ކަންގަނާ

"ތަލައިވީ" ހުއްޓާލަން ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެ

ކަންގަނާ ރަނާވަތު މިހާރު ކުޅެމުންދާ "ތަލައިވީ" އަކީ މިހާރު އެންމެ ގިނަ ބަޔަކު އެ ފިލްމެއްގެ ވާހަކަ ދައްކާ އެއް ފިލްމެވެ. އިންޑިއާގެ މަޝްހޫރު ޕޮލިޓީޝަން ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމުގައި ޖަޔަލަލީތާގެ ރޯލު ކުޅެނީ ކަންގަނާ އެވެ. މި ފިލްމުގެ ފުރަތަމަ ދައްކާލުން ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ނަމަވެސް ފިލްމު އިތުރަށް ކުރިޔަށް ނުގެންގޮސް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

ފިލްމު އުފައްދާ ފަރާތާ ދެކޮޅަށް ދައުވާ ކުރުމުގެ ހުއްދަ މެޑްރާސް ހައިކޯޓުން މިހާރު ވަނީ ޖަޔަލަލީތާއަށް ބޮޑުދައިތަ ކިޔާ މީހެއް ކަމަށްވާ ދީޕާއަށް ދީފަ އެވެ. އަދި ދީޕާ މިހާރު ދަނީ ފިލްމު އުފައްދާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރު ވަމުންނެވެ.

އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ކޮށްފައިވާ ޖަޔަލަލީތާ އަކީ ދީޕާގެ ބޮޑުދައިތައަށް ވެފައި ޖަޔަލަލީތާގެ ވާރިސުންގެ ތެރެއިން އެންމެ ގާތް މީހަކަށް ހުރީ ދީޕާ އެވެ. އޭނާގެ ބޮޑުދައިތައާ ބެހޭ ފިލްމުތަކާއި ވެބް ސީރީޒްތައް އުފެއްދުމާ ދީޕާ ދެކޮޅު ކަމުގެ އަޑުތައް ފެތުރެމުންދާތާ މިހާޜު ދުވަސްކޮޅެއް ވެއްޖެ އެވެ.

"ތަލައިވީ"ގެ ޑައިރެކްޓަރު އޭލް ވިޖޭ އާއި ޕްރޮޑިއުސަރު ވިޝްނޫ އާ ދެކޮޅަށް ދީޕާ ކޯޓުގައި މައްސަލަ ޖައްސާނެ ކަމަށް މިހާރު ވަނީ ޔަގީންވެފަ އެވެ.

އަދި ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ވެބް ސީރީޒް އެއް އުފެއްދުމުގެ މަސައްކަތްކުރަމުންދާ ގޯތަމް މެނަން އަށް ވެސް ނޯޓިސް ފޮނުވަން ދީޕާ ވަނީ ގަސްތުކޮށްފަ އެވެ.

ފިލްމު އިއުލާން ކުރިތާ ކުރީކޮޅު ޚަބަރު ލިބުނު ގޮތުގައި ބޮޑުދައިތަގެ ހަޔާތާ ބެހޭ ފިލްމެއް އަދި ވެބް ސީރީޒް އެއް ވިޔަސް އުފެއްދުން ހުއްޓުވާކަށް ދީޕާ ބޭނުމެއް ނޫނެވެ. އޭނާ ހަމައެކަނި ބޭނުމީ ސްކްރިޕްޓްގައި ތެދު މައުލޫމާތު ހުރިކަން ޔަގީން ކުރާށެވެ.

އެހެންވެ ފިލްމު އުފައްދަން ފެށުމުގެ ކުރިން މުޅި ސްކްރިޕްޓް އޭނާއާ ހިއްސާކޮށް އޭނާގެ ހުއްދަ ލިބިގެން ފަށަން ދީޕާ ވަނީ ފިލްމާއި ވެބް ސީރީޒް އުފައްދާ މީހުންނަށް އަންގާފަ އެވެ. ޖަޔަލަލީތާގެ ބައޮޕިކްގައި އޭނާގެ އެއްވެސް ވާހަކައެއް އޮޅުވާލައިގެން ކިޔައިދީފައި ނުވާނެކަން ޔަގީންކުރަން ދީޕާ ބޭނުންވީ އެވެ. އޭނާ ބުނާ ގޮތުގައި އޭނާ އަކީ ޝަރުއީގޮތުން ބަލާއިރު ޖަޔަލަލީތާގެ ހުރި ހަމައެކަނި ވާރިސެވެ. އެހެންވީމާ ޖަޔާ އަ ބެހޭ އެއްވެސް ފިލްމެއް ނުވަތަ ވެބް ސީރީޒް އެއް އޭނާއަށް ދައްކާ ހުއްދަ ހޯދައިގެން ނޫނީ ކުރިޔަށް ގެންގޮސްގެން ނުވާނެ ކަމަށް ދީޕާ ގަބޫލު ކުރެ އެވެ.

ދީޕާ ބުނި ގޮތުގައި ކަންގަނާގެ ފިލްމު އުފައްދާ ފަރާތަށް އެ ފިލްމުގެ އުފެއްދުމުގެ އެއްވެސް ގާނޫނީ ހައްގެއް ނެތެވެ. އޭނާގެ ބޮޑުދައިތަ އާއި އާއިލާގެ ޒާތީ ކަންކަމަށް އަރައިގަނެވިދާނެކަމުގެ ބިރު ދީޕާ އަށް އެބައޮތެވެ.

ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން އުފައްދާ "ތަލައިވީ" ރިލީޒްކުރާ ތާރީޚެއް ކަމަށް އިއުލާން ކޮށްފައިވަނީ 26 ޖޫން 2020 އެވެ.