ލައިފްސްޓައިލް

އިރާނުގެ އެންޖެލީނާ އިންޓަވިއުއެއް ދީފި

ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފައަށް ބޮޑު ބަދަލު ގެނެސްފައިވާ އިރާނުގެ އަންހެނަކު ދާދިފަހުން ވަނީ ޖަލަށް ލާފަ އެވެ. އޭނާ ޖަލަށް ލީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކުފުރުވެރިފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. މި މީހާ ޖަލަށް ލާން ހުކުމް ކުރީ އޭނާ ހައްޔަރު ކޮށްދިނުމަށް އެދި އިރާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ސަރުކާރުގައި އެދެމުން ދަނިކޮށެވެ.

ސަހަރް ތަބަރް ނަމަކަށް ކިޔާ މި އަންހެންމީހާ ސޯޝަލް މީޑިއާގައި ސެލެބްރިޓީއެއްގެ ދަރަޖަ ލިބުނީ ހޮލީވުޑް މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީއަށް ވާހިތުން އޭނާގެ ސިފަޔަށް ގެނައި ބަދަލާއެކު ބިރުވެރި ޒޮމްބީއެއްގެ ސިފައަކަށް އެ މީހާގެ ސިފަ ބަދަލު ވުމުގެ ސަބަބުންނެވެ.

މި އަންހެންމީހާ ޖަލުގައި ހުއްޓާ ކޮށްފައިވާ އިންޓަވިއުއެއް ދާދިފަހުން އިރާނުގެ ޓީވީއަކުން ވަނީ ދައްކާފަ އެވެ. އަންގާރަ ދުވަހު ދެއްކި މި އިންޓަވިއުގައި ސަހަރް ބުނީ ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯޝޮޕްކޮށްފައިވާ އޭނާގެ ފޮޓޯތަކާއި އޭނާއާ މިހާރު ވައްތަރު ނޫން ކަމަށެވެ. މި އިންޓަވިއުގައި ސަހަރްގެ މޫނު ހުންނަނީ ނޭނގޭ ވަރަށް ބްލާ ކޮށްފަ އެވެ.

ސަހަރް ވަނީ އޭނާ މިހާރު ހުންނަ ސިފަ ކަމަށް ބުނާ ފޮޓޮއެއް އޭނާގެ އަތުގައި އޮންނަ ފޯނުން ޓީވީ ބެލުންތެރިންނަށް ދައްކާފަ އެވެ. އެ ފޮޓޯގައި ވެސް އޭނާއާ ހޮލީވުޑް ބަތަލާ އާ ވަރަށް އެއްގޮތް ކަމެއް ހުއްޓެވެ. ނަމަވެސް އޭނާގެ މޫނުގައި ހުރި ބިރުވެރި ކަމެކެވެ. ނޭފަތް ވަރަށް އޫކޮށް މައްޗަށް އުފުލިފައި އިންއިރު ކޯތާފަތް ހުރީ ވެއްޓިފަ އެވެ.

އޭނާ އާ ޖޮލީ އާ ވައްތަރުކަމަށް ގަބޫލު ނުކުރާ ކަމަށް ސަހަރް ބުންޏެވެ. ސަހަރް ބުނި ގޮތުގައި އޭނާ ބޭނުންވީ ޖޮލީއަށް ވާކަށް ނޫނެވެ. އޭނާ ބޭނުންވީ އެނިމޭޓެޑް ފެންޓަސީ ފިލްމު "ކޯޕްސް ބްރައިޑް" ގައި އުޅޭ ޒޮމްބީއެއް ކަހަލަ ކެރެކްޓާއަކާ އެއްގޮތަށް އޭނާގެ ސިފަ ޖައްސާށެވެ.

ސަހަރްގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ފޮލޯކުރާ 480،000 މީހުން ތިބި ނަމަވެސް އެ އެކައުންޓް މިހާރު އެކްޓިވް އެއް ނޫނެވެ.

ސަހަރް އާ އިންޓަވިއު ކުރި ޓީވީ ޗެނަލުން ބުނި ގޮތުގައި ސަހަރް އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި އެންމެ ދަރިއެކެވެ. މައިންބަފައިން މިހާރު ވަރިވެފައިވާއިރު ސަހަރް ދިރިއުޅެނީ އޭނާގެ މަންމަ އާ އެކުގަ އެވެ. ތައުލީމު ހާސިލުކުރުން ހުއްޓާނުލިނަމަ ސަހަރް މިހާރު އުޅޭނީ ޔުނިވަސިޓީގެ ތައުލީމު ފުރިހަމަ ކުރާށެވެ.

އޭނާ ބުނި ގޮތުގައި އޭނާއަށް އޮންލައިންގައި ލިބުނު ކުއްލި މަޝްހޫރުކަމެއްގެ ސަބަބުން އޭނާއަށް އޭނާ އޮޅުނީ އެވެ.

"އަހަރެން ކުރާ ކަންތައް އެހެން މީހުން ފޮލޯކުރާކަން އަހަންނަށް އެނގުނު. އަހަރެންގެ ފޮޓޯތަކަށް ލިބެމުންދިޔަ ލައިކްސް ގިނަވި ވަރަކަށް އަހަރެން މި ކުރަނީ ރަނގަޅުކަމެއް ކަން އަހަންނަށް އިހްސާސް ކުރެވޭލެއް އިތުރުވި،" ސަހަރްގެ އިންޓަވިއުގައި ބުންޏެވެ.

ހައި ސްކޫލް ތައުލީމު ފުރިހަމަ ނުކުރެވުނީތީ ސަހަރް މިހާރު ހިތާމަ ކުރެ އެވެ. ސަހަރް ބުނި ގޮތުގައި އޭނާގެ މަންމަ އޭނާ އަށް އެ ބަދަލު އަޔަ ނުދޭން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އިންސްޓަގްރާމްގައި ލިބެމުންދިޔަ މަޝްހޫރު ކަމާއި ލައިކްސްގެ ޖާދޫގައި ޖެހިގެން އޭނާ އަށް ކުރިޔަށް ދެވުނީ އެވެ. އޭނާ ބުނި ގޮތުގައި މަޝްހޫރު މީހަކަށް ވުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެނެކެވެ.

ޓީވީގެ ބްރޯޑްކާސްޓަރު ބުނި ގޮތުގައި ސޯޝަލް މީޑިއާގައި ހުތުރުކޮށް އުޅޭ މީހުންނަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބޭކަން މިހާރު ސަހަރް ގަބޫލު ކުރެ އެވެ. އޭނާއަށް އެ މަގުން ދަތުރު ނުކުރެވުނުނަމަ މިއަދު އޭނާ ހުރީހީ މިހާރަށް ވުރެ ރަނގަޅު ހިސާބެއްގައި ކަމަށް ސަހަރް އެއްބަސްވެ އެވެ.