ބޮލީވުޑް

ބާންސާލީގެ "ސިއާ ޖިއާ" ތާޕްސީ ޕަންނޫއަށް؟

ސަންޖޭ ލީލާ ބާންސާލީގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ "ސިއާ ޖިއާ" ގައި ޑަބަލް ރޯލު ކުޅުމަށް ތާޕްސީ ޕަންނޫ ހަމަޖެހިފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. ސަބީނާ ޚާން ކޯ-ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ހަމައެއް ނުޖައްސަ އެވެ. ނަމަވެސް ފިލްމުގެ ސްކްރިޕްޓް ފައިނަލްކޮށް ވަނީ ނިންމާފަ އެވެ.

މިއީ ބާންސާލީގެ ފިލްމެއްގައި ތާޕްސީ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އަދި އޭނާ ޑަބަލް ރޯލުން ފެންނާނެ ވެސް ފުރަތަމަ ފިލްމެވެ. ކުރިން އަޑު އިވިފައި އޮތީ ތާޕްސީ އާއި އަބީޝެކް ބައްޗަން ލީޑް ރޯލަށް ލައިގެން ބާންސާލީ އުފައްދަނީ "ސާހިލް ލޫދިއާންވީ ބައޮޕިކް" ކަމަށެވެ. އެ ފިލްމުގައި ތާޕްސީ ކުޅެން ހަމަޖެހިފައި އޮތީ އަމްރިތާ ޕްރީތަމްގެ ރޯލެވެ.
ނަމަވެސް ތާޕްސީ ވަނީ އޭނާއަށް މި ފިލްމު ކުޅެން ހުށަހަޅާފައިނުވާ ކަމަށް ބުނެފަ އެވެ.

ތާޕްސީ އެންމެ ފަހުން ފެނިފައިވަނީ ބޫމީ ޕަޑްނޭކަރް އާއެކު ކުޅުނު "ސާންޑް ކީ އާންކް" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބުނެވެ. ޚާއްސަކޮށް ތާޕްސީގެ ޕާފޯމަންސަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ތައުރީފު ލިބުނެވެ.

މިވަގުތު ތާޕްސީ ކުޅެމުންދަނީ "ރަޝްމީ ރޮކެޓް" އާއި "ތައްޕަޅް" އެވެ. މި ދެ ފިލްމު ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.