އޭނާ އަކީ 2008 ވަނަ އަހަރު ނެރުނު ފިލްމު "ފިތުނަ" އުފެއްދި ހޮލެންޑުގެ ސިޔާސީ ޕާޓީ ޑަޗް ފްރީޑަމް ޕާޓީ (ޕީވީވީ)ގެ ކުރީގެ ވައިސް ޗެއާމަން އެވެ. ގުރުއާނަކީ އަނިޔާވެރިކަމާއި ފިތުނައިގެ ފޮތެއް ކަމަށް އެ ފިލްމުގައި ބުނެ އެވެ. ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ވަަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާ އެ ފިލްމުގެ ފަހަތުގައި ތިބި މީހުންގެ ތެރެއިން އެކަކީ މިހާރު ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ އަރްނޫދު ވަން ދޫން އެވެ. އެކަމަކު އޭނާ އަކީ ފިލްމު އުފެއްދުމުގައި ސީދާ ގޮތުން އެއްވެސް ކަމެއް ކުރެއްވި ބޭފުޅެއް ނޫނެވެ. އެކަމަކު މިފަދަ ނުބައި ފިލްމެއްގެ ދިފާއުގައި އޭނާ އަށް ވާހަކަ ދައްކަން ޖެހިވަޑައިގަތެވެ. ނަމަވެސް ފަހުން އޭނާ ވަނީ އިސްލާމް ދީން ގަބޫލުކުރައްވައި، ދީން ފެތުރުއްވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. މިހާރު އޭނާ އަކީ ޔޫރަޕިއަން ދައުވާ ފައުންޑޭޝަންގެ ރައީސް އެވެ. ބޮޑު ނުބައި ކަމަކުން ފެށިގެން ގޮސް ހެޔޮ ކަމެއްގެ ތެރޭގައި ދޫން ޝާމިލުވެ އުޅުއްވަން ފެއްޓެވީ ކީއްވެހެއްޔެވެ؟
"އަހަރެން އިސްލާމްވި ގޮތް އެހީ މާ ހާއްސަ ކަމެއް ނޫން،" އަރަބް ނިއުސްގައި ދޫންއާ ހަވާލާދީ ބުނެފައިވެ އެވެ.
ކުރިން ކްރިސްޓިއަނެއް ކަމަށްވާ ދޫން ވިދާޅުވެފައިވާ ގޮތުން ނަމަ އިސްލާމް ވުމަށް މެދުވެރިވި މައިގަނޑު ސަބަބީ އިސްލާމްދީނާ ދެކޮޅަށް ހެދި ފިލްމެވެ. އެ ފިލްމު ރިލީޒް ކުރުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގި އެވެ. ގުރުއާނަކީ ހުރިހާ ހަމަނުޖެހުންތަކެއްގެ ސަބަބު ކަމަށް ބުނާ ފިލްމާ ގުޅިގެން ހަމަނުޖެހުން ހިނގުމުން ދޫން އަށް ޖެހިވަޑައިގަތީ މުސްލިމުން އެހާ ރުޅިގަދަވެގެން އުޅެނީ ކީއްވެގެންތޯ ބެލުމަށް ގުރުއާން ދިރާސާކުރާށެވެ. އެ ދިރާސާ ވެގެން ދިޔައީ އިސްލާމް ދީނުގެ ހިދާޔަތު ލިބުމުގެ އަސްލަށެވެ.
"އެނގުނީ އިސްލާމް ދީނަކީ ވަރަށް ރިވެތި ދީނެއްކަން."
ދޫން އަށް އެ ހިސާބުން އެނގިވަޑައިގަތީ އޭނާގެ ޕާޓީން ހެދި ފިލްމުގައި ވަނީ ގުރުއާނާ ދިމާ އިދިކޮޅަށް ކަމެވެ. ގުރުއާން ކިޔަވަން ފެށުމާ އެކު ދީން ގަބޫލުކުރަން ވަރަށް ފަސޭހަވެގެން ދިޔަ ކަމަށް ދޫން ވިދާޅުވެފައިވެ އެވެ. ދޫން ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ހިތުގައި އިސްލާމް ދީނާ މެދު ކުރިން އެހާ ބޮޑު ނަފުރަތެއް އުފެދެން މެދުވެރިވެފައި ވަނީ މީގެ 10-15 އަހަރު ކުރިން ފެށިގެން މީޑިއާ އިން އިސްލާމް ދީނާ ގުޅުވައިގެން ފަތުރާފައިވާ މައުލޫމާތެވެ.
"އަހަރެން ގަބޫލުކޮށްގެން ހުރީ އިސްލާމް ދީނަކީ އަނިޔާވެރިކަމުގެ ދީނެއް ކަމަށް. އަދި އަންހެނުންގެ ހައްގުތައް ހިފަަހައްޓައި، މި މުޖުތައުއަށް އެކަށީގެން ނުވާ ދީނެއް ކަމަށް،" ދޫން ވިދާޅުވެފައިވެ އެވެ.
އިސްލާމް ދީން ފެތުރުމުގެ މަސައްކަތް ކުރާ ކެނެޑިއަން ދައުވާ އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު ދީން އިތުރަށް ދަސްކޮށް ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވުމަށް ފަހު ދޫން މިދިޔަ އަހަރު ވަނީ އިސްލާމްވެ ވަޑައިގެންފަ އެވެ. އެއަށް ފަހު މިދިޔަ އަހަރު ވަނީ އުމްރާގެ އަޅުކަން އަދާކުރައްވައި، ރަސޫލާގެ މިސްކިތަށް ވަޑައިގެން، ކުރެވުނު ކަންކަމާ މެދު މައާފަށް އެދިވަޑައިގެންފަ އެވެ. ހަރަމްފުޅުގެ އިމާމް ޝައިޚް އަބްދުއް ރަހްމާން އާލް ސުދައިސްއާ ބައްދަލުކުރެއްވުމަށް ފަހު ދޫން ވަނީ ކީރިތި ރަސޫލާއާ ބެހޭ ގޮތުން ފިލްމެއް އުފައްދައި، ރަސޫލާގެ މާތް އަޚްލާގް ހާމަކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ދޫން އިސްލާމް ދީން ގަބޫލުކުރެއްވުމުގެ މާކުރިން ވެސް ގުރުއާނާއި ސުންނަތް ދިރާސާކުރެއްވި ކަމަށް އޭނާ އިސްލާމް ވުމަށް ފަހު އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
"އަހަރެން އެންމެ އެކުގައި އުޅޭ މީހުންނަަށް އެނގޭނެ ގުރުއާނާއި ސުންނަތާއި ހަދީސްތައް ދިރާސާ ކުރުމުގައި މިހާރު އަހަރެއްހާ ދުވަސް ވެދާނެކަން. މީގެ އިތުރުން މުސްލިމުންނާ އެކު ވަރަށް ގިނައިން މަޝްވަރާކޮށް މައުލޫމާތު ހޯދާފައި ވާނެ. އިސްލާމް ދީނާ މެދު ދެކެވޭ ވާހަކަތަކާ ގުޅިގެން ގުރުއާނާ މެދު ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީ،" ދޫން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ އިސްލާމް ދީނާ މެދު ވަރަށް ނުރަނގަޅު ވާހަކަތައް ކުރިންސުރެ އަޑު އިވޭ ކަަމަށާއި އެކަމަކު އަމިއްލަ އަށް ދިރާސާ ނުކޮށް ކަމެއް ގަބޫލު ކުރުމަކީ އޭނާ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"ބައެއް މީހުންނަށް އަހަންނަކީ ޚާއިނެއް. އެކަމަކު އަނެއް ބަޔަކު ދެކެނީ އަހަރެން މި ނިންމީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް،" އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުގައި ދޫން، 46، ވިދާޅުވެފައިވެ އެވެ.
ދީން ގަބޫލުކުރުމުގެ އެ ހިސާބުން ނިމުނީ ނޫން ކަމަށާއި ދީނާ ބެހޭ ގޮތުން ދަސްކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށް ދޫން ވިދާޅުވެފައިވެ އެވެ.
ދޫންގެ ދަރިކަލުން އިސްކަންދަރު ވެސް ވަނީ މިދިޔަ އަހަރު އިސްލާމް ވެފަ އެވެ.
"ބައްޕަ އިސްލާމް ދީން ގަބޫލުކުރި ފަހުން ފެނުނީ ވަރަށް އުފާވެފައި ހުންނަނިކޮށް. އެ ހިސާބުން އެނގިއްޖެ ބައްޕަގެ ދީނުގައި ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ހުރީކަން. މުސްލިމުންނާ މެދު ދެކެމުން އައި ގޮތް އެ ހިސާބުން މުޅިން ބަދަލުވޫ،" އަރަބް ނިއުސްގައި އިސްކަންދަރްއާ ހަވާލާދީ ބުނެފައިވެ އެވެ.
އުމުރުން 22 އަހަރުގެ އިސްކަންދަރް ބުނީ އިސްލާމް ދީން ގަބޫލުކުރީ ގުރުއާން ކިޔަވައި ދީނީ ދަރުސްތައް އަޑު އެހުމުގަައި ދުވަސްތަކެއް ހޭދަކުރުމަށް ފަހުގައި ކަމަށެވެ.