ލައިފްސްޓައިލް

މުސްކުޅި އަންހެނަކު ވަގަކަށް ފިލާވަޅެއް ދީފި

އޭނާއަށް ވައްކަން ކުރަން މި ވަދެވެނީ ކިހާ ވަރެއްގެ މީހެއްގެ ގެޔަކަށް ކަން، އުމުރުން 82 އަހަރުވީ އަންހެނެއްގެ ގެއަށް ވައްކަންކުރި މީހާއަށް ޚިޔާލަށް ވެސް ގެނެވިފައެއް ނުވެ އެވެ. އެކަނި މާއެކަނި އުޅޭ ވަރަށް މުސްކުޅި އަންހެނަކަށް ވާތީ އޭނާގެ ގެއިން ވައްކަން ކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެކަމަށް އެ މީހާ ހީކުރި އެވެ. މި ވަދެވެނީ އެތައް އެވޯޑެއް ހޯދާފައިވާ ދަގަނޑުގަނޑެއް ފަދަ ވަރުގަދަ ބޮޑީ ބިލްޑަރެއްގެ ގެޔަށް ކަމެއް އޭނާއަކަށް ނޭނގެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލިއަކަށް އޭނާގެ ގޭގެ ބޭރު ދޮރުގައި މީހަކު ޓަކި ޖަހަން ފެށި އަޑު ވިލީ މާފީ އަށް އިވުނެވެ. އެމެރިކާގެ ނިއުޔޯކްގެ ރޮޗެސްޓާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ވިލީ ދިޔައީ އޭރު ނިދަން ތައްޔާރުވަމުންނެވެ. ދޮރު ނުހުޅުވާ އޭނަ ކުރެން ބޭނުމީ ކޮން ކަމެއްތޯ ވިލީ ސުވާލު ކުރި އެވެ. އެމީހާ ބުނީ އެމްބިއުލެންސެއް ބޭނުންވާ ކަމަށެވެ.

އަންހެންމީހާ ވަގުތުން ފުލުހުންނަށް ގުޅި އެވެ. އެވަރުން ވެސް ދޮރެއް ނުހުޅުވަ އެވެ. ވިލީ ދޮރު ނުހުޅުވުމުން އެ މީހާ ދޮރު ފަޅާލާފައި އަނދިރިކޮށްފައި އޮތް ގޭތެރެއަށް ވަދެގެން އެތެރެއަށް އަންނަން ފެށި އެވެ.

ވިލީ ބުނި ގޮތުގައި ވައްކަން ކުރަން ވަންނަން އެމީހާއަށް މިފަހަރު އެ ޚިޔާރު ކުރެވުނީ ވަރަށް ސަކަރާތް ގެއެކެވެ. ވިލީ އެންމެ ފުރަތަމަ ވެސް އެ މީހާގެ މޫނާ ދިމާލަށް ހޫރާލީ ގޭގައި ހުރި ވަރުގަދަ ބޮޑު މޭޒެކެވެ. އެއަށްފަހު އެ މީހާގެ މޫނަށް ޝޭމްޕޫ ފުޅިއެއް އޮއްސާލި އެވެ. ފުލުހުންނަށް އާދެވުނުއިރު ވިލީ ހުރީ އެ މީހާގެ ގައިގައި ކުނިކަހަން ގެންގުޅޭ ފިހިގަނޑުން ތަޅާށެވެ.

"މަގޭ ހިތަށް އެރި އަހަރެން މަރުވިޔަސް މަރުވާނީ މި މީހާއަށް ވަރަށް ރަނގަޅަށް ކުޅިވަރު ދައްކާލާފައޭ،" ޑިމޮކްރެޓް އެންޑް ކްރޮނިކަލް ނޫހަށް ވިލީ ކިޔައިދީފައި ވެއެވެ.

އެމީހާ އެދުނު ގޮތަށް އޭނާ ގެންދަން އެމްބިއުލެންސް ގެނެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޕޮލިސް ވަނީ ވިލީ އާއެކު ސެލްފީ ނަގާ ޓުވީޓްކޮށްފަ އެވެ. ފޮޓޯގެ ތިރީގައި "މޮހޮރުހާ ވަރުގަދަ" ކަމަށް ލިޔެފައި ވެއެވެ.

ވިލީ އަކީ ކޮންމެ ދުވަހަކު ރޮޗެސްޓާގައި ހުންނަ ޔޫތު ސެންޓަރުގެ ޖިމް އަށް ގޮސް ބަރު އުފުލާ މީހެކެވެ. އޭނާ 225 ޕައުންޑްގެ ބަރު އުފުލަ އެވެ. މިއީ ވިލީގެ ބަރުދަނުގެ ދެ ގުނަ އެވެ. އޭނާ އެއް އަތުން ޕުލްއަޕްސް އަދި އެއް އަތުން ޕުޝްއަޕްސް ހަދަ އެވެ.

އޭނާ ވަނީ ވޯލްޑް ނެޗުރަލް ޕަވަލިފްޓިން ފެޑެރޭޝަންގެ ލިފްޓާ އޮފް ދަ އިޔާގެ އެވޯޑު 2014 ގައި ހޯދާފަ އެވެ.
ވިލީ ބުނި ގޮތުގައި އޭނާގެ ވާހަކައިން އެހެން މީހުން ވެސް އިބުރަތް ހާސިލުކުރާނެކަމަށް އޭނާ އުންމީދު ކުރެ އެވެ.