ލައިފްސްޓައިލް

މަރުވެފައި އޮތް ފުއްލާއެއްގެ ބަނޑުގައި ހަތް ކިލޯ ޕްލާސްޓިކް

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް އެންމެ ގިނައިން އުފައްދާ ގައުމުތަކުގެ ތެރޭގައި ތައިލެންޑް ހިމެނެ އެވެ. އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ 60 ޕަސެންޓް ހިއްސާ ކުރަނީ ތައިލެންޑް، ޗައިނާ ވިއެޓްނާމް، އިންޑޮނީޝިޔާ އަދި ސްރީލަންކާ އިންނެވެ.

ޕްލާސްޓިކުން އުފައްދާފައިވާ ތަފާތު ތަކެތި ކެވިގެން ކަނޑުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މަސްމަހާމެހި މަރުވާކަން މިހާރު ގިނަ ބަޔަކަށް އެނގެ އެވެ. ނަމަވެސް އެއްގަމުގައި ދިރިއުޅޭ ޖަނަވާރަށް ވެސް މިހާރު މި މައްސަލަ ދިމާވާން ވަނީ ފަށާފަ އެވެ.

ތައިލެންޑްގެ ޕާކެއްގައި މަރުވެފައި އޮއްވާ ފެނުނު ފުއްލާއެއްގެ ބަނޑުން ހަތް ކިލޯގެ ބަރުދަން ހުރި ޕްލާސްޓިކް ވަނީ ފެނިފަ އެވެ. އެސޮރުގެ ބަނޑުން ނެގި ޕްލާސްޓިކްގެ ތެރޭގައި ގިނައީ ޕްލާސްޓިކް ކޮތަޅެވެ. ބާކީ ހުރީ ކުންޏަށް އުކާ ޕްލާސްޓިކްގެ އެހެން ބާވަތްތަކެވެ.

ނަން ޕްރޮވިންސްގެ ނެޝަނަލް ޕާކްގައި ދިރިއުޅުނު މި ފުއްލާގެ އުމުރުން 10 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި މީތީގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން މި ފުއްލާ މަރުވެފައިވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ކެވިގެން ކަން ހާމަވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ނެޝަނަލް ޕާކްގެ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި މި ފުއްލާ މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޮޔާއި އޭތީގެ ބަނޑުން ނަގާފައިވާ ޕްލާސްޓިކްގެ ފޮޓޯތައް ހިމަނާފައި ވެއެވެ. މި ސޮރުގެ ބަނޑުން ނަގާފައިވާ ޕްލާސްޓިކްގެ ތެރޭގައި އިންސްޓަންޓް ނޫޑުލްސް ބަންދުކޮށްފައި ހުންނަ ރަބަރު ކޮތަޅާއި ކުނި އަޅާ ޕްލާސްޓިކް ކޮތަޅު، ތުވާލި އަދި ޖަނގިޔާ ވެސް ހުއްޓެވެ.

މި ފަދަ ގޮތަކަށް މިފުއްލާ މަރުވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިއީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާ މެދު ސީރިއަސްކޮށް ވިސްނަން ޖެހިއްޖެކަމުގެ އަލާމާތެއް ކަމަށް ނެޝަނަލް ޕާކްގެ ޓުވީޓްގައި ވެއެވެ.

މީގެ ކުރިން ވެސް ތައިލެންޑްގައި މިފަދަ ގޮތަކަށް ޕްލާސްޓިކް ކެވިގެން ޖަނަވާރެއް މަރުވި ޚަބަރެއް އެ ގައުމުތަކުގައި ނޫސްތަކުގައި ޝާއިއުކޮށްފައި ވެއެވެ.