(28 ނޮވެމްބަރ 2019 އާ ގުޅޭ)
ހޭޒަލްއަށް ފަހަތަށް ދެތިންފިޔަވަޅު އަޅާލެވުނީ މީހާގެ ހަމަގެއްލުނު ފަދައަކުންނެވެ. އެ އަންހެންކުއްޖާގެ ހުނުމުން ހޭޒަލްއަށް އިޙްސާސްވީ މަލާމާތެވެ. ލިއަމް ފުރަތަމަ ފިޔަވަޅު ކުރިއަށް އަޅާލިއިރަށް ހޭޒަލް ދުއްވައިގަނެއްޖެއެވެ.
"އޭތް! ދަނީތަ؟..." ލިއަމް ދާން އުޅޭހެން ހީވުމުން މޭޒުދޮށުގައި އިން އަންހެން ކުއްޖާ ވެސް ތެދުވެއްޖެއެވެ. އޭނާ ހަލުވިކޮށް އައިސް ލިއަމްގެ މުލައްދަނޑީގައި ހިފާލަން އުޅުނެވެ. ނަމަވެސް އެ އަތް ކައިރިވުމުގެ ކުރީން ލިއަމް އަތް ފޮޅުވާލައިފިއެވެ. އަދި ހިތްހަމަނުޖެހިފައި ބަލާލުމާއެކު އޭނާ އެތާކު މަޑެއް ނުކުރިއެވެ. "ޒެއްލު"އޭ ހިތާ ހިތުން ކިޔަމުން ދެފަޔަށް ބާރުލައި ހަލުވިކަމާއެކު ލިއަމް މަގުމައްޗަށް ނުކުތެވެ. މަގުގެ ދެކޮޅު އޭނާ ބަލާލިއެވެ. ހޭޒަލްއެއް ނުފެނުނެވެ. ލަފާކޮށްފައި ކަނާއަތް ފަރާތަށް އޮތް މަގަށް ނުކުތުމަށް ލިއަމް ދުއްވައިގަތެވެ.
ދުވަމުން އައި ހޭޒަލްއަށް މަޑުޖެހިލެވުނެވެ. އޭރު މީހާއަށް ހުރީ މާނޭވާ ލެވިފައެވެ. ހިކިފައިވާ އަރުތެރެ ތެތްމާލުމަށް ހިންދިރުވާލެވުނެވެ. ގުދުވެލައިގެން ދެކަކުލުގައި އަތްޖައްސާލައިގެން އޮވެ ހިކިކެއްސުމެއް ހޭޒަލް ކެއްސިއެވެ. އެހެންއޮވެ އޭނާ ދުވެފައި އައި ދިމާއަށް ބޯއަނބުރާލައި ބަލާލިއެވެ. އެހިސާބުގައި މީހަކު ފެންނާކަށް ނެތެވެ. މަގަށް އޮތީ ފަޅުކަން ވެރިވެފައެވެ. މަޑުމަޑުން ހިންދެމިލުމާއެކު އަތުގައި އޮތް ކޮތަޅު ފައިގާ ޖެހުނެވެ. ހޭޒަލްގެ ސަމާލުކަން އެ ކޮތަޅަށް ދެވުނެވެ.
"މި ހިފައިގެން އުޅުމުގެ ބޭނުމެއްނެތް ކޮތަޅަށް ބަލަން ހުރި ހޭޒަލްގެ ހިތަށް އެރިއެވެ. އެއާއެކު ވަގުތުން ހޭޒަލްއަށް ހުރެވުނު ހިސާބެއް ދެނެގަތުމަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ޖެހިލި ބާރު ވައިރޯޅިއާއެކު މަގަށް އެޅިފައި ހުރި ހިކިފަތްތައް ބުރައިގެން ދިޔައެވެ. ބައްދަމުން އައި އުޑުމައްޗަށް ހޭޒަލްއަށް ބަލާލެވުނެވެ. ދެންމެދެންމެ ވާރޭ ވެހެންފަށާފާނޭ ހީވާ ކަހަލައެވެ. އަތުގައި އޮތް ކޮތަޅު ގެނެސް މޭގައި ޖައްސާލައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ހޭޒަލް ހިނގައިގަތެވެ. އެވަގުތު އޭނާގެ އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވާ އަޑު އިވެއެވެ. އެކަމަށް ސަމާލުކަމެއް ހޭޒަލް ނުދިނެވެ.
ވާރޭގެ ތިއްކެއް ހޭޒަލްގެ މޫނުގައި ޖެހުމުން އޭނާ އިސްއުފުލައި އުޑުމައްޗަށް ބަލާލިއެވެ. އަދި ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް އޭނާއަށް ދާރިއަންގެ އޮފީހާ ހަމައަށް ނުފޯރާނޭ ހީވުމުން ދުއްވައިގަތެވެ.
ރިސެޕްޝަނުގައި އިން އަންހެންކުއްޖާއަށް ހޭޒަލް ފެނުމުން އެއީ ކާކުކަން އެނގުނީ އިރުކޮޅެއް ކުރީން އެ އޮފީހުން ފެނިފައި ހުރީމައެވެ. ނަމަވެސް ހައިރާންވީ ހޭޒަލްގެ ހާލު ފެނިފައެވެ. އެއްފަރާތަށް ވާހެން ދޫކޮށް ގަތާލާފައި އޮތް ހޭޒަލްގެ އިސްތަށިގަނޑު ފެންނަނީ ވަޔާހެދި ހޭވިފައި އޮތްތަނެވެ. އޭނާ ލައިގެން ހުރި ގަމީސް ހުރީ ހިސާބަކަށް ތެމިފައެވެ. ދުވަމުން އައުމުގެ ސަބަބުން އޭނާގެ ނޭވާ ހުރީ ކުރުވެފައެވެ. އަވަސްއަވަހަށް ހޭޒަލްގެ މޭގައި ޖައްސާ ފޮރުވާލައިގެން ހުރި ކޮތަޅު ރިސެޕްޝަންގައި އިން އަންހެންކުއްޖާއަށް ހޭޒަލް ދިއްކޮށްލިއެވެ.
"ޔޯ ފޯން..." ހޭޒަލްގެ އަތްދަބަހުން ފޯނު ރިންގުވާ އަޑު އިވިއިވި ހުރުމުން ރިސެޕްޝަންގަ އިން ކުއްޖާ ބުނެލިއެވެ. ނަމަވެސް އެ އަޑު ހޭޒަލްއަށް އިވުނުހެނެއް ހިޔެއްނުވެއެވެ.
"މީތި... ދާރިއަން... ރައްދުކޮށްދީ..." ނޭވާ ހަމައަކަށް އަޅުވަމުން ހޭޒަލް ބުންޏެވެ. ރިސެޕްޝަންގަ އިން ކުއްޖާ އެ ކޮތަޅުގައި ހިފުމުން އެތަނުގައި ހޭޒަލް މަޑެއްނުކުރިއެވެ. އެ އޮފީހުން ނުކުމެގެން އައިސް އިމާރާތުގެ ބޭރުގައި މަޑުކޮށްލިއެވެ. އޭރު ވާރޭ ބޯކޮށް ވެހެމުންދިޔައެވެ. ފަޒާގައި ދުންފިނީގެ ފަށަލައެއް ލެވި ފުސްވެފައިވާ ކަހަލައެވެ. ވަގުތުކޮޅަކަށް ހުއްޓުން އަރާފައި ހުރި މީހަކު ފަދައިން ހޭޒަލް ހުއްޓެވެ. އޭނާގެ ނަޒަރު މަގުމައްޗަށް ހުއްޓާލައިގެންނެވެ. ހިތާއި ސިކުނޑި ހުއްޓުމެއްނެތި މަސައްކަތްކުރަމުން ދިޔައީ ޢާންމުކޮށް މަސައްކަތްކުރާ ވަރަށްވުރެ އެތައްހާސް ގުނައެއް އިތުރަށެވެ. އެހެން ހުރެފައި ދެން ފެނުނީ އަތްދަބަހުގެ ތެރެއިން ހޭޒަލް ފޯނު ނެގިތަނެވެ. ދިއްލިފައިވާ އިސްކުރީނުން އޭނާއަށް ލިއަމް ގުޅާތަން ފެނުނެވެ. އިސްކުރީނަށް ބަލަން ހުރެފައި ކޯލު ކެނޑުމުން ހޭޒަލް ފޯނު ހުޅުވާލިއެވެ. އަދި އޭނާ އާތިޝްއަށް ގުޅިއެވެ.
ވާރޭ ވެހެން ފެށުމުން ލިއަމް އައިސް އަސްކަންޏެއް ދަށުގައި މަޑުކޮށްލިއެވެ. ހޭޒަލް ނުފެނިގެން އޭނާ އެނބުރި ސައިކަލު ބެހެއްޓި ހިސާބަށް އައީއެވެ. އަދި ސައިކަލުގައި ހުޅުމާލޭގެ މަގުތަކުގައި އޭނާ ދުއްވީ ހޭޒަލް ފެނޭތޯއެވެ. އެކަމަށް ހުރަސް އެޅީ ވާރޭއެވެ. އޭނާ ހަމަރަނގަޅަށް ވެސް ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އޭރު ހިތުގައި އެތައް ސުވާލެއް ފުނިޖެހެމުންދިޔައެވެ. ހޭޒަލް ހުޅުމާލެއަށް އައީ ކޮންބޭނުމަކުބާއެވެ. އަނެއްކާ މިފަހަރު ވެސް މީހަކު ހޭޒަލް ގާތު އެއްޗެކޭ ކީބާއެވެ. އެހެންވެއްޖެއްޔާ އެއީ ކާކުބާއެވެ. މީހަކު ބުނެގެން އައިނަމަ މިފަހަރު އެމީހަކު ހޯދާނަމޭ ލިއަމްގެ ހިތަށް އެރިއެވެ. އަދި އެމީހަކު ދުވަހަކު ހޭޒަލްއާ ބައްދަލުނުކުރާވަރު ކުރަން ލިއަމް ގަސްދުކުރިއެވެ. ވާރޭގެ ފިނިކަމުގައި ވެސް ލިއަމް ދާހިތްލަނީއެވެ. ދޭތެރެއަކުން ނިތްކުރި ފުހެލައި ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލައެވެ. ވާރޭ ހުއްޓާނުލަނީސް އޭނާއަށް އެތަނުން ގުޑައިލެވޭކަށްނެތެވެ. އުޑުމައްޗަށް ވެސް ލިއަމްއަށް ބަލާލެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ. ވާރޭ ވެސް ވެހިގަންނަން އެނގުނީ ހަމަ މިވަގުތުހޭ ލިއަމްއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު ފޫހިކަމާއެކު ޗަސްޖަހާލިއެވެ.
"މައި ގޯޑް... ތެމިގެންތަ ތިއައީ؟... ކޮބާ ލިއަމް؟" ޕާކުކޮށްލި ކާރުން ފައިބައިގެން އައިސް ދޮރޯށި ދޮށުގައި މަޑުކޮށްލި އާތިޝް ބުނެލިއެވެ. އޭނާއަށް އާދެވުނު އިރު ތެމިފޯވެގެން ދޮރޯށި ކުރިމަތީ ހޭޒަލް ހުއްޓެވެ. އަވަސްއަވަހަށް ހޭޒަލްގެ ކޮނޑުގައި ކަނާއަތުން ހިފާ ގާތްކޮށްލެވުމާއެކު ތަޅުލެވިފައި ހުރި ދޮރޯށި އާތިޝް ހުޅުވިއެވެ. އެމީހުން އެތެރެއަށް ވަދެގެން އައިއިރު އެމީހުންގެ ފަހަތުން ދޮރޯށި ލެއްޕި ތަޅުލެވުނެވެ. ސުވާލު އުފެދިފައި ހުރި އާތިޝް އެލެވޭޓާގެ ތެރެއަށް ވަނީ ހޭޒަލް ގޮވައިގެންނެވެ. އެއްވެސް އެއްޗެއް ހޭޒަލް ނުބުނެއެވެ. އެލެވޭޓާ މަސައްކަތްކުރާލެއް ލަސްހެން އާތިޝްއަށް މިނޫނީ ހީނުވެއެވެ.
އެޕާޓްމެންޓަށް ވަދެވުނު ގޮތަށް ދޮރުލައްޕާލާފައި އާތިޝް ދުއްވައިގަތީ މެހެމާނުން ބޭނުންކުރުމަށް ހުރި "ޕައުޑާ ރޫމް"އާ ދިމާއަށެވެ. އެތަނަށް ވަދެ ކަބަޑުގައި އޮތް ދެ ތުވާލި ނަގައިގެން އެނބުރި ހޭޒަލްގެ ގާތަށް އައެވެ. އަވަސް އަވަހަށް އެއްތުވާލިން ހޭޒަލްގެ ކޮނޑުމަތިން ހަށިގަނޑު ފޮރުވާލިއެވެ. އަނެއް ތުވާލުން ހޭޒަލްގެ މޫނު ފުހެލަ ދިނުމާއެކު އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ.
"ކޮއްކޮ އެކަނިތަ ތިއައީ؟... ލިއަމް ކޮބާ؟..." އާތިން އަނެއްކާ ވެސް އަހާލިއެވެ. ހޭޒަލް އަނގައިން ނުބުނުމުން އެ މޫނަށް ފަރުވާތެރިކަމާއެކު އާތިޝް ބަލާލިއެވެ. އަދި ހޭޒަލްގެ ބޮލުގައި ތުވާލި އަޅުވާލައި އާތިޝް ދުރަށް ޖެހިލިއެވެ. އޭނާގެ ފަޓޫލޫނު ޖީބުން ފޯނުނެގިއެވެ. އާތިޝްގެ ހަރަކާތްތައް ހޭޒަލް ދެނެގަތެވެ. އޭނާ ނިކަން އަވަހަށް އާތިޝް ފޯނު ހިފައިގެން ހުރި އަތުގައި ހިފެހެއްޓިއެވެ.
"އައި އޭމް ފައިން ދޮންބޭ، ޑޯންޓް ވޮރީ... ވާރޭ ހުއްޓާލީމަ ގެއަށް ދާނަން... ދޮންބެ ދެން ދޭ... އަހަރެން... ލި... ލިއ...ލިއަމްއަށް ގުޅާނަން" ހޭޒަލްއަށް ލިއަމްގެ ނަންކިޔުން ފަސޭހައެއް ނުވިއެވެ. އެ ނަން އޭނާގެ އަރުތެރޭގައި ތާށިވާ ކަހަލައެވެ. ކަށިތަކެއް ފަދައިންނެވެ.
"ޔޫ ޑޯންޓް ލުކް ފައިން" އާތިޝްއަށް ހޭޒަލްގެ ވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ.
"އައި އޭމް ޓޯޓަލީ ފައިން" ތުންފަތަށް ގަދަކަމުން ވެރިކޮށްލި ހިނިތުންވުމުގައި ތުންފަތް ދެމިލި ހިނދު ހޭޒަލްގެ ހިތުގެ މަސްތައް ދެމި އިރައިގެން ދިޔަ ފަދަ ތަދެއް އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެންނަމަވެސް އެމޫނުން ވޭނުގެ ޒަރެއްގެ މިންވަރު ވެސް ފާޅުވިޔަ ނުދިނެވެ.
"ހިނގާ.... ދޮންބެ އޮފީހަށްދާ މަގުމަތީ ކޮއްކޮ ގެއަށް ލާދީފަ ހިނގައިދާނަން" އާތިޝް ބުނެލިއެވެ. އޭނާއަށް އެއްގޮތަކަށް ހޭޒަލްގެ ހަޤީޤީ ހާލަތު ދެންނަގަންނާކަށް ނޭނގުނެވެ. މިނޫނީ ހޭޒަލްގެ ފުށުން އެފަދަ އަސަރުތަކެއް ނުވެސް ފެނެއެވެ. ހަމައެއާއެކު ހޭޒަލްއަކީ ޖަޒުބާތުތައް ފޮރުވުމުގައި އެކަމުގެ މާހިރެކެވެ. އަމިއްލަ އިޙްސާސްތައް ޢާއިލާގެ މެންބަރުންނާ ޚިއްޞާކުރި ހަނދާނެއް ވެސް ހޭޒަލް ނެތެވެ. ކިރިޔާ ވެސް އޭނާ ކަންކަން ޚިއްޞާކޮށް އުޅުނީ ނަޝާއާއެވެ. އެކަމަކު މިހާރު ދިރިއުޅުމުގައި އާދެވިފައި ހުރީ ނަޝާއާ ވެސް ކަމެއް ޚިއްޞާކުރެވޭ ހިސާބަކަށް ނޫނޭ ހޭޒަލް ޤަބޫލުކުރެއެވެ. އެކުވެރިޔާއާ ޚިއްޞާކުރަން ޖެހިލުންވާއިރު ޢާއިލާ މީހުންނާ ޚިއްޞާ ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ.
"އިޓްސް އޯކޭ... އަހަރެން އިރުކޮޅަކު މަޑުކޮށްލާފަ ހިނގައިދާނަން، ދޮންބެ އޮފީހުގަ..." ހޭޒަލް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވެނީސް އާތިޝްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ނަސީބެކޭ ހޭޒަލްގެ ހިތަށް އެރިއެވެ. އޭނާ ފޯނުކޯލަށް ޖަވާބުދިނީ ހޭޒަލްއަށް ބަލަން ހުރެއެވެ. އޭރު ހޭޒަލް އަމިއްލައަށް ގައިން ފެން ހިއްކަން ފަށައިފިއެވެ. އޭނާއަށް ކަމެއްނުވާކަން އާތިޝްއަށް ދެއްކުމަށްޓަކައި އޭނާގެ ހަރަކާތްތައް ޢާންމުކޮށް ގެންގުޅޭ ފަދައިން ބެހެއްޓުމަށް މަސައްކަތްކުރިއެވެ.
"ތޭންކްސް... އައި ވިލް ބީ ދެއާ" އާތިޝް ފޯނުކޯލު ނިންމާލިއެވެ. ފުންނޭވާއެއް ލުމަށްފަހު އޭނާގެ އަތުގައި އޮތް ކީކާޑު ދޮރުކައިރީ ހުރި ދިގު ކަބަޑުގެ މަތީ ބޭއްވީ އޭތި ހޭޒަލްއަށް ދައްކާލަމުންނެވެ.
"ކޮއްކޮ އަތުގަ މި ބާއްވާ، އިތުރު ކާޑެއް އަދި އޮންނާނެ... އޮފީހުން އެގުޅީ، އައި ހޭވް ޓު ގޯ" އާތިޝް ދާން ބޭނުންނުވެފައި ހުރެ ވެސް ދާންޖެހިއްޖެކަން ހާމަކުރިއެވެ. ހޭޒަލް ބޯޖަހާލީއެވެ.
ދޮރުން ނުކުންނަން ދިޔަ އާތިޝްގެ ފަހަތުން ހޭޒަލް އައެވެ. އޭނާ ދޮރުގައި ހިފާ ކައިރިކޮށްލަން އުޅުމުން އާތިޝް ދޮރުގައި ހިފެހެއްޓިއެވެ. ލިއަމް ގުޅައިގެން އަވަހަށް ގެއަށް ދިއުމަށް އާތިޝް ބުންޏެވެ. ފިނިއިރު ތެތް އެއްޗެހީގައި ނުހުރެ ހެދުން ބަދަލުކުރުމަށް ވެސް އާތިޝް ބުންޏެވެ. ފަހުކަމަކަށް އޭނާ ދާން އެނބުރިލުމުގެ ކުރީން ހޭޒަލް ގާތުން އެދުނީ ކޮންމެކަމެއް ބޭނުންވި ނަމަވެސް އާތިޝްއަށް ގުޅުމަށެވެ. މިފަހަރު ވެސް ހޭޒަލް ބޯޖަހާލީއެވެ. މިނޫނީ އޭނާއަށް ޓަކައި އާތިޝްގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފާޅުވީތީ ހޭޒަލް ނުދެކެއެވެ. ކޮއްކޮއާ މެދު އެ ބޭބޭ ވިސްނާކަން ފާޅުވޭވޭ ހުރި އަސަރުތައް ހެކިދެއެވެ. ހޭޒަލްގެ މޭގެ ރިހުން އިތުރުވިއެވެ. ތުވާލިން ހަށިގަނޑު ނިވާކޮށްލަން އުޅުނު ފަދައިން ތުވާލީގެ ކަނުގައި ހިފައި ގެނެސް ހޭޒަލްގެ މޭގައި ބޮނޑިކޮށްލިއެވެ. އާތިޝް އެލެވޭޓާއަށް ވަދެ އޭގެ ދޮރު ލެއްޕުމާއެކު ހޭޒަލް އެތެރެއަށް ވަދެ އެޕާޓްމެންޓުގެ ދޮރު ލައްޕާލައި ތަޅުލިއެވެ. ހޭޒަލްގެ ދެތުންފަތް ތުރުތުރު އަޅާލުމާއެކު ފިނިނޭވާއެއް ފަދައިން އާހުގެ އަޑު ބޭރުވިއެވެ. ހީވީ ޖަޒުބާތުތައް ހިފަހައްޓަން މަޖުބޫރު ކުރުމުގެ ސަބަބުން ނަފްސަށް މީގެ ކުރީން ދުވަހަކުވެސް ލިބިފައިނުވާ ފަދަ ވަރުބަލިކަމެއް ލިބިގެންދިޔަ ހެންނެވެ. އޭނާއަށް ދޮރުފަތުގައި ބުރަކަށި ޖައްސާލެވުމާއެކު ލެނގިލެވުނެވެ. ފަރުދާކުރަމުން އައި ހުރިހާ އަސަރެއްގެ ކުލަ ވަގުތުން އެ މޫނުން ފާޅުވެލީ ދެނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ހިނގައިގަތީ އެ އެޕާޓްމެންޓުގައި ހުރި އޭނާގެ ކޮޓަރިއަށެވެ.
އަނދިރިކަން ވެރިވެފައި އޮތް ކޮޓަރީގެ ބޮކި ދިއްލާލުމަށްފަހު ހޭޒަލް އައިސް އަލަމާރި ކައިރީ ހުއްޓިލިއެވެ. ހަތަރުދޮރުފަތްލީ އެ އަލަމާރީގެ ދޮރުފަތެއް ހޭޒަލް ހުޅުވާލިއެވެ. އެ އަލަމާރީގައި ފަތްޖަހާފައި އޮތް ނިދާ ހެދުމެއް ފިޔަވައި އިތުރު އެއްޗެއް ނުވެއެވެ. އެއީ ސިލްކު ފޮތީގެ ނިދަންލާ ގަމީހަކާއި ހަރުވާޅެއެވެ. އެ ފެނުމުން ހޭޒަލްގެ ހަނދާނަށް އައީ ލިއަމް ކުޅުދުށްފުށްޓަށް ދިއުމުން ސާއިރާގެ އެދުމަށް އޭނާ އެގެއަށް ހުންނަން އައި ހަނދާނެވެ. އެ ނިދާ ހެދުމަކީ އޭރު ސާއިރާ އޭނާއަށް ހޯދައިދިން އެއްޗެކެވެ. އިރުކޮޅަކު އެއަށް ބަލަން ހުރުމަށްފަހު ހޭޒަލް އެ ހިފައިގެން ފާޚާނާއަށް ވަނެވެ. އޭރު ވެސް ހޭޒަލްގެ ކޮނޑުގައި އަޅުވާލި ގޮތަށް އަތްދަބަސް އޮތްކަން ހަނދާންވީ ދެނެވެ. މޫނު ދޮންނަ ތަށީގެ ފުޅާ ހިލަ މައްޗަށް ދަބަހުގައި ހުރި އެއްޗެހި ހޭޒަލް އަޅާލިއެވެ. އަދި ދޮރުފަހަތުގައި ހުރި ބުޅިގަނޑުގައި އަތްދަބަސް އަޅުވާލިއެވެ. އެއަށްފަހު ހިލަމަތީގައި ހުރި އެއްޗެހިތަކުން ފޯނަށް ހޭޒަލް ބަލާލިއެވެ. ފޯނު އޮތީ ނިވިފައެވެ. އެހެންވެ އަނެއްކާ ވެސް ފޯނު ނެގިތަނުގައި ބާއްވައިފިއެވެ. ފާރުގައި ހުރި ބޮޑު ލޯގަނޑުން އަމިއްލަ ނަފްސަށް ހޭޒަލް ބަލާލިއެވެ. އޭނާއަށް އަމިއްލަ ސޫރަ ސިފަވުމުގެ ބަދަލުގައި ފެނުނީ ލިއަމްއެވެ. އޭނާއާއެކު އިން އަންހެންކުއްޖާއެވެ. އެ ދެމީހުންގެ ދެމެދުގައި މައްލަވަކުރެވެމުންދިޔަ މަންޒަރެވެ. ލިއަމްގެ އެދުންވެރިކަމުން ފުރިގެންވީ ބެލުމެވެ. އެ އަތުން އެ އަންހެންކުއްޖާގެ ފައިގެ ފަލަމަސްގަނޑުގައި ފިރުމި ގޮތެވެ. ނޭވާ ހާސްވެގެން ތެޅިގަތް މީހަކު ފަދައިން ހޭޒަލް ތެޅިގަތެވެ. އެއާއެކު އޭނާ ލޯގަނޑަށް ފުރަގަސްދީފިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެ ލޯ ކަރުނުން ފުރެމުންދިޔައެވެ. ކޯތާފަތް ތެމުމާއެކު އެހާމެ އަވަހަށް ދެއަތުން ފުހެލިއެވެ. ނަމަވެސް އެ ތެތްކަން ފިލައިގެނެއް ނުދިޔައެވެ. ސައިލެއް ފަދައިން ބަންޑުންވަމުން ދިޔަ ކަރުނައިގެ ކޯރު ހުއްޓުވަން ކުރި މަސައްކަތް ބޭކާރުވެ ހޭޒަލްއަށް ގިސްލެވިއްޖެއެވެ. އަޑުވީއްލާ ރޮވިދާނެތީ އަނގަމަތީ އަތްއެޅި ނަމަވެސް ގިސްގެ އަޑާއެކު ރުއިމުގެ އަޑު ބޭރުވެއްޖެއެވެ. އޭނާ ނުރޯން ވަރަށް ހިތްވަރުކޮށްފިއެވެ. ކޮޅަށް ނުހުރެވިގެން ތަޅުންމައްޗަށް ހޭޒަލްއަށް ތިރިވެވުނެވެ. ވައަތްތިލަ ތަޅުންމަތީ ވިއްދާލެވުނީ ހޭޒަލްގެ ހަށިގަނޑު ވެއްޓިދާނެހެން ހީވެގެންނެވެ. ހަތަރުފާރުގެ ތެރޭ ބާރަށް ގުގުމަމުން ދިޔައީ ހިތްދަތިކަމާއި ވޭނުން ފުރިގެންވީ ރުއިމުގެ އަޑެވެ.
* * * * *
މީޓިން ނިންމާފައި ކޮންފަރެންސް ރޫމުން ނުނިކުމެވެނީސް ދާރިއަން ފޯނު ނެގިއެވެ. ހޭޒަލްއަށް ނިކަން އަވަހަށް ގުޅީ ހިނިތުންވެލައިގެން ހުރެއެވެ. ޢާންމުކޮށް ހޭޒަލް ނުގުޅާ ގަޑިއަކު އޭނާ ގުޅުމުން ކަމެއް ޖެހުނީއޭ ދާރިއަންގެ ހިތަށް އެރިއެވެ. އެހެންވިޔަސް ހޭޒަލްއާ ވާހަކަދައްކާލަން ފުރުޞަތު ލިބޭނެތީ ތަފާތު އުފާވެރިކަމެއް އޭނާގެ ހިތަށް ލިބުނެވެ. އަދި ގަސްދުކުރީ ކޮންމެވެސް ބަހަނާއެއް ދައްކައި ހަވީރުން ހޭޒަލްއާ ބައްދަލުވާނޭ ގޮތެއް ވޭތޯ ބެލުމަށެވެ. ނަމަވެސް އޭނާއަށް ގުޅޭ ގޮތެއް ނުވިއެވެ. ހޭޒަލްގެ ފޯނު ނިންވާލައިފަ ކަމަށް ބުނާތީއެވެ. ތިން ހަތަރު ފަހަރަށް ހޭޒަލްއަށް ގުޅޭތޯ ދާރިއަން ބެލިއެވެ. ގުޅޭ ގޮތެއް ނުވިއެވެ. ފަހުން ގުޅާނީއޭ ހިތާއޭ ދާރިއަން މަޑުކޮށްލަން ގަސްދުކުރީ ހޭޒަލް ފޯނު ހުޅުވާނޭކަން އެނގޭތީއެވެ.
* * * * *
ވާރޭ ތުނިކޮށްލުމާއެކު ލިއަމް ސައިކަލުގައި ދުއްވާލީ މާލެ ދިއުމަށެވެ. ހޭޒަލް ގެއަށްކަން ދާނީ އެނގޭތީއެވެ. ދުއްވޭ އެންމެ ބާރުމިނެއްގައި ލިއަމް ސައިކަލު ދުއްވިއެވެ. އަވަސް ކުރަންވެގެން ބުރިޖުމަތިން ލޭން ބަދަލުކޮށްލަން އުޅެނިކޮށް ލޮރީއެއްގައި އޭނާ ނުޖެހުނީ ކިރިޔާއެވެ. އެހެންވިޔަސް ދުވެލި މަޑެއް ނުކުރިއެވެ. އޭނާ އެ އައި ގޮތަށް އައިސް ގޭ މަގުގައި ސައިކަލު މަޑުކޮށްލިއެވެ. އެގޮތް މިގޮތަށް ހުރި ސައިކަލުތަކުގެ ދޭތެރެއަކުން ޖާގައެއް ހެދުމަށްފަހު އެތަނަށް ސައިކަލު ވެއްދިއެވެ.
އެޕާޓްމެންޓުގެ ދޮރުހުޅުވާލައި އެތެރެއަށް ލިއަމް ދެމިގަތީ ނުހަނު ހަލުވިކޮށެވެ. ނަމަވެސް ކުރިމަތީގައި ހުރި ބިތްގަނޑެއްގައި ޖެހި މީހާ މަތަވާ އުސޫލުން އޭނާއަށް ހުއްޓުން އެރިއެވެ. ޤަބޫލުނުކުރެވިފައި އޭނާ ބަލަން ހުއްޓެވެ. ސިޓިންރޫމުގެ އެކި ދިމާއަށް އޭނާގެ ނަޒަރު ދަތުރުކުރިއެވެ. ފަރުދާގައި ހަރުކޮށްފައިވާ އުފަންދުވަހުގެ ތަހުނިޔާ ލިއަމްއަށް ފެނުނެވެ. ހޭޒަލްކޮށްފައިވާ މަސައްކަތުގެ ފުރިހަމަކަން ލިއަމްއަށް ފެނި ހިންދިރުވާލެވުނެވެ. ގޭތެރެ ފެނި ހިނދުކޮޅަކަށް ހުރިހާކަމެއްގެ މަތިން އޭނާ ހަނދާންނެތުނުކަން ގައިމެވެ. ހޭޒަލްގެ މަތިން ހަނދާންވުމާއެކު ދުވެފައި ކަހަލަ ގޮތަށް ލިއަމް އައިސް ކޮޓަރިއަށް ވަނެވެ. އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ޓަކައި ހޭޒަލް އެމީހުންގެ ނިދާކޮޓަރި ވެސް ޒީނަތްތެރިކޮށްފައިކަން ވަނީ ލިއަމްއަށް ފެނުނެވެ. އެނދުމަތީ އެކިވަރުގެ ޕާރުސަލްތައް ހުއްޓާ ލިއަމްއަށް ފެނުނެވެ. އަލަމާރި ކައިރީ ޕާރުސަލް ކުރާ ކަރުދާސްތަކާއި އެނޫން ވެސް އެއްޗެހި ހުރިތަން ފެނުނެވެ.
"ޒެއްލު..." ލިއަމްގެ ދުލުން ހޭޒަލްއަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަހޭވެރިކަން ވީ ފަދައިން އޭނާ ހޭޒަލްއަށް ދެން ގޮވާލީ ބާރަށެވެ. ހަތަރުފާރުގެ ތެރޭ ގުގުމާލީ ހަމައެކަނި ލިއަމްގެ އަޑެވެ. އޭނާ އައިސް ފާޚާނާ ތެރެ ބެލިއެވެ. ކޮޓަރިން ނުކުމެ ގެސްޓްރޫމް ބެލިއެވެ. އެ ކޮޓަރީގެ ފާޚާނާ ވެސް ބެލިއެވެ. މުޅި ގޭތެރެ ލިއަމް ބެލިއެވެ. ނުފެނުމުން ހޭޒަލްގެ ނަންބަރަށް ގުޅިއެވެ. ލިއަމްއަށް ހީވީ އޭނާ ގުޅާތީ ހޭޒަލް ފޯނު ނިވާލީ ކަމަށެވެ. ލިއަމްއަށް ދަތްކުނޑިވިކާލެވުނެވެ. ހޭޒަލް ދާނީ ކޮންތާކަށްބާއޭ ލިއަމް ވިސްނަން ފެށިއެވެ. އެހިނދު އޭނާ ފޯނަށް ބަލައިލާ ނަންބަރަކަށް ޑައިލްކޮށްލީ ކަމެއް ހަނދާންވެގެން ކަހަލައެވެ.
"ހޭ ނަޝާ... ލިއަމް އިނގޭ" ލިއަމް ބުނެލިއެވެ.
"ހޫން ލިއަމްކަން އެނގުނޭ އަޑުން... ކޮބާތަ ޒެއްލު... އެކުއްޖާގަނޑު މަށަށް ގުޅާ ވެސް ނުލާ، ތިގެއަށްދާން ހިތަށް އަރުވައިގެން މިހުންނަނީ" ލިއަމްއަށް އެއްޗެކޭ އަހާލެވުމުގެ ކުރީން ނަޝާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެހެންވެ އިތުރު ސުވާލެއް ކުރާކަށް ލިއަމްއަކަށް ނުޖެހުނެވެ. ހޭޒަލް ޔަގީނުން ވެސް ނަޝާ ގާތަށް ނުދާކަން ލިއަމްއަށް އެނގުނެވެ.
"އޭތް... ކުއްލިއަކަށް ބިޒީވެއްޖެ... ވާހަކައެއްބުނަން ގުޅީ، ފަހުން ގުޅާނަން އިނގޭ" ލިއަމް އަވަސް އަރުވާލާފަ ބުންޏެވެ.
"ޒެއްލު ގާތު ބުނެބަލަ އަހަންނަށް ގުޅާބަލާށޭ" ނަޝާ ވެސް ފޯނުކޯލު ކަނޑާލުމުގެ ކުރީން ބުނެލިއެވެ. ލިއަމް އާނއޭ ކިޔާ ކޯލު ކަނޑާލައިފިއެވެ. ފޯނުން ވައަތުގައި އޭނާ ތަޅާލިއެވެ. ނަޝާ ގާތަށް ހޭޒަލް ނުދަންޏާ ދެން އޭނާ ދާނީ ގެއަށޭ ލިއަމްގެ ހިތަށް އެރިއެވެ. ހޭޒަލްގެ ނަޝާނޫން ރަޙުމަތްތެރިއަކު ވެސް ނުހުންނާނޭކަން ލިއަމްއަށް އެނގެއެވެ. ވީހާ ވެސް އަވަހަކަށް ހޭޒަލްއާ ހަމައަށް އޭނާ ދިއުން މުހިންމުކަމުގައި ލިއަމްގެ ޟަމީރު ވިސްނައިދިނެވެ.
(ނުނިމޭ)