ބޮލީވުޑް

2020: ބަތަލާއިން ވިދާލާނެ އަހަރެއް!

އަންނަ އަހަރަކީ ބޮލީވުޑް ބަތަލާއިން އާދަޔާޚިލާފު ގަދަޔަށް ވިދާލާނެ އަހަރަކަށް ވާނެކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ. މިގޮތަށް ލަފާ ކުރަނީ ގިނަ ބަތަލާއިން ތަކަކަށް ވަރަށް ވަރުގަދަ ރޯލުތައް ހިމެނޭ މޮޅު ފިލްމުތަކެއް ކުޅެން ލިބިފައި ވުމާއި މި ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައި ވާތީ އެވެ.

އަންނަ އަހަރު އެންމެ ގަދަޔަށް ވިދާލާނެ ބަތަލާއިންގެ ތެރޭގައި ދީޕިކާ ޕަދުކޯން، އާލިއާ ބަޓް، ކަންގަނާ ރަނާވަތު އަދި ވިދްޔާ ބާލަން ފަދަ ތަރިން ހިމެނެ އެވެ. މި ތަރިން ކުޅެމުންދާ ފިލްމުތަކަކީ ބަތަލާއިންނަށް ޚާއްސަ އަދި އެމީހުންގެ ހުނަރު އެންމެ ފުރިހަމައަށް ދައްކާލާނެ ފުރުސަތު ލިބިގެންދާނެ ފިލްމު ތަކެވެ. އަދި މީގެ ތެރެއިން ގިނަ ފިލްމުތަކަކީ ހަގީގީ ހާދިސާތަކުގެ މައްޗަށް ކުޅެފައިވާ ހިތްވަރުގަދަ އަންހެނުންތަކެއްގެ ވާހަކަ ތަކެކެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ ދީޕިކާ ޕަދުކޯންގެ "ޗަޕާކް" އެވެ. މިއީ އެސިޑްގެ ހަމަލައެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލްގެ ހަގީގީ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ފިލްމުގެ ފުރަތަމަ ފޮޓޯތައް އިންޓަނެޓޫގައި ޝެއާ ކުރުމާއެކު ވެސް ގިނަ ބަޔަކު ވަނީ ދީޕިކާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ފިލްމާ މެދު ކުރެވޭ އުންމީދު ބޮޑުކަމަށް ބުނެފަ އެވެ. "ޗަޕާކް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ވެސް ދީޕިކާ އެވެ.

ސަންޖޭ ލީލާ ބާންސާލީ އާއެކު މަސައްކަތްކުރުމަށް އާލިއާ ބަޓް ކުރަމުންދިޔަ އުންމީދު ފުރިހަމަވާނެ ފިލްމަކީ "ގަންގޫބާއީ ކަތިއާވަދީ" އެވެ. މިއީ ކުރީ ޒަމާނުގައި އިންޑިއާގައި އުޅުނުކަމަށް ބުނާ ވަރަށް ވަރުގަދަ އަންހެނެއްގެ ވާހަކަ އެވެ.

އެހެންކަމުން މި ފިލްމުގައި އާލިއާ ކުޅޭ ރޯލަކީ އޭނާގެ ކެރިއަރުގެ ވެސް އެންމެ ވަރުގަދަ ރޯލަށް ވާނެކަމަށް ވަނީ ބެލެވިފަ އެވެ. އާލިއާ މި ފިލްމުގައި ގަންގޫބާއީގެ ރޯލު އަދާކުރާއިރު އޭނާގެ ލޯބިވެރިޔާގެ ރޯލު ކުޅެން ހަމަޖެހިފައިވަނީ އަޖޭ ދޭވްގަން ކަމަށް ޚަބަރުތައް ބުނެ އެވެ. ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު އެވެ.

ކަންގަނާ ރަނާވަތަށް 2020 ވެގެން ދާނީ ވަރަށް ތާރީޚީ އަހަރަކަށެވެ. ބޮލީވުޑްގައި މިވަގުތު މަސައްކަތްކުރަމުންދާ އެންމެ ހުނަރުވެރި ބަތަލާގެ ގޮތުގައި ގިނަ މީހުން ބުނާ ކަންގަނާގެ ވަރަށް ވަރުގަދަ ތިން ފިލްމެއް އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައި ވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިލްމަކީ އަންނަ ޖެނުއަރީ 24 ވަނަ ދުވަހު ރިލީޒްކުރާ "ޕަންގާ" އެވެ. މިއީ އިންޑިއާގެ މަޝްހޫރު ކަބައްޑީ ކުޅުންތެރިޔާ އަޝްވިނީ އައްޔަރް ތިވާރީގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާ އެކެވެ.

މި ފިލްމަށް ފަހު ދެން އޮތީ އިންޑިއާގެ މަޝްހޫރު ޕޮލިޓީޝަން ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެވެ. "ތަލައިވީ"ގެ ނަން ދީފައިވާ މި ފިލްމު އަންނަ އަހަރުގެ ޖޫން 26 ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ދެން އޮތީ ކަންގަނާގެ އެކްޝަންގެ ހުނަރު ދައްކާލާ ފިލްމު "ދަކާޅް" އެވެ. މި ފިލްމު ރިލީޒްކުރަނީ 2020 ގެ އޮކްޓޯބަރު ގައެވެ.

ވިދްޔާ ބާލަން އަކީ ވެސް ހުނަރުގެ ގޮތުން ބަލާއިރު ވަރަށް ކުރީގައި އުޅޭ ބަތަލާ އެކެވެ. ވިދްޔާގެ "ޝަކުންތަލާ ދޭވީ" އަކީ ވިދްޔާގެ ކުޅަދާނަ ދައްކާލަން އޭނާއަށް ލިބިފައިވާ ވަރަށް ބޮޑު ފުރުސަތެކެވެ. މިއީވެސް ހަގީގީ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެވެ. ފިލްމު ބިނާ ކޮށްފައިވަނީ ހިއުމަން ކޮމްޕިއުޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހިސާބު އިލްމަށް އަރާހުރި ޝަކުންތަލާ ދޭވީގެ ހަޔާތުގެ ވާހަކަ އެވެ. އަނޫ މެނަން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ދާދިފަހުން ވަނީ ނިންމާލާފަ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2020 ގެ މޭ މަހު އެވެ.

ތާޕްސީ ޕަންނޫ އަކީ ވެސް ވިދްޔާ ހިނގާ މަގުން ހިނގަން ބޭނުންވާ ބަތަލާ އެކެވެ. ކެރިއަރުގެ ކުރީކޮޅުން ފެށިގެން ތާޕްސީ ކުޅެނީ އޭނާގެ ހުނަރު ދައްކާ ލެވޭ ކަހަލަ ބަތަލާއިން ޚާއްސަ ފިލްމުތަކެވެ. "ޕިންކް"، "ބަދުލާ"، "ސާންޑް ކީ އާންކް" އަކީ މީގެ މިސާލުތަކެވެ. ތާޕްސީ އަކީ ވަރަށް ހަގު ބަތަލާއަކަށް ވިޔަސް އޭނާގެ އެކްޓިން ހުނަރަށް ބަލާއިރު އެހެން އެއްވެސް ބަތަލާއަކަށް ދޫނުކުރާ ވަރުގެ ކުޅަދާނަ އެކްޓަރެއް ވެސް މެއެވެ. ކުރިޔަށް އޮތް އަހަރު ނުކުންނަ ތާޕްސީގެ އެއް ފިލްމަކީ އަނުބަވް ސިންހާ ޑައިރެކްޓްކުރާ "ތައްޕަޅް" އެވެ. އަންނަ އަހަރު މާޗް 6 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ވަރަށް ވަރުގަދަ އަންހެނެއްގެ ވާހަކަ ހުށަހަޅައިދޭ ފިލްމެކެވެ.

ޖާންވީ ކަޕޫރުގެ މިހާތަނަށް ރިލީޒްވެފައިވަނީ އެންމެ ފިލްމެއް ނަމަވެސް އޭނާގެ ދެ ވަނަ ފިލްމަކީ އޭނާގެ ކުޅަދާނަކަން ދައްކާލަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" ގައި ޖާންވީ ކުޅެނީ އިންޑިއާގެ ފުރަތަމަ އަންހެން ހަނގުރާމަވެރި ޕައިލެޓްގެ ރޯލެވެ. އޭނާއަކީ 1999 ގައި ހިނގި ކާރްގިލް ހަނގުރާމައިގައި ޒަޚަމްވީ ހަނގުރާމަވެރިން ސަލާމަތްކުރުމުގައި މުހިއްމު ރޯލެއް އަދާކުރި ހިތްވަރުގަދަ އަންހެން ފަހުލަވާނެކެވެ. ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކޮށް ޝަރަން ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމު އަންނަ އަހަރު މާޗް 13 ވަނަ ދުވަހަށް ރިލީޒްކުރަން ދަނީ ތައްޔާރު ވަމުންނެވެ.