ދިވެހިން އާންމު ގޮތެއްގައި ރާއްޖެ ބައްޔޭ ކިޔައި އުޅެނީ ރުމަޓޮއިޑް އާތްރައިޓިސް އަށެވެ. އާތްރައިޓިސްއަކީ ހުޅުތައް ދުޅަވުމަށް ކިޔާ އާންމު ނަމެކެވެ. އާތްރައިޓިސްގެ ބައިވަރު ވައްތަރުތައް ހުރެ އެވެ. އޭގެތެރޭގައި އޮސްޓިއޯ އާތްރައިޓިސް، ގައުޓީ އާތްރައިޓިސް އަދި ރުމަޓޮއިޑް އާތްރައިޓިސް ފަދަ، ހުޅުތަކުގެ ބަލިތައް ހިމެނެ އެވެ.
ރުމަޓޮއިޑް އާތްރައިޓިސް ނުވަތަ ދިވެހިން އާންމުކޮށް ކިޔާ އުޅޭ ގޮތަށް ނަމަ ރާއްޖެ ބައްްޔަކީ ދިވެހިންގެ މެދުގައި އާންމު ބައްޔެކެވެ. މި ކޮލަމްގައި ރުމަޓޮއިޑް އާތްރައިޓިސް އާ ބެހޭ މުހިންމު މައުލުމާތު ކޮޅަކަށް ނަޒަރެއް ހިންގާލެވޭތޯ އެބަ ބަލަމެވެ.
ރުމަޓޮއިޑް އާތްރައިޓިސް އަކީ ދާއިމީ ގޮތަަކަށް ހުޅުތައް ދުޅަވުމަށް މެދުވެރި ކުރުވާ އޮޓޯ އިމިއުން ބައްޔެކެވެ. އޮޓޯ އިމިއުން ބަލިތަކަކީ ދިފާއީ ނިޒާމުގެ ސެލްތައް ހަށިގަނޑުގެ ބަލި ނޫން ސެލްތަކާއި ޓިޝޫތަކަށް ހަމަލާ ދިނުމުގެ ސަބަބުން މެދުވެރިވާ ބަލިތަަކަށް ކިޔާ އާންމު ނަމެކެވެ.
އެގޮތުން ރުމަޓޮއިޑް އާތްރައިޓިސްގައި ހުޅުތަކާ ގުޅިފައިވާ ޓިޝޫތަކާއި ހުޅުތައް ވަށައިގެންވާ ޓިޝޫތަކަށް ދިފާއީ ނިޒާމުގެ ސެލްތައް ހަމަލާ ދިނުމުގެ ސަބަބުން ހުޅަތައް ދުޅަވެ ތަދު ވުމަށް މެދުވެރި ކުރުވަ އެވެ. މިކަން އާންމުކޮށް ދިމާވަނީ އަތާއި ފައިގެ ކުދި ހުޅުތަކަށެވެ. ހަގީގަތުގައި މިއީ ސިސްޓެމިކް ނުވަތަ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް އޭގެ އަސަރު ކުރުވައިފާނެ ބައްޔެކެވެ. އޭގެ ތެރޭގައި ލޮލާއި ފުއްޕާމެ އާއި ނާރުތަކާއި ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި އަދި ހަމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ރުމަޓޮއިޑް އާތްރައިޓިސްގެ އަލާމާތްތައް
- އެއް ހުޅަށްވުރެ ގިނަ ހުޅު ދުޅަވެ، ތަދުވުމާއެކު ހަރު އަރާފައި ހުރުން (ހާއްސަކޮށް ހެނދުނުގަޑީގައި)
- މައްސަލަ ދިމާވާ ހުޅެއްނަމަ ހަށިގަނޑުގެ ދެފަރާތު ހުޅުތަކަށް މައްސަލަ ދިމާވުން
- ހުޅުތައް އައިބު ވުން
- ހުޅުތަކުގެ މަސައްކަތް ކުރުން ދަށްވުން
- ވަރުބަލިވުން
- ހުން އައުން
- ބަރުދަން ލުއިވުން
ރުމަޓޮއިޑް އާތްރައިޓިސް ޖެހެން މަގުފަހި ވެދާނެ ކަންތައްތައް
- އުމުރުން ދުވަސްވުން (ހާއްސަކޮށް 60 އަހަރުން މަތިވުން)
- އަންހެނަކަށް ވުން
- ވިރާސީ ގޮތުން އައިސްފައިވާ ބަދަލުތައް އަދި އާއިލީ ގޮތުން ވާރުތަވުން
- ހަށިގަނޑަށް ނުރައްކާވާ ވަރަށް ފަލަވުން
- ދުންފަތުގެ އިސްތިއުމާލު ކުރުން
- އެސްބެސްޓޯސް އަދި ސިލިކާފަދަ ވަށައިގެންވާ މާހައުލުގައިވާ އެފަދަ ތަކެތީގެ ސަބަބުން
ދިމާވެދާނެ އިތުރު މައްސަލަތައް
ރުމަޓޮއިޑް އާތްރައިޓިސް އަކީ ސިސްޓެމިކް ނުވަތަ ގިނަ ގުނަވަންތަކަކަށް އޭގެ އަސަރު ކުރުވާ ބައްޔެކެވެ. ތިރީގައި މިވަނީ މި ބަލީގައި ގިނަ އަހަރު ތަކަކަށް ދެމިގެން ގޮސްފި ނަމަ ނުވަތަ އެންމެ އެދެވޭ ފަރުވާ ނުލިބިއްޖެ ނަމަ މެދުވެރި ވެދާނެ އިތުރު ސިއްހީ މައްސަލަތަކެކެވެ.
ރުމަޓޮއިޑް އާތްރައިޓިސް އަދި އެކަމަށް ބޭނުން ކުރާ ބޭސްތަކުގެ ސަބަބުން ކަށި ފީވުމަށް މެދުވެރި ކުރުވަފާނެ އެވެ.
ހަށިގަނޑުގެ ބައެއް ތަންތާނގައި، ހާއްސަކޮށް އުޅަނބޮށި ފަދަ އާންމުކޮށް ތަންތަނުގައިޖެހޭ ހުޅުތައް ނުވަތަ ޕްރެޝަރު ޕޮއިންޓްތަކުގައި އުފުލިފައި ހުން ދުޅަތަކެއް އުފެދުމަށް މެދުވެރި ވެދާނެ އެވެ.
ރުމަޓޮއިޑް އާތްރައިޓިސް ހުންނަ މީހުންނަށް ޝޯގްރެންސް ސިންޑްރޯމްގެ ނަން ދެވިފައިވާ ވަކި އަލާމާތްތަކެއް އެކުލެވޭ ސިއްހީ މައްސަލައެއް ޖެހެން މެދުވެރި ވެދާނެ އެވެ. ޝޯގްރެންސް ސިންޑްރޯމް އަނގައިގައި އަދި ލޮލުގައިވާ ތެއްކަން ގޮސް އަނގަޔާއި ލޯ ހިކުމަށް މެދުވެރި ކުރުވަ އެވެ.
މިއީ އޮޓޯ އިމިއުން ބައްޔެއް ކަމުން، މި ބަލި ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ އެހެނިހެން އިންފެކްޝަންތައް ޖެހުމަށް ވެސް މެދުވެރި ކުރުވައިފާނެ އެވެ.
ރުމަޓޮއިޑް އާތްރައިޓިސް ހުންނަ މީހުންގެ ސަރުބީ ހުންނަވަރު އިތުރު ވުމުގެ ފުރުސަތު ބޮޑެވެ.
ރުމަޓޮއިޑް އާތްރައިޓިސްގެ އަސަރު އަތުގެ ކުޑަ ހުޅަށް ކޮށްފިނަމަ އަތުގެ ބޮޑު ބަޔަކަށާއި އިންގިލިތަކަށް ހިއްސުތައް ފޯރު ކޮށްދޭ ނާރެއް ފިތެން މެދުވެރި ކުރުވާ އިނގިލި އައްސިވެ ތަދުވުމަށް މެދުވެރި ކުރުވައިފާނެ އެވެ.
މި ބަލީގެ ސަަބަބުން ލޭ ހޮޅިތައް ހަރުވެ، ބެދެން މަގުފަހި ވެއެެވެ. އަދި ހިތުގެ ވަށައިގެންވާ ފަށަލަ ދުޅަވެ ފާރުވުމަށް ވެސް މެދުވެރި ވެއެވެ.
ރުމަޓޮއިޑް އާތްރައިޓިސް ހުންނަ މީހުންގެ ފުއްޕާމޭ ފާރުވެ ނޭވާލާން އުނދަގޫ ކުރުވަނިވި މައްސަލަތަކެއް މެދުވެރި ވެދާނެ އެވެ.
ރުމަޓޮއިޑް އާތްރައިޓިސް ހުންނަ މީހުންނަށް ލިމްފޯމާ ނުވަތަ ހަށިގަނޑުގައި ހިމެނޭ ލިމްޕް ޓިޝޫތަކަށް ޖެހޭ ކެންސަރު ޖެހުމުގެ ފުރުސަތުތައް ބޮޑު ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
އާތްރައިޓިސް ހުރިތޯ ދެނެގަންނާނީ ކިހިނެތް؟
ރުމަޓޮއިޑް އާތްރައިޓިސްގެ ކުރީކޮޅުގައި ދިމާވާ ހުޅުތައް ދުޅަވެ ރިއްސުމަކީ އެހެނިހެން ގިނަ ބަލިތަކެއްގެ އަލާމާތްތަކަށް ވެސް ވާ ހިނދު ބަލީގެ ކުރީ ކޮޅުގައި މި ބަލި ދެނެގަތުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް މައްސަލަ ދިމާވާ ހުޅުތަކަކީ ކޮބައިތޯ ބަލާ، ރިއްސުމާއި ތަދު އަދި ހުޅުތައް ހަރުވުން އާންމުކޮށް ދިމާވާ ވަގުތު ފަދަ އަލާމާތްތަކަށް ބަލާފައި ޑޮކްޓަރަށް މިއީ ރުމަޓޮއިޑް އާތްރައިޓިސް ތޯ ލަފާ ކުރަން އެނގޭނެ އެވެ.
އަދި މި ބަލި ހުންނަ ފަރާތެއްގެ ލޭގެ ޓެސްޓެއް ހަދައިފި ނަމަ ހަށިގަނޑުގައި އިންފްލެމޭޝަން ހުރި ކަމަށް ދެއްކުން ގާތެވެ. އަދި ރުމަޓޮއިޑް ފެކްޓާ ފަދަ މި ބަލި ހުންނަ ފަރާތަކުގެ ލޭގައި ފެންނަން ހުންނާނެ ވަކި މާކާސް ތަކެއް ހުރިތޯ ބެލެވޭނެ އެވެ. މީގެ އިތުރުން ވެސް ބަލީގެ ކުޑަ ބޮޑު މިން ދެނެގަތުމަށް އެކްސްރޭ، އެމްއާރްއައި ނުވަތަ އަލްޓްރާ ސައުންޑް ސްކޭނެއް ހެދުމަށް ޑޮކްޓަރު އަރުވާފާނެ އެވެ.
ރުމަޓޮއިޑް އާތްރައިޓިސްއަށް އޮތް ފަރުވާއަކީ ކޮބާ؟
މި ބަލި ދާއިމީ ގޮތެއްގައި ރަނގަޅު ކުރެވޭނެ ފަރުވާއެއް އަދި ނެތް ކަމުގައި ވީނަމަވެސް، މި ބަލީގެ ސަބަބުން ފެންނަ އެކި އަލާމާތްތަކާއި ދިމާވާ އުނދަގޫތަކަށް ދެވޭ އެތަކެއް ފަރުވާއެއް ވެއެވެ. އެގޮތުން ބަލީގެ ކުޑަ ބޮޑު މިނަށް އަދި މުއްދަތަށް ބަލާފައި ދެވޭ ބޭސް ތަފާތު ވެދާނެ އެވެ. ތަދު ކެނޑުވުމަށާއި ހުޅުތަކުގެ ދުޅަ ތިރި ކުރަން އަދި ބަލި އިތުރަށް ގޯސްވިޔަ ނުދިނުމަށް ދެވޭ އެތައް ބޭސްތަކެއް ލިބެން ހުރެ އެވެ.
މީގެ އިތުރުން ފިޒިކަލް ތެރަޕީގެ އެހީގައި ހުޅުތަކުގެ މަސައްކަތް ކުރުން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ އެކި ކަސްރަތުތައް ދަސްކޮށް، ކުރެވިދާނެ އެވެ. ބައެއް ހާލަތްތަކުގައި ހުޅުތަކަށް ވެފައިވާ ގެއްލުން ބޭހުން ރަނގަޅު ނުކުރެވިއްޖެ ނަމަ އޮޕަރޭޝަނެއް ކޮށްގެން ހުޅުތަކުގެ މަސައްކަތް ކުރުން ރަނގަޅު ކުރަން ޑޮކްޓަރު ލަފާ ދިނުން އެކަށީގެން ވެއެވެ.
މި ބަލީގެ އުނދަގޫތައް ކުޑަކޮށް, ލުޔެއް ހޯދަން ގޭގައި ވެސް ކުރެވިދާނެ ކުދި ކުދި ކަންތައްތައް ހުރެއެވެ. އެގޮތުން ތަދުވާ ހުޅުތައް ހޫނު ކުރުމުން (ހީޓް ޕެޑް އަކުން ނުވަތަ ބޮނޑިތާން ކުރުމުން) ތަދު ކުޑަ ވުމަށް އެހީތެރި ވެދޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ހުޅުތައް ފިނި ކުރުމުން އައްސިވުން ރަނގަޅު ކުރުމަށާއި ދުޅަ ތިރި ކުރުމަށް އެހީތެރިވެދޭ ކަމަށް ވެސް ވެއެވެ.
މީގެ އިތުރުން ގަވައިދުން ކަސްރަތު ކުރުމަކީވެސް ރާއްޖެ ބަލީގެ ސަބަބުން މެދުވެރިވާ ގިނަ އުނދަގޫތައް ކުޑަކޮށްދޭ ކަމެއް ކަމުގައިވެ އެވެ. އެގޮތުން ހިނގުން ފަދަ ކަސްރަތުތައް ކުރެވިދާނެ އެވެ. ނަމަވެސް ކޮންމެ ކަސްރަތެއް ކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެ ވާނެ އެވެ. އެއީ ކުރެވޭ ކަސްރަތުގެ ސަބަބުން ހުޅުތަކަށް ލެވޭ ޕްރެޝަރު އިތުރަށް ބޮޑުވެ ބަލި ގޯސްވުމަށް ވެސް މެދުވެރި ވެދާނެތީ އެވެ.
ރާއްޖެ ބައްޔަކީ އޭގެ ސަބަބުން އާންމުކޮށް ދިރިއުޅުމުގައި ކޮށް އުޅޭ މަސައްކަތްތައް ކުރުމަށް ބުރޫ އަރަބް މެދުވެރި ކުރުވާ ބައްޔެކެވެ. ވީމާ މިބަލީގެ އަލާމާތްތައް އެނގިފައި ވުމަކީ މި ބަލި ކުރީބައިގައި ދެނެގަނެ ލިބެން ހުރި އެންމެ ރަނގަޅު ފަރުވާ ވީހާވެސް އަވަހަށް ލިބުމަށް އެހީތެރި ވެދީ މި ބަލީގެ ސަބަބުން މެދުވެރިވެދާނެ އިތުރު އުނދަގޫތަކުން ސަލާމަތްކޮށްދޭނެ ކަމެއް ކަން ޔަގީނެ އެވެ.