔަގީނެއް ނޫން. އޭނާ ބޭނުންކަމެއް ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެ،" ބޮބީ ބުންޏެވެ.

ބޮބީ ފިލްމީ ދުނިޔެއަށް ވަނީ 1995 ގައި ނުކުތް ރާޖް ކުމާރް ސަންތޯޝީގެ "ބަރުސާތު" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު ބައިވެރިވީ އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ އެވެ. ބޮބީގެ ދިގު ފިލްމީ ކެރިއަރުގައި "ގުޕްތު"، "ސޯލްޖާ"، "ބިއްޗޫ"، ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައި ވެއެވެ. މިފަހަކުން އޭނާ ފެނިފައިވަނީ "ހައުސްފުލް 4" އާއި "ރޭސް 3" އިންނެވެ.