ހަބަރު

2023 ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް ޔާމީން ހޮވަން ޖެހޭ: މުހައްމަދު އިސްމާއިލް

Nov 29, 2019
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް ހަދަން ޖެހޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް-ޕީއެންސީ އިން މިރޭ ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ތިން ބާރު ވަކިވެގެން ހިންގަން ޖެހޭނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގައި ގޮވާލި ސަރުކާރުން ވެރިކަމާ ހަވާލުވެ ހިންގަން ފެށީ ތިން ބާރު އެއްކޮށްގެން ކަމަށާއި އެކަންކަން ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް މަދަނީ ބަސް ނޭހުމަކަށް ދާން ޖެހޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މިއަދު މިކަންކަމަށް ގާފިލުވެ ތިބެއްޖެ ނަމަ މި ގައުމުގެ މުސްތަގުބަލާއި މި ގައުމުގެ ދެން ވެސް ގައުމިމއްޔަތާއި މާތްވެގެންވާ އިސްލާމް ދީނަށް ލޯބި ކުރާނެހެން ހިވާ މީހަކު މި ގައުމުގެ ހުރިއްޔާ އެ މީހަކު ވެސް ގެންގޮސް ޖަލަށް ލާނެ،" ޕީޕީއެމްގެ ކައުންސިލްގައި ވެސް ހިމެނޭ މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހޮވުމަށް ގޮވާލާ ކަމަށާއި އެކަން ކައުންސިލުން ނިންމަން ގޮވާލާ ކަމަށެވެ. މުހައްމަދުގެ މި ހުށަހެޅުމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ތާއީދު ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ހުރިހާ ރަށްރަށުގައި ޕޯސްޓަރުތައް ހަރު ކުރަން ޖެހޭ ކަމަށާއި ވަރުގަދަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ. އަދި މިހާރުން މިހާރަށް ކޮންމެ ރެއަކު ބައްދަލުވުންތައް ބާއްވާ އިހުތިޖާޖު ކުރުމަށް ވެސް އޭނާ ގޮވާލި އެވެ.

މަނީލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީންއަށް ކްރިމިނަލް ކޯޓުންކޮށްފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.