ހަބަރު

އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން އިމްރާން ދެކޮޅު

Nov 27, 2019

ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހު އެއްކޮށް އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރޫއަރާފާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އެ އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އިސްލާހުގައިވާ ގޮތުން، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ އަދި ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި އެއްވެސް އެއްވުމެއް ނުބޭއްވޭނެ އެވެ.

އެ އިސްލާހާ އުވާލުމާ މެދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިނިސްޓަރުގެ ލަފައަކަށް އެހުމުން، އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާމިނަކަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށެވެ. އެކަމަކު، އެ އިސްލާހު އުވާނުލުމަކީ އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެއްކޮށް އުވާނުލައި ރައްޔިތުންނަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވިދާނެ ކަމަށް ނުވަތަ އިސްލާހެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި ކޮމިޓީގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން، ހަމީދު ވިދާޅުވީ ކުރީގެ ސަރުކާރުގައި ގެނައި އިސްލާހުގައި، އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަަމަށް އޮތަސް އެއަށް ވުރެން ފުޅާކޮށް މިހާރު ވެސް ފުލުހުން އަންނަނީ ފުރުސަތު ދެމުން ކަމަށެވެ. ކާނިވާ ސަރަހައްދުގައި ނޫނަސް އިދިކޮޅުން ސިލްސިލާކޮށް، ބާއްވަމުން އަންނަ އެއްވުންތަކަށް ވެސް ފުރުސަތު ދޭ ކަން ހަމީދު ފާހަގަކުރެއްވި އެވެ.

ނަމަވެސް، އެއްވެ އުޅުމުގެ ގާނޫނަށް ގެނެވިފައިވާ އިސްލާހު ބާތިލުކުރުމުން ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކުރިމަތިވެދާނެކަމާމެދު ފަންނީ ގޮތެއްގައި އިތުރަށް ބަލަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޓެކްނިކަލް ލެވެލެއްގައި އެކަން ބެލުމަށްފަހު، ހޯމް މިނިސްޓަރާ މަޝްވަރާކުރައްވައި، އެކަމުގެ ކަރުދާހެއް ވީއެންމެ އަވަހަކަށް ކޮމިޓީއަށް ހުށަހަޅައި ދެއްވުމަށް ރިޔާސަތުގައި އިންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.