ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު މިރޭ ތައާރަފުކޮށްފިއެވެ.
އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ލޯންޗްކޮށް ދެއްވީ މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މުހައްމަދު އަސްލަމެވެ. މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާ، ހޮޓެލް ބުކިން އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެއެވެ.
މި ހިދުމަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ހާއްސަ އިނާޔަތްތަކާއި އަގުހުރި ހިދުމަތް ތަކެއް އެކުލެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖެ އަށް ތައާރަފް ކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސާވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއެކު 2004 އިން ފެށިގެން ގާއިމް ކުރެވިފައިވާ ޒަމާންވީ ގުޅުމަަކީ އަޅުގަނޑުމެން އިހުތިރާމު ކުރާ އަދި އަގުވަޒަން ކުރާ ގުޅުމެއް ކަމަށެވެ.
"ޕްލެޓިނަމް ކްރެޑިޓް ކާޑު އިފްތިތާޙް ކުރެވިގެން ދިއުމާއެކު ދިވެހީންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ހިދުމަތްތައް މަގު ފަހިވުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިފައިވާ ބައިނަލްއަގްވާމީ ވިއުގައާއި އަދި ދިވެހި ބޭންކިންގެ ފަންނީ ތަޖްރިބާ މި ހިދުމަތުގައި ހިމެނިގެންދާނެ. މި އައު ހިދުމަތާއެކު މި ބްރޭންޑަށް ލިބޭ ތަރުހީބު އިތުރުވެ، ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރު ވެގެންދާނެކަމަށް ޔަގީންކުރަން،" ދިވްޔާ ވިދާޅުވި އެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާވިސް ބޭންކިން ސެންޓަރު 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.