ލައިފްސްޓައިލް

ކިޑްނީ ލައްވަންޖެހޭ މީހާ ނޫން މީހަކަށް ލައްވައިފި

އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ "ގުޑް ނިއުޒް" ގެ ޓްރެއިލާ ބެލި މީހުންނަށް އެ ފިލްމާއި މި ހާދިސާއާ ގުޅުންތަކެއް ހުރިކަން ފާހަގަ ކުރެވުނެވެ. އެ ފިލްމުގައި އައިވީއެފް ހަދާ ދެ މީހެއްގެ ސާމްޕަލް އޮޅެނީ އެވެ. މިފަހަރު ދިމާވި މި ހާދިސާގައި ކިޑްނީ ޓްރާންސްޕްލާންޓްކުރަން ރަޖިސްޓްރީ ކޮށްފައި ތިބި އެއް ނަން ކިޔާ ދެ މީހެއް އޮޅެނީ އެވެ.

އެމެރިކާގެ ނިއުޖާސީގެ ހޮސްޕިޓަލެއްގައި ހިނގި މި ހާދިސާގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވެނީ އެ ކިޑްނީ ލައްވަން ހަމަޖެހިފައިވާ މީހާ ނޫން އެހެން މީހަކަށެވެ.

ޕީޕަލް ނޫހުގައިވާ މި ޚަބަރުގައިވާ ގޮތުން ކިޑްނީ ލެއްވުނީ އަސްލު ލައްވަން ޖެހޭ މީހާ އަށް ނޫންކަން ކްލިނިކަލް ޓީމަށް އެނގުނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރިތާ އެއް ދުވަސް ފަހުންނެވެ.

ކިޑްނި ޓްރާންސްޕްލާންޓަށް ބޭނުންވެގެން އެ ހޮސްޕިޓަލުގެ ރަޖިސްޓްރީގައި އެއް ނަން ކިޔާ އެއް އުމުރެއްގެ ދެ މީހުން ތިއްބެވެ. މި ދެ މީހުން ތިބީ ލިސްޓުގެ ވެސް ވަރަށް ކައިރި ކައިރީގަ އެވެ. ނަމަވެސް މި ދެ މީހުންގެ ދެ މެދުގައި މަދުން ނަމަވެސް މީހުން ތިއްބެވެ. ކިޑްނީ ޓްރާންސްޕްލާންޓް ކުރަނީ ލިސްޓު ތަރުތީބުން ކަމަށްވާއިރު ފުރަތަމަ ޓްރާންސްޕްލާންޓް ހަދަންޖެހެނީ ލިސްޓުގެ ކުރީގައި އިން މީހާގަ އެވެ. އިދާރީ އޮޅުމަކުން ކިޑްނީ ލެއްވުނީ ލިސްޓުގެ ފަހަތުގައި އިން މީހާ އަށެވެ.

ނަސީބަކުން އޮޅުމަކުން ކިޑްނީ ޓްރާންސްޕްލާންޓް ނުހެދުނު މީހާ އަށް ވެސް މިހާޜު ވަނީ ކިޑްނީއެއް ލިބިފަ އެވެ. އަދި ވަރަށް އަވަހަށް އެމީހާގެ ކިޑްނީ ވެސް ބަދަލު ކުރާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ނަސީބަކުން ކުރިން ކިޑްނީ ލެއްވި މީހާއަށް ވެސް ލެއްވުނީ އޭނާއާ ގުޅޭ ރަނގަޅު ކިޑްނީ އެކެވެ. އަދި މި ދެ މީހުންގެ ސާޖަރީ ހަދައި ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިފަދަ އޮޅުންތައް ތަކުރާރު ވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.