ލައިފްސްޓައިލް

100 ދުވަހު، ނުވަ ގަޑިއިރު ނިދަން ބޮޑު މުސާރައެއް!

ގިނަ ކިޔަވާކުދިން ބޭނުންވަނީ ގްރެޖުއޭޝަނަށް ފަހު އިންޓާންޝިޕް ހަދާށެވެ. އެއީ އެވަގުތު މަސައްކަތް ކޮށްގެން ތަޖުރިބާ ހޯދުމުން ދާއިމީ ވަޒީފާއެއް ހޯދަން ފަސޭހަވާނެތީ އެވެ. އިންޓާންޝިޕް ހަދާ ކުދިންގެ ޝަކުވާ އަކީ އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވާފައި އެއްވެސް އުޖޫރައެއް ނުދޭ ވާހަކަ އެވެ. ނަމަވެސް އިންޑިއާގެ ބެންގަލޫރޫގައި ހުންނަ އަލަށް ފަށާ ކުންފުންޏަކުން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބޭނެ އިންޓާންޝިޕް ފުރުސަތެއް މިހާރު ވަނީ ހުޅުވާފަ އެވެ. މި އިންޓާންޝިޕް ހަދާ ކުދިންނަށް ކުރަން ޖެހޭހާ ވެސް ކަމަކީ ދުވާލަކު ނުވަ ގަޑިއިރު ނިދުމެވެ.

ވޭކްފިޓް އިނޮވޭޝަންސް ޕްރައިވެޓް ލިމިޓެޑް އިން ހޯދަނީ 100 ދުވަސް ވަންދެން ކޮންމެ ދުވަހަކު ވެސް އުނދަގުލެއް ނެތި ނުވަ ގަޑިއިރު ނިދޭނެ މީހުންނެވެ. މިކަމަށް ހޮވޭ މީހުންނަށް އެއްލައްކަ ރުޕީސް ދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިއީ މީހުންގެ ސްލީޕިން ޕެޓާން ދެނެ ގަތުމަށް ހޯދާ ހޯދުމަކަށް އެ ކުންފުނިން ކުރާ ކަމެކެވެ. މިފަދަ މީހުން ހޯދަން މިހާރު މި ކުންފުނީގެ ވެބްސައިޓްގައި އިޝްތިހާޜު ކޮށްފައިވާއިރު ވަޒީފާގައި ކުރަން ޖެހޭ މަސައްކަތަކަށް އޮތީ ހަމައެކަނި ނިދުމެވެ. ވީހާވެސް ގިނަ އިރަކު ވީހާވެސް ފުން ނިންޖަކުން ނިދުމުން ވަޒީފާ އަދާ ކުރެވުނީ އެވެ.

އިންޓާންޝިޕް ދުވަސްވަރު އިންޓާންސް އަށް ކުންފުނިން ފޯރުކޮށްދޭ ގޮދަޑިއެއްގައި 100 ދުވަސް ވަންދެން ކޮންމެ ރެއަކު ނުވަ ގަޑިއިރު ނިދަން ޖެހޭނެ އެވެ. ހުރިހާ ދުވަހަކު ވެސް ރޭގަނޑު ގޭގައި ނިދުމުގެ ފުރުސަތު މި މީހުންނަށް ލިބޭނެ އެވެ.

ސްލީޕް-ޓްރެކާ ބޭނުން ކޮށްގެން މި މީހުންގެ ސްލީޕިން ޕެޓާން މޮނިޓާ ކުރާނެ އެވެ. އެގޮތުން ކުންފުނިން ދޭ ގޮދަޑީގައި ނިދުމުގެ ކުރިންނާއި އެ ގޮދަޑީގައި ނިދައިގެން ވެސް މޮނިޓަ ކުރަން ހަމަޖެހިފައި ވެއެވެ.

މިފަދަ އިންޓާންސް ހޯދާ އެހެން ކުންފުނިތަކުން ލެޕްޓޮޕް ދިން ނަމަވެސް މި ކުންފުނިން މަސައްކަތު ގަޑީގައި އެއްވެސް ވަރަކަށް ލެޕްޓޮޕް ބޭނުންކުރަން ހުއްދައެއް ނުދޭނެ އެވެ.