ޖައްވުގައި ގްރެވިޓީ ނުވަތަ ދަމާބާރު ގިނަ އަދަދަކަށް އެކުލެވިގެންވާ ހޮހަޅައިގެ ސިފަ ލިބިފައިވާ ތަންތަން ހުރެ އެވެ. މި ތަންތަނަކީ ދަމާބާރު ގިނަ އަދަދަކަށް އެކުލެވިގެންވާ ތަންތަނަށް ވާތީ ކިތަންމެ ބޮޑު އެއްޗެއް ވެސް އެއިން ތަނަކަށް ދަމައިގަންނަން ނަގާނީ ސިކުންތު ކޮޅެކެވެ.
ޖައްވުގައި ހުންނަ މިފަދަ ތަންތަނަށް ސައިންސް ވެރިން ކިޔަނީ ބްލެކް ހޯލް އެވެ. މިތަން އުފެދިފައިވާ ގޮތް ސައިންސްވެރިން ހޯދާފައިވީ ނަމަވެސް މިތަނުގެ ތެރެއަށް ދަމައިގަންނަ އެއްޗެއްސަށް ވާގޮތެއް ޔަގީންކަމާއެކު ބުނާކަށް ނޭގެ އެވެ. ބްލެކް ހޯލްތަށް ހޯދުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެއީ ކިތަންމެ ބޮޑު ބްލެކް ހޯލެެއް ނަމަވެސް އަޅައިނުގަނަ ހިނގައިދެ އެވެ.
ހޯދުންތަކުން ދައްކާގޮތުގައި ޖައްވުގެ އެކިހިސާބުތަކުގައި 10 މިލިއަނަށްވުރެ ގިނަ ބްލެކްހޯލް ހުރެ އެވެ. އެކަމަކު މިހާތަނަށް ހޯދިފައިވަނީ މަދު ބްލެކްހޯލް ތަކެވެ. ސަބަބަކީ ބްލެކް ހޯލަކީ ދަމާބާރު ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ޖައްވީ އިދާރާކުން ސެޓްލައިޓުތައް ނުރައްކަލެއްގެ ތެރެއަށް ވައްޓާލަން ބޭނުން ނުވުމެވެ. ބްލެކް ހޯލް އާންމުކޮަށް ފެންނަނީ ބައިނަރީ ސިސްޓަމް ނުވަތަ ދެ ޕްލެނެޓް ދެމެދުގަ އާއި ތަރިތައް ދައުރުކުރާ ސަރަހައްދުގަ އެވެ.
މިއަހަރު އޮގަސްޓު މަހު ސައިންސްވެރިން ވަނީ އާ ބްލެކް ހޯދާފަ އެވެ. އެކަމަކު އެއީ ހަމަ މީގެ ކުރިން ވެސް ފެނިފައިވާ ސައިޒުގެ ބްލެކް ހޯލަށް ވުމުން އެހާ ބޮޑު ސަމާލުކަމެއް ލިބިފައިނުވެ އެވެ. އެކަމަކު މި މަސް ތެރޭގައި ޗައިނާގެ ޖައްވީ އިދާރާއިން ވަނީ އިރަށް ވުރެ 70 ގުނަ ބޮޑު ބްލެކް ހޯލެއް ހޯދައި ޖައްވީ އިދާރާތަކުގެ ސަމާލުކަން ހޯދައިފަ އެވެ. ޗައިނާއިން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މަރުވެފައިވާ އެތަކެއް ހާސް ތަރިތައް މި ބްލެކް ހޯލުގެ ތެރޭގައި ތާށިވެފައި ވެއެވެ. މީގެ ކުރިން ވަނީ ބްލެކް ހޯލެއްގެ ތެރެއިން ނެއުޓްރޯން ދެ ތަރި ވެސް ފެނިފަ އެވެ.
ޗައިނާއިން އާންމު ކޮށްފައިވާ މައުލޫމާތުން އިގޭ ގޮތުގައި، މި ބްލެކް ހޯލް ފެނިފައި ވަނީ ދުނިޔެއާ 15،00 އަލި އަހަރުގެ ދުރު މިނުންނެވެ. މީގެ ކުރިން ސައިންސްވެރިން އާންމުކޮށްފައިވާ ތިއަރީތަކުގައި ވާގޮތުން މިހާ ބޮޑު ބްލެކް ހޯލެއް ގެލްކްސީގައި ނުވާނެ އެވެ.
މި ތާރީހީ ބްލެކް ހޯލް ހޯދާފައިވަނީ ޗައިނާގެ ޖައްވީ އިދާރާގެ އެލްބީ-1 ޓީމުންނެވެ. މި ޓީމުން ބްލެކް ހޯލް ފެނުނު ސަރަހައްދު ދިރާސާ ކުރުމުގެ ގޮތުން ފޮޓޯ ނަގަމުންދާތާ މިހާރު ވަނީ ހަތް އަހަރުވެފަ އެވެ. ބްލެކް ހޯލް ފެނިފައިވަނީ ފޮޓޯތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެއާއެކު ސެޓްލައިޓު ފޮނުވައިގެން ޗައިނާގެ ޖައްވީ އިދާރާއިން ވަނީ އިތުރު ދިރާސާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މި ބްލެކް ހޯލް މިހާ ބޮޑު ވާން ޖެހުނު ސަބަބެއް އަދި ނޭގެ އެވެ. ޗައިނާގެ ސައިންސްވެރިންގެ ތިއޯރީތަކަށް މިކަމުގައި ތަފާތުވުމުން ސީދާކޮށް އަދި އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ. މި ހޯދުމާ ގުޅިގެން ނާސާއިން ބުނެފައިވަނީ ޖައްވުގެ ތެރޭގައި އިރަށް ވުރެ 70 ގުނައަށް ވުރެ ބޮޑު ބްލެކް ހޯލް ހުންނަ ކަމަށެވެ.