ހަބަރު

ފަނޑިޔާރު ޣަނީ ވަކި ކުރަން ކޮމިޓީއިން ތާއިދުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކި ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމައިފި އެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް ނިންމީ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީއިން ނިންމީ ފަނޑިޔާރު ޣަނީ ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

އެހެންވެ، ފަނޑިޔާރު ޣަނީ ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއިން ނިންމި އެވެ. މަޖިލީހުގައި އޭނާ ވަކި ކުރަން ވޯޓު ނަގާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ އެވެ.

ފަނޑިޔާރު ޣަނީ ވަކި ކުރަން ޖޭއެސްސީއިން ނިންމައި، އޭނާ 60 ދުވަހަށް ސަސްޕެންޑް ވެސް ކުރި އެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ. އެ މައްސަލާގެ ތަހުގީގަށް ފަނޑިޔާރު ޣަނީ ގެންދަވަނީ އެއްބާރުލުން ދެއްވި އެވެ.

ފަނޑިޔާރު ޣަނީ ޖޭއެސްސީއަށް ހާޒިރުވެ އެއްބާރުލުން ދެއްވާފައިވާއިރު އެ މައްސަލަތަކަކީ ޖޭއެސްސީއަށް ނުބެލޭނެ މައްސަލަތަކެއް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު ޖޭއެސްސީއަށް ހާޒިރުވާން ދެކޮޅު ހެއްދެވި އެވެ. އެކަމާ ވެސް ގުޅިގެން އެ ދެ ބޭފުޅުން މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ޖިނާއީ ހުކުމެއް އައުމުން ސުޕްރީމް ކޯޓުން ހުސްވި ދެ ޖާގައިގެން ކުރެ އެއް ޖާގައަށް ފަނޑިޔާރު ޣަނީ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭރު އޭނާ ހުންނެވީ ހައިކޯޓު ފަނޑިޔާރުގެ މަގާމުގަ އެވެ. އޭނާއާއެކު ސުޕްރީމް ކޯޓަށް ދެން އައްޔަން ކުރެއްވީ އޭރު ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އޭނާ ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.

ފަނޑިޔާރު ޣަނީ ހައިކޯޓުގައި އުޅުއްވި ދުވަސްވަރުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާއިރު އޭނާއާ ގުޅޭ އެހެން މައްސަލައެއް ވެސް އަމިއްލަ ފަރާތަކުން މީގެކުރިން އޮތީ އޭސީސީއަށް ވައްދާފަ އެވެ. އެއީ ފަނޑިޔާރު ޣަނީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކާ ގުޅޭ މައްސަލައެކެވެ.

އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ޕެޓީ ކޭޝް ނަގައިގެން ކޮންމެ ދުވަހަކު ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖެއްސުމަށް ކޯޓުގެ މުވައްޒަފަކު، ކޯޓުގެ ވެހިކަލެއްގައި ހުޅުމާލޭގައި ހުންނަ ބޮންބޭދަރުބާރަށް ފޮނުވާ މައްސަލަ އެވެ. މައްސަލާގައި ތުހުމަތު ވަނީ ވަކިކޮށްފައިވާ ދެ ފަނޑިޔާރުންނާއި ފަނޑިޔާރު ޣަނީގެ އިތުރުން ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފެވެ.

އެ ފަރިއްކޮޅަކީ ރަނގަޅަށް ހިނގާ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭތީ ސުޕްރީމް ކޯޓަށް މިފަހުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން އެކަމުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.