(26 ނޮވެމްބަރ 2019 އާ ގުޅޭ)
ދަބަހުން ފޯނު ނަގައި ބަލާލިއިރު ސައިފްގެ މެސެޖެއެވެ. އިރުއޮއްސޭއިރު ބަލާދާނަންކަމުގައި ބުނެފައި އޮތެވެ. ވަގުތުން ވީރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެ މީހުން ބައްދަލުނުވެގެން އުޅޭތާ ހަފްތާއެއް ވެއްޖެ ވިއްޔާއެވެ. ހުރިހާ ކޫސަނި ޚިޔާލުތަކެއް ވީރާއާ ދުރަށް ހިނގައްޖެއެވެ.
ފުންނޭވާއެއް ލަމުން ގޮނޑީގެ ތެރެއަށް ސައިފް ހަށިގަނޑު ދޫކޮށްލިއެވެ. ދާދި ދެންމެއަކު މެސެޖެއްކުރަން ފޯނު ނެގި ގޮތަށް އޭނާގެ ވައަތުގައި ފޯނު އޮތެވެ. އަތްހިއްލާލުމާއެކު ފޯނަށް ނަޒަރު ހުއްޓާލައި ވީރާއަށް ފޮނުވި މެސެޖަށް އަދިވެސް އެއްފަހަރު އޭނާ ބަލާލިއެވެ. އެއްމިޔަކަނުން އޭނާ ހިނިތުންވެލިއެވެ. އޭނާގެ ނިޔަތް ރަނގަޅުނޫންކަން އެ ހިނިތުންވުން ހެކިދެއެވެ. ވީރާގެ ބޮލަށް އެރެން އޭނާ ހީކުރިވަރަށްވުރެ މާ ފަސޭހައޭ ސައިފްގެ ހިތަށް އެރިއެވެ. އެހެންއެވީ އޭނާގެ ޖާދޫގައި ހަޤީޤަތުގައި ވެސް ވީރާ ޖެހިފައި ހުރީމަކަން ޔަގީންކުރިއެވެ. އެކަމަކު މިހާރު ވީރާގެ މައްޗަށް އޮތް ޝައުގުވެރިކަން ކުޑަވެއްޖެއެވެ. ހޭޒަލްއާ ގުޅުމެއް އޮތްކަން އެނގުނު ހިސާބުންނެވެ. އަނެއްކޮޅުން ވީރާ ކައިވެނީގެ ވާހަކަ މާގިނައިން ދައްކާތީއެވެ. އިތުރު ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ސައިފްގެ ނެތެވެ. ވީރާގެ ގާތުން ބޭނުންވެގެން އުޅުނު ކަންތައްތައް ނުވެދާނޭ ހީވުމުން އެއްފަހަރު ސައިފްއަށް ކައިވެނީގެ ވާހަކަ އޮތީ ދެއްކިފައެވެ. ވީރާ ކައިވެނީގެ ވާހަކަ ނަގާ ކޮންމެ ފަހަރަކު ސައިފް ހަނދާންކޮށްދެނީ އޭނާ މީހަކާ އިނދެގެން އުޅޭކަމެވެ. ދެއަނތްބަށް އިންނާކަށް އޭނާގެ އަންހެނުންގެ ރުހުމެއް ނުލިބޭނެކަމެވެ. އަދި އޭނާގެ ވިސްނުން ހުރީ އަނބިމީހާ ވަރިކުރުމަށްފަހު ކައިވެންޏެއް ކުރަންކަން ސައިފް ބުނެއެވެ. އަނބިމީހާއަށް ސައިފް އިތުރު މީހަކާ އިންނަން އުޅޭކަން އެނގުމުން އެމީހަކަށް އޭނާގެ ދުއްތުރާތައް ފޯރާނޭކަން ސައިފް އޮތީ ވީރާއަށް ވިސްނާދީފައެވެ. ސައިފް ބުނާހާ ވާހަކައެއް ވީރާ ޤަބޫލުކުރެއެވެ. ދެ މީހުން ރައްޓެހިވެގެން އުޅޭތާ ފަސް މަސް ވެއްޖެއެވެ. އޭނާއަށް ވެސް ސިހުމަކަށްވީ ހޭޒަލްއާ ވީރާ އެކަކުއަނެކަކަށް އެނގުމެވެ.
ހިތްފުރުމުން ވީރާއާ ގުޅުން ކަނޑާލީމަ އެކަން އެހިސާބުން އެ ނިމުނީކަމުގައި ސައިފް ހުރީ ރާވައިގެންނެވެ. ނަމަވެސް މިހާރު މިވީ ގޮތުން އެކަން އެހާ ފަސޭހައިން ނުވާނޭ އޭނާއަށް ހީވަނީއެވެ. ވީރާއާ ދުރުވާންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކުކަން ސައިފްގެ ސިކުނޑި ވިސްނައިދިނެވެ. އެހެންނޫނީ ހޭޒަލްއާ ދެކޮޅަށް އޭނާދެއްކި ވާހަކަތަކަކީ ދޮގެއްކަން އެނގިދާނެއެވެ. އޭރުން ގޯސްވާނީ ސައިފްއެވެ. ވީރާ ގާތުގައި ހޭޒަލްއަށް ސައިފްއާ ގުޅުވާ މާގިނަ ވާހަކަތަކެއް ނުދެއްކުނަސް އޭނާ އެ ދެމީހުންގެ ދޭތެރެއަށް ވަންނާނޭ ސައިފްއަށް ހީވެއެވެ. އެހެންވެ ހޭޒަލްގެ ފަރާތުން އިޝާރާތެއް ވާނޭކަމަށް ސައިފް ހުރީ ތައްޔާރަށެވެ.
* * * * *
ސިޓިންރޫމުގައި ސޯފާއަށް ދެފައި އަރުވައިގެން ހޭޒަލް އިނީ ފޯނުގައި ލިއަމްގެ އުފަންދުވަހަށް ރާވާ ކަންކަން ނޯޓުކުރާށެވެ. އޮފީހުން ގެއަށް އައިސް ވަން ލިއަމްއަށް ސޯފާގައި އިން ހޭޒަލް ފެނުމުން ފުރަތަމަ ވެސް ދެއްކީ އޮފީހުގެ ފަރާތުން ދާން ހަމަޖެހިފައި އޮތް ދަތުރެއްގެ ވާހަކައެވެ. ދަނީ ކޮންދުވަހަކުތޯ ހޭޒަލްއަށް އަހާލެވުނީ ނިކަން އަވަހާއެވެ. ހަފްތާގެ މެދުތެރެއިން ސަރުކާރު ބަންދު ދުވަހެއް އަންނާތީ އޭގެ ކުރީ ދުވަހުގެ މެންދުރު ފަހު ފުރާ ގޮތަށް ހަމަޖެހިފައި އޮތްކަމަށް ލިއަމް ބުންޏެވެ. ދަނީ ރޭގަނޑު މަޑުކޮށްފައި އަނެއް ދުވަހު އަންނަ ގޮތަށްކަމަށެވެ. އޮފީސް މީހުން އެކަނިތޯ ދަނީ ހޭޒަލްއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ލިއަމް އާނއެކޭ ބުނެލީ ނިކަން ފަސޭހައިންނެވެ. އިސްވެރީން ވެސް ދަތުރުގައި ބައިވެރިވާކަން ލިއަމް އިތުރުކޮށްލިއެވެ.
ހޯމަ ދުވަހުގެ މެންދުރުފަހު ދޭއްޖެހި އިރު ލިއަމް ހުރީ ގޭގައެވެ. އޭނާ ދަތުރު ގެންދިއުމަށް ގެންގުޅޭ "ލާކޯސްޓް ސެއިލާ ބޭގް" ހުރީ ހޭޒަލް ތައްޔާރުކޮށްފައެވެ. ލިއަމް އޮފީސް ހެދުން ބަދަލުކޮށްގެން ކޮޓަރިން ނުކުތް ވަގުތު ހޭޒަލް އޭނާއަށް ގޮވާލިއެވެ. އަދި ފިނި ޖޫސްތަށްޓެއް ހިފައިގެން އައިސް ލިއަމްއަށް ދިއްކޮށްލިއެވެ. އޭނާ ޖޫސްތަށި އަވަހަށް ބޯލައި ހޭޒަލްއަށް ތަށި ދިއްކޮށްލުމާއެކު ސުވާލު ކުރީ އޭނާގެ ފީނާ ސާމާނު ހޯދައި ދިނުމަށެވެ. ހޭޒަލް ބަދިގެއަށް ވަދެ ސިންކުގައި ބިއްލޫރިތަށި ބަހައްޓާލާފައި ހިނގައިގަތީ ދޮންނަމެޝިނު ބަހައްޓާފައި ހުރި ބަޔަށެވެ. އެތަނުގައި ހުރި ކަބަޑެއްގެ ތެރެއިން ދަބަހެއް ނަގައިގެން އައިސް ސޯފާގައި އިން ލިއަމްއަށް ދިއްކޮށްލިއެވެ. ދަބަހުގެ ތެރެއިން ފީނަން ބޭނުންކުރާ ސާމާނުތައް ނަގައި އެތަކެތި ހުރީ ރަނގަޅަށް ތޯ ލިއަމް ބެލިއެވެ. އަދި މޫނުމަތި ހިފައިގެން ލިއަމް ބަދިގޭ ސިންކު ކައިރިއަށް އައިސް އެ ސާފުކުރަން ފެށިއެވެ. ދަތުރު ދަނީ ކޮން ރަށަކަށްތޯ އެހުމުން ލިއަމް ބުނީ ހަމައެކަނި އަތޮޅެވެ. ރަށަށް ކިޔާ ނަން ހަނދާނެއް ނެތްކަމަށެވެ. އެނބުރި އަންނާނީ ކިހާއިރަކުންތޯ އެހުމުން ލިއަމް ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސޭއިރު ކަމަށެވެ.
ކޮނޑުގައި ހަށިގަނޑުގެ ހުރަހަށްވާހެން ލިއަމްގެ ދަބަސް އަޅުވާލައި ވައަތުން ފީނާ ސާމާނުގެ ހުރި ދަބަސް ހިފަހައްޓާލައިގެން ލިއަމް އެޕާޓްމެންޓުން ނުކުތެވެ. ދޮރުމަތީ ހުރެ ލުއި ހިނިތުންވުމަކާއެކު ހޭޒަލް ގެނެސް އޭނާއާ ގާތްކޮށްލައި ނިތްކުރިއާއި ކޯތާފަތުގައި ބޮސްދިނެވެ. ލިއަމް ގާތު ބަލައިގެން އުޅުމަށާއި ސަކަރާތް ބޮޑުނުކުރަން ހޭޒަލް ހަނދާންކޮށްދިނެވެ. ލިއަމް ބޯޖަހަމުން ހޭޒަލް ގާތު ހާސްނުވުމަށް ބުންޏެވެ. އަދި އޭނާ ހިނގައިގަތުމުގެ ކުރީން ހޭޒަލް ގާތު ވަރަށް ލޯބިވާކަން ހާމަކޮށްލިއެވެ. ހޭޒަލްގެ ޖަވާބު ލިބުމާއެކު ހިނިތުންވެލައިގެން ހުރެ ލިއަމް ގޮސް އެލެވޭޓަށް އަރަންދެން ހޭޒަލް ބަލަން ހުއްޓެވެ.
އޮފީހުން އަހަރަކު ދެތިން ދަތުރު ބާއްވާއިރު އެއިން ކޮންމެ ދަތުރެއްގައި ލިއަމް ބައިވެރިވާނެއެވެ. އޭގެ އިތުރުން ބާއްވާ މަސްދަތުރު ތަކަކީ ކޮންމެ މަހަކު އެއްފަހަރު ބާއްވާ ކަމެކެވެ. އެ ދަތުރު ތަކުގައި ވެސް ލިއަމް ބައިވެރިވެއެވެ. ބައެއްފަހަރަށް ލިއަމް ގާތު ނުގޮސް މަޑުކޮށްލަން ބުނަން ހޭޒަލް ހިތަށް އަރައެވެ. އެހެންނަމަވެސް މިވީހާތަނަށް ހޭޒަލްގެ ދުލުން އެ ލަފުޒުތައް ބޭރުވެފައެއް ނެތެވެ. އޭގެ އިތުރުން މިފަހަކަށް އައިސް ހޭޒަލްއަށް އެންމެ ވިސްނޭ ކަމަކީ ލިއަމް އޮފީހުގެ އޮޕަރޭޝަންތަކަށް ދާން ޖެހޭ ޖެހުމެވެ. އެއީ ކޮންމެހެން ވެސް އޭނާ ދާންޖެހޭނެ ކަމެއްކަން ހޭޒަލް އެނގެއެވެ. ހަފްތާއަކު ކޮންމެ ރެއަކު ވެސް އެބުނާ އޮޕަރޭޝަނެއް އޮވެދާނެއެވެ. އިރާކޮޅު ގެއިން ދާ މީހާ އެނބުރި އަންނަނީ ބާރަގަޑި ބައިކަންހާއިރު އެވެ. އައިސްފަ ވެސް ލިއަމް ބުނާނީ އޭނާ އެ އައީ އާދެވިގެންނޫން ކަމަށެވެ. ލަސްވާނެތީ ހޭޒަލްއަށް ޓަކައި އޭނާ ގެއަށް އައީ ކަމަށެވެ. މަޑުމަޑުން އަޅުކަމާ ދުރުވަމުން ގޮސް ގޭގައި ވެސް ލިއަމް ނަމާދަކަށް އަރާލާތަނެއް ހޭޒަލް ނުދެކެއެވެ. ލޮލަށް ފެނި ބުއްދިއާއި ޟަމީރު ކަމަކަށް އިޝާރާތްކުރާނަމަ އެކަމުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއްވާނޭކަން ޤަބޫލުކުރަން ބޭނުންވާ މީހަކަށް ވިސްނޭނެއެވެ. އެކަމަކު ހަޤީޤަތާ ކުރިމަތިލާން ބޭނުންނުވާ މީހަކަށް މަސައްކަތްކުރެވޭނީ ފެންނަކަންކަން އޮއްބާލައި ދެކޮޅު ނުޖެހޭ އުޒުރުތައް އަމިއްލަ ނަފްސަށް ވިސްނައިދޭން މަޖުބޫރުކުރުމުގައެވެ.
ބޭކާރު ޚިޔާލުތަކުން ނަފްސު އެއްފަރާތް ކުރަމުން ހޭޒަލްގެ ދުވަސް ރާވާލިއެވެ. އަންގާރަ ދުވަހު އެއްކޮށް ލިއަމް ނުފެންނާނޭކަން އެނގޭތީ އޭނާ ވަގުތު ހޭދަކުރަން ގަސްދުކުރީ އެއްޗެހި ގަތުމުގައެވެ.
ހެނދުނު ނުވަގަޑި ބައިކަން ހާއިރު ހޭޒަލް ގެއިން ނުކުތީ ދާނޭ ފިހާރަތައް ސިކުނޑީގައި ބަހައްޓައިގެންނެވެ. ލިއަމްއަށް އޮނަތިރީސް އަހަރު ފުރޭއިރު އޭނާއަށް އެކިވައްތަރުގެ އޮނަތިރީސް ހަދިޔާ ދޭން ހޭޒަލް ވިސްނިއެވެ. ދޭނޭ ހަދިޔާތަކުގެ ލިސްޓެއް ވެސް ހޭޒަލްގެ ފޯނުގައި ތައްޔާރުކުރެވިފައި ވެއެވެ.
މެންދުރު ނަމާދަށް ގެއަށް އައުމަށްފަހު ހޭޒަލް ދެން ނުކުތީ އަސުރުގެ ފަހުންނެވެ. އިރުއޮއްސެންވީއިރު އޭނާއަށް ނުގަނެވި ހުރީ ދެތިން އެއްޗެކެވެ. އިރުއޮއްސުމަށްފަހު ބޭރަށް ނުކުތުމުގެ ޚިޔާލެއް ހޭޒަލްގެ ނެތެވެ. އޭނާއަށް ލިއަމް ދެ ފަހަރަކު ގުޅިއެވެ. އެ ދެފަހަރު ވެސް ހޭޒަލް އުޅުނީ ބޭރުގައެވެ. އެހެންނަމަވެސް އޭނާ ލިއަމް ގާތަކު ނުބުންޏެވެ. ލިއަމް ވެސް މާގިނަ ވާހަކައެއް ނުދެއްކިއެވެ. މާލެ އަންނަން ފުރުމާއެކު އެ ޚަބަރު ދޭން ލިއަމް ގުޅިއެވެ. އަލަމާރިތެރޭ ބިއްދޮށުގައި ހޭޒަލް ގެނައި ސާމާނުތައް ފޮރުވަން ލިއެވެ. ލިއަމް އަލަމާރި ނުހާވާނޭކަން ހޭޒަލްއަށް ޔަގީންވެއެވެ. އެތަކެތި ޕާރުސަލް ކުރުމަށް ހޭޒަލްގެ ވިސްނުން ހުރީ ލިއަމް އޮފީހަށް ނުކުތުމުން އެވަގުތުތަކުގައި ކުރާ ގޮތަށެވެ.
ދަތުރު ނިންމާފައި އައިސް އޮފީހަށް ނުކުންނަންވުމުން ލިއަމް ވަރަށް ޝަކުވާކުރިއެވެ. ކަންނެތްކަމާއި ވަރުބަލިކަމުގެ ސަބަބުން ދާހިތްނުވިޔަސް ލިއަމް އޮފީހަށް ނުގޮސް ނުހުންނާނޭކަން ހޭޒަލްއަށް ޔަގީންވެއެވެ. ބަލިވެގެން ނުތެދުވެވޭވަރު ވެގެންނޫނީ ލިއަމް އޮފީހަށް ނުގޮހެއް ނުހުންނާނެއެވެ. އޮފީހަށް އެހާ ފަރުވާތެރިއިރު އެހެން ކަންކަމަށް ވެސް ލިއަމް ފަރުވާތެރިވާނެނަމައޭ ކިތަންމެ ވަރަކަށް ވެސް ހޭޒަލް ހިތަށް އަރައެވެ. ބައެއްފަހަރަށް ލިއަމްއާ ދިމާއަށް ހޭޒަލްއަށް އެހެން ބުނެވިފަ ވެސް އެބަހުއްޓެވެ.
އުފަން ދުވަސް އަންނަންވީއިރު ލިއަމް ދެއްކީ ހުޅުމާލޭގައި ހިންގާ އޮފީހުގެ އޮޕަރޭޝަނެއްގައި އޭނާ ބައިވެރިވާން ޖެހިފައި އޮތްކަމެވެ. އުފަން ދުވަހު ގޭގައި ނުހުންނާނޭކަން އޭނާ ޔަގީންކޮށްދިނެވެ. ރޭވިގޮތަށް ހުރިހާކަމެއް ކުރިއަށް ނުދާނޭކަން އެނގުމުން ހޭޒަލް މާޔޫސްވިއެވެ. އެހެންނަމަވެސް އެކަން ފާޅެއް ނުކުރިއެވެ.
ހުކުރާއި ހޮނިއިރު ގައި ވެސް ލިއަމް ގިނަވަގުތު ހޭދަކުރީ ގެއިން ބޭރުގައެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔަން ހޭޒަލްއަށް ޖެހުނީ ފޯނުންނެވެ. ހުކުރު ދުވަހުގައި އޮތް އޮޕަރޭޝަން ވަކިކޮޅެއްގައި ނުޖެއްސުނީތީ ހޮނިހިރު ދުވަހު އެކަމުގެ މަސައްކަތް ކުރިއަށް ގެންދަނީކަން ލިއަމް ބުންޏެވެ. ހުކުރު ދުވަހު މެންދުރު ކައިގެން ގެއިން ނުކުތް ލިއަމް ގެއަށް އައިއިރެއް ވެސް ހޭޒަލްއަކަށް ނޭގެއެވެ. އޭގެ އަނެއްދުވަހު ހޭލީ މެންދުރުވީ ފަހުންނެވެ. ހޭލި ގޮތަށް ފެންވަރައިގެން ކައިގެން ދޭއްޖަހަނިކޮށް ނުކުމެގެން ދިޔައީއެވެ. އެ ދިޔަ މީހާ ހޭޒަލްއަށް ފެނުނީ އެރޭ ފަތިހު ފަތިސް ނަމާދަށް ތެދުވި ވަގުތު އެނދުގައި ނިދާފައި އޮއްވައެވެ. ދެން އަނެއްކާ ވެސް ހެނދުނު ތެދުވެގެން ލިއަމް އޮފީހަށް ދިޔައީ ހުޅުމާލެއަށް ދާން އޮތްކަމަށް ބުނެ ގޭގައި އޮތް ހެލްމެތް ހިފައިގެންނެވެ. މާގިނަ ވާހަކައެއް ދައްކާނޭ ފުރުޞަތެއް ހޭޒަލްއަކަށް ނުލިބުނެވެ. އެހެންވިޔަސް ހޭޒަލް ގަސްދުކުރީ ލިއަމް އޮފީހުން އަންނަންވާއިރަށް ގޭތެރެ ތައްޔާރުކޮށްލާފައި ބޭއްވުމަށެވެ. އުފަން ދުވަސް ދިޔައިރު ތަހުނިޔާ ކިޔާލުން ފިޔަވާ ހޭޒަލްގެ ފަރާތުން އިޝާރާތެއް ނުވީމާ ލިއަމް ވެސް ހުންނާނީ އެފަދަ ކަމަކަށް ތައްޔާރުނުވެކަން ހޭޒަލްގެ ހިތަށް އެރިއެވެ. ލިއަމްއަށް ވަގުތުނުވީމާ ހޭޒަލް ވެސް އަޅާނުލިއްޔޭ ހީވާކަށް ހޭޒަލް ބޭނުމެއްނޫނެވެ.
ހޭޒަލް އަލަމާރިތެރެއިން ގަނެފައި ހުރި އެއްޗެހިތައް ނަގައި ޕާރުސަލް ކުރަންފެށިއެވެ. ޚާއްޞަ މުނާސަބަތުތަކަށް ތަފާތު ޚިދުމަތްތައް ދޭ ފަރާތަކަށް ގުޅައި ހޭޒަލް ގޭތެރެ ތައްޔާރުކުރިއެވެ. ހީލިއަމް އެޅި ކަޅާއި ހުދާއި ރަންކުލައިގެ ފުއްޕާހަންތަކުން ސިޓިންރޫމުގެ ސީލިން ފޮރުވިފައި ވިއެވެ. ތަޅުންމަތީގެ ބޮޑުބައެއް ވަނީ ރަންކުލައި ފުންޕާހަން ތަކުން ފުރިފައެވެ. ފެއަރީ ލައިޓްތަކުން ފަރުދާތައް ޒީނަތްތެރިކުރެވިފައި ހުއްޓެވެ. އެއްފަރާތު ފާރުގައި އެޕާޓްމެންޓަށް ލިއަމް ވަންނައިރަށް ފެންނާނޭހެން ރަންކުލައިގެ ފޮއިލް ފުއްޕާހަމުން އުފާވެރި އުފަންދުވަހެއް ޖަހާފައި ހުއްޓެވެ. ސޯފާތަކުގައި ވެސް "ލަވް" ފަދަ ބަސްތައް ފޮއިލް ފުއްޕާހަމުން ހަދައި އަޅައިގަންނާނޭ ގޮތްގޮތަށް ބަހައްޓާފައި ހުއްޓެވެ. އޭގެ އިތުރުން އެމީހުންގެ ނިދާކޮޓަރީގައި ކަޅާއި ރަންކުލައިގެ ފުއްޕާހަންތަކުން ސީލިން ފުރާލައި އެނދު ޖައްސާފައި ހުރި ފާރުގައި ރަންކުލައިގެ ފޮއިލް ފުއްޕާހަމުން އޮނަތިރީސް ޖަހާފައި ބެހެއްޓިއެވެ. އެ މަސައްކަތް ނިންމާފައި އެކަން ކުރަން އައިމީހުން ދިއުމުން ހޭޒަލް ދެން ހުރި ކަންތައްތައް ނިންމަން އުޅުނެވެ. ހޭޒަލް ގެނެފައި އޮތް އޮފީސް ގަމީހާއި ޓައީ ޕާރުސަލް ކުރުމުގެ ބަދަލުގައި އޭނާ މާކުރިން ވެސް ގަސްދުކޮށްފަ އޮތީ އޭނާ ފަށައިގެން އުޅޭ މަސައްކަތުގައި ފުރަތަމަ ތައްތާރުކުރި ފޮށީގައި އެތަކެތި ލިއަމްއަށް ހަދިޔާ ކުރުމަށެވެ. އެހެންނަމަވެސް ހަނދާނުން ކައްސާލީ އެ ފޮށި ދާރިއަން ބަލާލުމަށް އޭނާގެ އޮފީހަށް ގޮސް ރިސެޕްޝަނާ ހަވާލު ކުރިކަމެވެ. ހަލުވިކޮށް ތައްޔާރުވެލައިގެން ހޭޒަލް ގެއިން ނުކުތީ އެ ފޮށި ބަލާދާށެވެ.
ޓެކްސީގައި އިނދެފައި ހޭޒަލް ފޯނު ނެގީ ދާރިއަންއަށް ގުޅުމަށެވެ. ފޯނުގެ އިސްކުރީނު ފެނިފައި ހޭޒަލް ކަންބޮޑުވީ ފޯނު ޗާޖުނުކޮށްކަން ހުރެވުނީ ހަނދާންވެފައެވެ. ފޯނުން ދައްކަނީ ޗާކު ހުރީ ފަނަރަ ފަސަންޓު ކަމަށެވެ. ގިނަ ވާހަކަތަކެއް ނުދައްކާނީއޭ ގަސްދުކޮށް ދާރިއަންއަށް ހޭޒަލް ގުޅިއެވެ. އޭނާ ކޯލު ބިޒީކޮށްލުމާއެކު މެސެޖެއް ފޮނުވިއެވެ. އޮފީސް ބައްދަލުވުމެއްގައި އިންކަމާއި ނިމުނުހާ އަވަހަކަށް އެބަގުޅަން ކަމުގައި ދާރިއަން ބުނެފައި އޮތެވެ. ހޭޒަލް ދެންގުޅީ ލިއަމްއަށެވެ. އޭނާ ވެސް ކޯލު ބިޒީކޮށްލީއެވެ. ދެވަނަ ފަހަރަށް ހޭޒަލް ގުޅީމާ ވެސް ލިއަމް ކޯލު ބިޒީކޮށްލީއެވެ. ފޯނުން ޗާޖު ހުސްކުރަން ހޭޒަލް ވެސް އިތުރަށް ނުގުޅިއެވެ.
ޓެކްސީ އައިސް ދާރިއަންގެ އޮފީސް ހުންނަ އިމާރާތް ކުރިމައްޗަށް މަޑުކޮށްލިއެވެ. ފައިސާ ދީފައި ހޭޒަލް ހަލުވިކޮށް ފޭބިއެވެ. ދާރިއަންގެ ޕީއޭއާ ބައްދަލުކުރާނީއޭ ހޭޒަލްގެ ހިތަށް އެރީއެވެ. އޭނާ އެ ދުވަހު ވެސް އެ ފޮށި ދާރިއަންއަށް ދިނުމަށް އެދުމުން ރިސެޕްޝަންގަ އިންކުއްޖާ ގޮވީ ދާރިއަންގެ ޕީއޭ އަށެވެ.
ހޭޒަލް ވަދެގެން އައިސް ރިސެޕްޝަން ކައިރީ މަޑުކޮށްލިއެވެ. ދާރިއަން އިނީ މީޓިންގައިކަން އެނގޭތީ އޭނާގެ ޕީއޭއަށް ގޮވާލަ ދިނުމަށް އެދުނެވެ. ގިނައިރެއްނުވެ ތާރާ ނުކުމެގެން އަތުވެއްޖެއެވެ. ހޭޒަލް ހިނިތުންވުމަކާއެކު އޭނާއާ ކުރިމަތިލިއެވެ. ނަމަވެސް ތާރާ ބަލަން ހުރީ އޭނާއަށް ހޭޒަލްގެ މޫނަކީ ބީރައްޓެހި މޫނެއް ފަދައިންނެވެ. އެކަން ދެނަގަނެ ހޭޒަލް އަމިއްލައަށް އޭނާގެ ނަން ބުނެލިއެވެ. ދާރިއަންއަށް ހަވާލުކުރަން ދިން ފޮށީގެ މަތިން ހަނދާންކޮށްދިނެވެ. އޭތި އަދިވެސް އޮތީ ތާރާގެ އަތުގައިކަން ހަނދާންވީ ދެނެވެ. ފަރުވާކުޑަ ގޮތަކަށް މަޑުކުރާށެ ބުނެފައި ތާރާ ކޮތަޅެއް ހިފައިގެން އައިސް ހޭޒަލްއަށް ދިއްކޮށްލިއެވެ.
"ދާރިއަން ގާތު އަހަރެން މީތި ގެންދިޔަ ބުނެލާތި އިނގޭ" ހޭޒަލް ބުނެލިއެވެ. އަދި އެތަނުން ނުކުމެއްޖެއެވެ.
ހޭޒަލް މަގުގެ ދެކޮޅު ބަލާލިއެވެ. އަދި ފޯނަށް ބަލާލިއެވެ. ގަޑިން ބާރަ ޖަހަނީއެވެ. އަވަހަށް އަންނަންވެގެން އޭނާއަށް އާދެވުނީ އަތުކުރީ ގަޑި ވެސް ނާޅައެވެ. ޓެކްސީއަކަށް ގުޅުމުގެ ކުރީން ލިއަމްއަށް ގުޅޭތޯ ހޭޒަލް ބަލާލިއެވެ. މިފަހަރު ވެސް ކޯލު ބިޒީކޮށްލީއެވެ. ޓެކްސީއެއް ލިބޭތޯ އުޅެ އެވަގުތު ލިބޭގޮތެއް ނުވިއެވެ. އެހެންވެ ބަހުގައި ދިއުމުގެ ޚިޔާލު ހޭޒަލްގެ ސިކުނޑީގައި އުފެދުނެވެ. އެހެންނަމަވެސް އުޑުމަތިން ފެންނަނީ އުދަރެސް ބައްދަމުން އަންނަ ކަޅުވިލާތަކެވެ. ވާރޭ އޮއްސާލަން ތައްޔާރުވަނީކަން ހޭޒަލްއަށް ޔަގީންވިއެވެ. ބަހަކަށް އެރޭތޯ ދިޔަ މަގުމަތީ ޓެކްސީއެއް ލިބޭތޯ ވެސް ހޭޒަލް ބެލިއެވެ. ބަސް ހުއްޓާ ހިސާބަށް އާދެވުމުގެ ކުރީން ހޭޒަލްގެ ލޮލުގައި ލިއަމް އަޅައިގަނެއްޖެއެވެ. އޮފީސް ހެދުމުގައި ހުރިއިރު އޭނާ ސައިކަލު ޕާކުކޮށްލާފައި އައިސް އުސް އިމާރާތަކަށް ވަންނަނީއެވެ. އެތަނަށް ވަންނަތާ ކައިރީ ދުވާރު މަތީ މަޑުކޮށްލައިގެން ހުރި އަންހެންކުއްޖަކު ލިއަމްއަށް ބަލާލާފައި އޭނާގެ ފަހަތުން ވަދެއްޖެއެވެ. "ހޮޓެލް ޕްރޮމިނެންސް" ޖަހާފައިވާ އެ އިމާރާތާ ދިމާއަށް ހޭޒަލްއަށް ދުއްވައިގަނެވުނެވެ. ހޭޒަލް އައިސް މަޑުކޮށްލީ އެތަނުގެ އެތެރެ ފެންނަ ގޮތަށް ހުރި ބިއްލޫރި ޖަހާފައި ކުޑަދޮރެއްގެ ކައިރީގައެވެ. ކުޑަކޮށް ނިވާވެލައިގެން ހުރެ އޭނާ ބަލާލިއެވެ. ލިއަމްގެ ފަހަތުން ވަން އަންހެންކުއްޖާ ލިއަމްގެ ފަހަތުން އުނަގަނޑު މަތީ ހިފާލިއެވެ. އެ ދެ މީހުން އެކަކުއެނަކަކާ ލާނެތް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރިސެޕްޝަން ކައުންޓަރު ދޮށުގައި މަޑުކޮށްލައިގެން ތިބިއިރު އެކޮށިގަނޑުގެ އެތެރޭގައި ހުރި ސްޓާފަކީ ލިއަމް ދަންނަ މީހެއް ފަދައެވެ. އޭނާ ފަސްމިނެޓު ދިނުމަށް އެދުމުން ލިއަމް ބޯޖަހާލާފައި އައިސް އިށީނީ އެތަނުގައި ޖަހާފައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައިއެވެ. ސްޓާފުގެ އިޝާރާތާއެކު އެތަނުގެ އެއްފަރާތުގައި ކޮފީ ކައުންޓަރު ބަލަހައްޓަން ހުރި މީހާ ދެ ކޮފީތަށި ގެނެސް ލިއަމް އިން މޭޒު މަތީ ބަހައްޓައިފަ ހިނގައްޖެއެވެ. ހޭޒަލް ފޮރިވެގެން އިރުކޮޅަކު ހުރެފައި އަނެއްކާ ވެސް ބަލާލިއެވެ. އޭނާއަށް އެމީހުން ދައްކާ ވާހަކަ އަޑުއިވެއެވެ. ލިއަމްއަށް ފޯނެއް އައީ އެވަގުތެވެ.
"އޭތް އޯކޭއޭ... ފަސް ހާއާއި ތިންހާހުން ވާނެ، ކުއްޖާ ރެޑީ... އާނއެކޭ... އޭދެން މަފަހުން ގުޅާނަން، އާން!، ދިމާވެއްޖެއޭ... މަ ނިންމާފަ ގުޅާނަން" ލިއަމް މިހެން ބުނެ ފޯނު ބޭއްވީއެވެ.
"މަޓޭތަ؟" ލިއަމް ގާތުގައި އިން އަންހެންކުއްޖާ އެއްސެވެ. އެއީ އިސްކޮޅުން ދިގު އޮޅަލި ހަންގަނޑެއް ލިބިފައިވާ އަންހެންކުއްޖެކެވެ. އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާލާފައެވެ. ކަނާތު ބުމަ ކައިރިން ތޮރުފައި ބޮޅެއް ލާފައެވެ. ލާފައި ހުރީ ގަޔަށްދޫ ގަމީހެކެވެ. ގަމީގެ ތިރީބައިގަ ގޮށެއް ޖަހާލާފަ ހުރުމުން ވަކިން ކުރުކަމަށް ދައްކައެވެ. ލާފައި ހުރި ޑެނިމް ސޯޓުބުރި ކުރުކަމުން ފައިގެ ފަލަމަސްގަނޑުގެ ބޮޑުބައެއް އޮތީ ހާމައަށެވެ. ލިއަމްއާ ނުހަނު ގާތުގައި އިނދެފައި އޭނާގެ ފައިމައްޗަށް ކުޑަކޮށް އެ އަންހެންކުއްޖާ ފައިއަރުވާލުމާއެކު އެ ފައިގައި ލިއަމް ފިރުމާލިތަން ހޭޒަލް ދުށްޓެވެ. އެހިނދު ހިނގަހިނގާ ހުރި ނޭވާ އަރުގައި ތާށިވިހެން ހޭޒަލްއަށް ހީވިއެވެ. ވަގުތުން އަނގަމަތީ އަތްއަޅާލެވުނެވެ. އޭނާ އެހެން ހުއްޓާ މަގުމަތިން ދިޔަ މީހަކު އޭނާއަށް ބެލިކަން ވެސް އެނގުނެވެ. ބަލަން ނުބަލަން ހުއްޓާ ލިއަމްގެ ފޯނު ރިންގުވި އަޑު އިވުނެވެ. މިފަހަރު އޭނާ ފޯނު ނަގައި ވާހަކަދެއްކި ގޮތުން އެ ގުޅީ މުހުސިނާކަން ހޭޒަލްއަށް އެނގުނެވެ. އެހެންވެ އަނެއްކާ ވެސް ބިއްލޫރިގަނޑަށް ބަލާލިއެވެ. ލިއަމް ބޮލަށް އުނދަގޫވެފައި އިންކަން އޭނާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ނިކަން އަވަހަށް އޭނާ ފޯނު ބާއްވައިފިއެވެ. ހޭޒަލް އޭނާގެ ފޯނު ނަގައި ލިއަމްއަށް ގުޅާލިއެވެ. ލިއަމް ފޯނަށް ބަލަން އިނދެފައި ކޯލު ބިޒީކޮށްލިއެވެ. އެވަގުތު އެތަނުގައި އިން އަންހެންކުއްޖާ ލިއަމް ގާތު ކޯލަށް ޖަވާބުދޭން ބުނެލިއެވެ. ލިއަމް ވައިފްއޭ ބުނެލިއެވެ. އެހިނދު އެ އަންހެންކުއްޖާ "އޯކާވާނެއޭ" ބުނެލިއެވެ. ހޭޒަލް އަނެއްކާ ވެސް ގުޅިއެވެ. އެއާއެކު ލިއަމް ފޯނުކޯލު ނަގައިފިއެވެ. އޭނާގެ ދެތުންފަތް ތުރުތުރު އަޅާލިއެވެ. އަނގައިންބުނާނޭ ހިތްވަރު ނުކުތީ ލިއަމް ހެލޯއޭ ކިޔާތާ އިރުކޮޅެއް ފަހުންނެވެ.
"އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ... މެސެޖެއްކޮށްލިނަމަ، ކީއްތަތިކުރަނީ" ހޭޒަލް އެއްސެވެ.
"އޮފީހުގައެއްނު މިގަޑީގަ އުޅޭނީ... އަދިނުގުޅިގެންނޭ މިއުޅެނީ، ވަރަށް ބިޒީކޮށް މިއުޅެނީ... ކަމަކުތަ ގުޅީ" ލިއަމް ވާހަކަދެއްކީ ޢާންމުކޮށް އޭނާ ވާހަކަދައްކާ ރާގުގައެވެ. ލިއަމްއަށް ބަލަން ހުރި ހޭޒަލްގެ ހިތް ވިރެމުންދިޔައެވެ. އޭނާއާ ލިއަމް ވާހަކަދެއްކިއިރު ވެސް އެ ތުންފަތާއި ލޮލުގައިވާ ސަމާސާގެ މަސްތީ އަސަރު އަމާޒުވެފައި ވަނީ އޭނާގެ ގާތުގައި އިން އަންހެން ކުއްޖާއަށެވެ. އޭނާގެ ހާމައަށް އޮތް ފައިގެ ފަލަމަސްގަނޑުގައި ލިއަމް ފިރުމާލަނީ އެދުންވެރިކަމާއެކުކަން ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭނެކަން ޔަގީނެވެ.
"އޯކޭ ބާއި" ހޭޒަލްއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގި އަރުތެރޭ އަޑުބެދޭގޮތްވާހެން ހީވުމުން ބެލީ ކޯލު ކަނޑާލެވޭތޯއެވެ.
"ބާއި... ލަވް ޔޫ... ފަހުން ގުޅާނަން އިނގޭ" ލިއަމް އަޑުގައި އެއްވެސް ތަފާތެއް ނުވިއެވެ. ހީވީ ލޯތްބާއި އޯގާތެރިކަމުން ފުރިގެންވީ އަޑަކުން ބުނެލި ހެންނެވެ.
ފޯނުކޯލު ކަނޑާލާފައި ލިއަމް ބަލާލީ ގާތުގައި އިން އަންހެންކުއްޖާއަށެވެ. އޭނަގެ ގަމީސްކޮޅުގެ މަތިން ބަނޑުގައި ވިކާލައި އޭނާގެ ފައިގާ ހިފާ ގާތްކޮށްލިއެވެ. އެވަގުތު އޭނާގެ ނަޒަރު އެތަނުގެ ދޮރާ ދިމާއަށް ދަތުރުކޮށްލީ ގަސްދުގައެއްނޫނެވެ. އެހެންނަމަވެސް ދޮރުމަތީގައި ހުރި ހޭޒަލް ފެނުމާއެކު ލިއަމްއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ.
"ޝިޓް... ފަކ*... ޝިޓް... ޒެއްލު..." ލިއަމްއަށް ކިޔޭނުކިޔޭއެއް ވެސް ނޭނގި ފުންމައިގެން ތެދުވެވުނެވެ.
"ވަޓް... ހެ ހެ ހެ... އެއީތަ..." އެ އަންހެންކުއްޖާ ހިނިގަނޑެއް ޖަހާލައި ހޭޒަލްއަށް ބަލާލިއެވެ. ހޭޒަލްއަށް ހީވީ އޭނާގެ މޫނުގައި އަނގުރު އަތަކުން ބާރުއެތިފަހަރެއް މީހަކު ވިހެލައި މޭގައި އަޅައި ގަންނަވާލި ހެންނެވެ. ހޭޒަލްއަށް ފަހަތަށް ދެތިންފިޔަވަޅު އަޅާލެވުނީ މީހާގެ ހަމަގެއްލުނު ފަދައަކުންނެވެ. އެ އަންހެންކުއްޖާގެ ހުނުމުން ހޭޒަލްއަށް އިޙްސާސްވީ މަލާމާތެވެ. ލިއަމް ފުރަތަމަ ފިޔަވަޅު ކުރިއަށް އަޅާލިއިރަށް ހޭޒަލް ދުއްވައިގަނެއްޖެއެވެ.
(ނުނިމޭ)