ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ފުރާވަޑައިގެންފި އެވެ.
މިއީ ދެ ބޭފުޅުން އެކުގައި ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ވަޑައިގަންނަވަނީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރާނެ އެވެ.
ކްރައުން ޕްރިންސްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު ސަބަބަކީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކާރު ރޭހެއް ބައްލަވާލެއްވުމަށް ކަމަށް އެނގިފައިވެ އެވެ. މި ދަތުރުފުޅުގެ ހަރަދުތައް އަބޫދާބީގެ ސަރުކާރުން ކުރާއިރު ދެ ބޭފުޅުން މިރޭ ފުރާވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގަ އެވެ.
އަބޫދާބީއަށް ރައީސް ސޯލިހު ވަޑައިގަންނަވާއިރު އެމަނިކުފާނު މީގެކުރިން ވެސް ޔޫއޭއީއަށް ދަތުރުފުޅެއް ކުރެއްވި އެވެ.