ސައިންސް

މިސްރުގެ ފުރަތަމަ ސެޓްލައިޓު ޖައްވަށް ފޮނުވާލަނީ

Nov 28, 2019
1

އިންޓަނެޓުގެ ސްޕީޑް އަވަސް ހިދުމަތް ލިބުމަކީ އިންޓަނެޓް ބޭނުންކުރާ ހުރިހާ މީހުން ވެސް އެދޭ ކަމެކެވެ. ލޯޑު ނުވެގެން ފަސް ސިކުންތަށް މަޑު ކޮށްލަން ޖެހުމަކީ ވެސް ކެތްތެރިކަން ކޮޅުންލާ ކަމެކެވެ. މި ތުރާތަކަށް ނިމުން ގެނައުމުގެ ބޭނުމުގައި ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން ދަނީ ތަފާތު ޓެކްނެލޮޖީ ބޭނުން ކުރަމުންނެވެ. ޓޫޖީން ފެށިގެން މިހާރު މިވަނީ ފައިވް ޖީ އަށް ވެސް އައިސްފަ އެވެ. އެކަމަކު ވެސް އިންޓަނެޓް ފާސްޓެއް ނުވެއެވެ.

މިއީ ހަމަ ހުރިހާ ގައުމަކަށް ވެސް ދިމާވާ މައްސަލައެކެވެ. އިންޓަނެޓުގެ މައްސަލަ އެންމެ ބޮޑުކޮށް އުޅެނީ އެފްރިކާގެ ބައްރުގެ ގައުމުތަކުގަ އެވެ. އެފްރިކާގެ ބައްރުގެ ނިސްބަތުން ބަލާއިރު މިސްރަކީ މުއްސަދި ގައުމެކެވެ. ނަމަވެސް އިންޓަނެޓުގެ ހިދުމަތުގައި އުޅެނީ ވަރަށް ފަހަތުގަ އެވެ. އެފްރިކާ ބައްރުގެ އާބާދީގެ ތެރެއިން އިންޓަނެޓް ބޭނުންކުރަނީ އެންމެ 13 ޕަސަންޓު މީހުންނެވެ. އެންމަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ބައްރުގައި ވަނީ ނެޓް ސްޓޭޝަނެއް ވެސް ގާއިމްކޮށްފަ އެވެ. އެކަމަކު މިއިން ދޫކުރާ އިންޓަނެޓު ސްލޯ އެވެ.

އަވަސް އިންޓެނެޓް ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި މިސްރުން މިހާރު ވަނީ ޓެލެކޮމިއުނިކޭޝަން ސެޓްލައިޓެއް އުފައްދައި އަންނަ ހުކުރު ދުވަހު ޖައްވަށް ފޮނުވަން ތައްޔާރުވެފަ އެވެ. މިއީ މިސްރުން ޖައްވަށް ފޮނުވާ ފުރަތަމަ ޓެލޮކޮމިއުނިކޭޝަން ސެޓްލައިޓެވެ. ނަމަކީ "ޓިބާ-1" އެވެ.

މި ސެޓްލައިޓް އުފައްދާފައިވަނީ އެއާބަސް އާއި ތަލެސް އެލީނާ ސްޕޭސް (ޓީއޭއެސް) ދެ ކުންފުނި ގުޅިގެންނެވެ. މި ދެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ޓިބާ-1 އަކަށް ޖައްވުގައި ހަރަކާތެރިވުމުގެ ގާބިލްކަން ލިބިގެންވާނީ 15 އަހަރަށެވެ. މިއީ އެހެން ޓެލޮކޮމިއުނިކޭޝަން ސެޓްލައިޓުތަކާ އަޅާ ބަލާއިރު ވަރަށް ކުޑަ އުމުރެކެވެ.

އެއާބަސް ކުންފުނިން ބުނި ގޮތުގައި ޓިބާ-1 ޖައްވުގައި ހަރަކާތްތެރިވާ 15 އަހަރުގެ މުއްދަތުގައި ޔޫރަޕްގެ ކުރި އަރާފައިވާ ގައުމުތަކުގެ އިންޓަނެޓާ އެއް ފެންވަރަކަށް މިސްރަށް އިންޓަނެޓުގެ ހިދުމަތް ލިބޭނެ އެވެ. ޓިބާ-1 ބަރު ދަނުގައި ހުންނަނީ 5.6 ޓަން ކަމަށް ވެސް އެއާބަސް ކުންފުނިން ބުންޏެވެ.

ޓިބާ-1 ޖައްވަށް ފޮނުވާލުމަކީ މިސްރުގެ ޖައްވީ އިދާރާއިން އިސް ނަގައިގެން ކުރިއަށް ގެންދާ ކަމެކެވެ. އެ އިދާރާއިން ބުނި ގޮތުގައި ޓިބާ-1 ޖައްވުގައި ހޭދަކުރާ 15 އަހަރުގެ މުއްދަތުގައި އިންޓަނެޓުގެ ހިދުމަތުގެ އިތުރުން މިސްރުގެ ސަރުކާރަށް ބޭނުންވާ އެހެނިހެން މުވާސަލާތީ ހިދުމަތްތަށް ވެސް ފޯރުކޮށްދޭނެ އެވެ. އަދި މިއީ މިސްރުގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓަރްކްޗާ ބިނާ ކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށް ވެސް އިދާރާއިން ބުންޏެވެ. އެ އިދާރާއިން އިތުރަށް ބުނީ، ފުރިހަމަ މުވާސަލާތީ ހިދުމަތެއް މިސްރަށް ނުލިބޭތީ އެކަމުގެ ގެއްލުން ގައުމުގެ އިގްތިސޯދަށް ވަމުންދާ ކަމަށެވެ.

މި ސެޓްލައިޓުް ޖައްވަށް ފޮނުވާލާނީ ކައިރޯގައި ހުންނަ ލޯންޗު ޕެޑުންނެވެ. މިސްރުގެ ކޮމިއުނިކޭޝަން މިނިސްޓިރީން މި މިޝަނުގެ މައުލޫމާތު ދެމުން ވިދާޅުވީ، ޓިބާ-1 ބޭނުން ކުރާނީ ހަމައެކަނި މިސްރުގެ މުވާސަލާތީ ހިދުމަތް ރަނގަޅު ކުރަން ނޫން ކަމަށެވެ. ޓިބާ-1 ބޭނުން ކޮށްގެން މިސްރުގެ އަވައްޓެރި ގައުމުތަކަށް އެހީވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަންނަ ހުކުރު ދުވަހު ޖައްވަށް ފޮނުވާލާ ޓިބާ-1 ޖައްވަށް ދެވޭނީ 2020 ވަނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހު އެވެ.