ހަބަރު

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް، ބޮޑު ޖޫރިމަނާއެއް

މަނީ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. ޖަލު ހުކުމްގެ އިތުރުން ފަސް މިލިއަން ޑޮލަރު ރައީސް ޔާމީން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ކުރިމިނަލް ކޯޓުން މިއަދު ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑިން ދައުވާގެ ޝަރީއަތުގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ. މަނީ ލޯންޑިން ހުއްޓުވުމުގެ ގާނޫނުގައި ބަޔާން ކުރާ ކުށުގެ އުންސަރަކީ ވެސް މިއީ އެވެ.

އެގޮތުން ގާނޫނުގައި ވަނީ މަނީ ލޯންޑިންގެ ކުށް ސާބިތުވުމަށް ދެ އުންސުރެއް ބަޔާންކޮށްފަ އެވެ. އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެކަށީގެންވާ ޝައްކެއް އޮތުމާއި އެ ފައިސާ އަމިއްލައަށް ފައިދާއަށް ބޭނުން ކުރުމެވެ. މި ދެ އުންސުރު ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާ ކަމަށް މިއަދު އިއްވި ހުކުމްގައި ބުންޏެވެ.

ކުރިމިނަލް ކޯޓުގެ ފަސް ގާޒީންގެ އިއްތިފާގުން ނެރެފައިވާ ހުކުމްގައި ބުނެފައިވަނީ އެސްއޯއެފްއިން ލިބުނު ފައިސާއަކީ އޭގައި ޝައްކު އުފެދޭ ފައިސާއެއްކަން ރައީސް ޔާމީނަށް ވެސް އެނގޭ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މާލީ ބަޔާނުގައި ވެސް އެ ފައިސާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފޮނުއްވި ފައިސާތަކެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވަނީ އެ ފައިސާގައި ޝައްކު އެބަހުރި ކަމާއި އެންމެ ރަނގަޅު ގޮތަކީ ފައިސާ އަނބުރާ ދައުލަތަށް ރައްދު ކުރުން ކަމަށް ރައީސް ޔާމީންއަށް އަންގަވާފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ. މުއައްވިޒު މި މައްސަލާގައި ހެކިބަސް ވެސް ދެއްވި އެވެ.

މީގެއިތުރުން އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާ ކަމަށް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވިދާޅުވެފައިވާ ކަމާއި އެ ފައިސާ ލިބުން ލަސްވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށް ވެސް ވިދާޅުވި ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ނަމަވެސް އެ ފައިސާއަކީ ޕީޕީއެމްގެ ކެމްޕެއިން ފައިސާ ކަމަށް ރައީސް ޔާމީން ގެންދެވީ ވިދާޅުވަމުންނެވެ. ހުކުމްގައި ބުނީ އެއީ ކެމްޕެއިން ފައިސާ ކަމަށްވީ ނަމަވެސް އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭގެން މަންފާ ހޯދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ކެމްޕެއިން ފައިސާ ޖަމާކުރަން ޖެހޭނީ އެ ޕާޓީއެއްގެ އެކައުންޓަށް ކަމަށެވެ.

އެހެންވެ އެ ފައިސާއަކީ ޝައްކު އުފެދޭ ފައިސާއެއް ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމްގައި ކަނޑައެޅި އެވެ. ފުރުތަމަ އުންސުރު ފުރިހަމަވީ އެވެ. ދެވަނަ އުންސުރު ވެސް ފުރިހަމަވާ ކަމަށް ހުކުމްގައި ސަބަބުތަކާއެކު ބަޔާންކުރި އެވެ.

އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކްގެ ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާ ކަމާއި އަދި އޭގެން އަމިއްލައަށް މަންފާ ހޯއްދަވަމުން ގެންފެވިކަން ސާބިތުވާން އެބަ އޮތް ކަމަށް ހުކުމްގައި ބުންޏެވެ.

އެ ފައިސާގެ ބަދަލުގައި އެހެން މީހަކު އަތުން ފައިސާ ހޯއްދަވައިގެން އޭސީސީއާއެކު އުފެއްދި އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިއަސް ފައިސާގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ނަފީ ނުކުރެވޭނެ ކަމަށް ހުކުމްގައި ބުންޏެވެ. މިފަދަ މައްސަލަތަކުގައި އެގޮތަށް ބަދަލުގައި ފައިސާތަކެއްދީ، ޝައްކު އުފެދޭ ފައިސާތަކުން މަންފާ ހޯދަމުން ނުދެވޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

މި މައްސަލާގައި ހެކިބަސް ދެއްވި ޒިޔަތާއި އަދީބަކީ ކުށްތަކެއްގެ ތުހުމަތުވާ ބަޔަކަށްވާތީ އެމީހުންގެ ހެކި ބަހާމެދު ޝައްކު އުފެދޭ ކަމަށް ބުނި ނަމަވެސް، އެމީހުންގެ ހެކި ބަހަށް ބާރުދޭ އެހެން ޝަފަވީ ހެއްކާއި ކިތާބީ ހެކި އެބަހުރި ކަމަށް ހުކުމްގައިވެ އެވެ. ސުޕްރީމް ކޯޓުގެ ރޫލިންއެއްގައިވާ ގޮތުން ބާރުދޭ ހެކިތަކެއް ހުރެއްޖެނަމަ ކުށުގެ ތުހުމަތުވާ މީހުންގެ ހެކި ބަސް ވެސް ބަލައިގަނެވޭނެ އެވެ.

އެހެންވެ މަނީ ލޯންޑްރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބާމެދު ވާހަކަ ދެއްކުމަށް ދެ ފަރާތަށް މައްސަލާގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދު ހުސެއިން އެންގެވި އެވެ.

އެ އެންގުމާ އެއްގޮތަށް ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް އައިމިނަތު މުހައްމަދު ވިދާޅުވީ ދައުލަތުން އެދެނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމަށްފަހު އަދަބުގެ ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރުމަށެވެ. މި ކުށަކީ ފަސް އަހަރުން ފެށިގެން 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ކުށެކެވެ. ވަކީލް ވިދާޅުވި ގޮތުގައި ހިޔާނާތްވީ ފައިސާގެ އަދަދަކީ އެއް މިލިއަން ޑޮލަރު ކަމަށްވާތީ، އަދަބު ކަނޑައެޅުމުގައި އެ އަދަދު ފަސް ގުނަ އިތުރު ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ހުކުމް އިއްވުމަށްފަހު ދައުވާ ލިބޭ ފަރާތަށް މައްސަލައާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދެއްކޭނެ އެވެ. އެހެންވެ އެކަމަށް ގާޒީ ފުރުސަތެއް ނުދެއްވި އެވެ. އަދި އަދަބާ ގުޅޭ ގޮތުން އެކަނި ވާހަކަ ދެއްކެވުމަށް އެންގެވި އެވެ. ރައީސް ޔާމީންގެ ވަކީލް އަލީ ޝާހް އެދުނީ އަދަބު ކަނޑައެޅުން އެހެން ދުވަހަކަށް ފަސްކޮށް، ވީހާވެސް ލުއި އަދަބެއް ކަނޑައަޅައިދިނުމަށެވެ.

ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލައި ގާޒީން މަޝްވަރާ ކުރެއްވުމަށްފަހު ވަޑައިގެން ވިދާޅުވީ އަދަބު ކަނޑައެޅުން ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އަދަބު ކަނޑައަޅާފައިވަނީ ދައުލަތުން އެދުނު ގޮތަށެވެ. އެގޮތުން ފަސް އަހަރުގެ ޖަލު ހުކުމް އިއްވައި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދެއްކުމަށް އެންގެވި އެވެ.

ހުކުމް ކުރުމާއެކު ކުރިމިނަލް ކޯޓުގެ ދޮށަށް އެއްވެ ތިބި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕާޓީގެ ސަޕޯޓަރުން ހިތާމަ ފާޅުކުރި އެވެ. ވަރަށް ގިނަ ބަޔަކު އެތަނުގައި ކަރުނަ އަޅައި ރޮއިފައިވެ އެވެ. ކުރިމިނަލް ކޯޓުގެ އަޑުއެހުމަށް ވެސް ބައެއް ސަޕޯޓަރުން ވަދެ ތިބިއިރު އެމީހުން ވެސް ހުކުމް އިއްވުމާއެކު ހިތާމަކޮށްފައިވެ އެވެ. ރައީސް ޔާމީންގެ މޫނުފުޅު މަތިން ވެސް މާޔޫސްކަން ވަރަށް ބޮޑަށް ފެންނަމުން ދިޔަ އެވެ. ޝަރީއަތުގެ މަޖިލީހުން ނުކުމެވަޑައިގެންނެވީ ވެސް އިސް ޖައްސަވައިގެންނެވެ.

މިއީ ހިޔާނާތުގެ ކުށެއް ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ސާބިތުވި ދެވަނަ ފަހަރެވެ. ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ހިޔާނާތުގެ ކުށެއް ފުރަތަމަ ސާބިތުވެފައިވަނީ 1986 ވަނަ އަހަރު އެވެ. އޭގެ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ރައީސް އިބްރާހިމް ނާސިރަށް މައާފު ދެއްވި ނަމަވެސް، އެފަހަރު އެމަނިކުފާނުގެ މައްޗަށް 25 އަހަރަށް އަރުވާލުމުގެ ހުކުމެއް އިއްވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމް އިއްވި އެވެ.