ތުންފަތަށް ބަދަލު އަންނަނަމަ މިހާރު އަޅާލާ ވަރަށް ވުރެ ބޮޑަށް އަޅާލަން ޖެހޭނެ އެވެ. ތުންފަތް ކަޅުވެ ހަން ފޮޅޭނަމަ ގޭގައި އާއްމުކޮށް ގެންގުޅޭ ތަކެތި ބޭނުން ކޮށްގެން ވެސް އެކަށީގެންވާ ރަނގަޅު ފަރުވާއެއް ހޯދިދާނެ އެވެ.
ހަމުގެ ކުލަ ފަދައިން ތުންފަތުގެ ކުލަ ވެސް އެކި މީހުންގެ ތަފާތު ވާނެ އެވެ. ވަކި ކުލައެއް ތުންފަތުގައި ހުރުމަކީ ސިއްހީ ގޮތުން ތުންފަތް އެންމެ ރަނގަޅަށް ހުރުމެއް ނޫނެވެ. ނަމަވެސް ތުންފަތުގެ ކުލައަށާއި ހާލަތަށް ބަދަލުތަކެއް އަންނަ ނަމަ އެއީ ފަރުވާ ބޭނުންވާ ކަމުގެ އަލާމާތެކެވެ.
އަހަރެމެން ގިނަ ފަހަރަށް ތުންފަތާ މެދު މާ ބޮޑަކަށް އަޅައެއް ނުލަމު އެވެ. ނަމަވެސް ތުންފަތަކީ ވެސް އިންސާނާގެ ސިއްހީ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދޭ ބައެކެވެ. ބައެއް މީހުންގެ ތުންފަތް ކަޅުވަނީ ސިއްހީ މައްސަލައެއް ހުރުމުން ނުވަތަ ދިރިއުޅުމުގެ އާދަތައް ބެހެއްޓޭ ގޮތަކުންނެވެ.
ތުންފަތް ކަޅުވާ އެންމެ މައިގަނޑު އެއް ސަބަބަކީ އަވީގައި މާ ގިނަ ވަގުތު އުޅުމުން މެލަނިން އުފައްދާ މިންވަރު އިތުރުވެ ހަންގަނޑު ބޯވާތީ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ތުންފަތް ކަޅުވެ ކުރަކިވާ ކަމެކެވެ. އަދި ދަތްއުނގުޅާ ބޭހަކާ ނުގުޅިގެންނާއި ލިޕްސްޓިކަކާ ނުގުޅިގެން ވެސް ތުންފަތް ކުރަކިވެ ހަންފޮޅެން މެދުވެރިވެ އެވެ.
މި މައްސަލަތައް ހައްލުކުރަން ކޮންމެހެން އަގުބޮޑު ބޭސްތައް ނޫގުޅިޔަސް ގޭގައި ޚާއްސަކޮށް ބަދިގޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް އެއްޗެތިން ފަރުވާ ކުރެވިދާނެ އެވެ.
އެގޮތުން ބޭނުން ކުރެވިދާނެ އެންމެ ރަނގަޅު އެކައްޗަކީ ލުނބޮ އެވެ. ލުނބޯ ހުތަކީ ހަންގަނޑު އަލިކޮށްލަދޭ އެއްޗެއްގެ ގޮތުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ އެއްޗެކެވެ. ތާޒާ ލުނބޯހުތްކޮޅެއް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ތުންފަތުގައި ހާކާލާށެވެ. އަދި ހެނދުނު ހޭލައިގެން ހޫނު ފެންފޮދަކުން ދޮވެލާށެވެ. މިއަށް ވުރެ ވެސް ފައިދާހުރި ގޮތެއް ބޭނުންނަމަ ލުނބޯހުތްކޮޅެއްގެ ތެރެއަށް މާމުއިކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތުންފަތުގައި ހޭކިދާނެ އެވެ.
އަންނާރަކީ ވެސް ތުންފަތުގައި ހުންނަ ކުލަ ރީތި ކޮށްދޭ އެއްޗެކެވެ. މޭޒުމަތީ ސަމުސަލެއްހާ އަންނާރު އޮށް ރަނގަޅަށް ހިމުންކުރުމަށްފަހު ތާޒާ ކިރުކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށް ޕޭސްޓް ހަދާފައި ތުންފަތުގައި ހާކާށެވެ. އަދި 2-3 މިނިޓް ފަހުން ދޮވެލާށެވެ. ހިރުވާގޮތް ވާނަމަ ވަގުތުން ދޮވެލަން ވާނެ އެވެ.
އަންނާރާއި އެހެން މޭވާއެއްގެ ޖޫސް އެއްކޮށްގެން ތުންފަތުގައި ރީތި ކުލައެއް ވެސް ޖެއްސިދާނެ އެވެ. މޭޒުމަތީ ސަމުސަލެއްގެ އަންނާރުއޮށް ހަމަ އެހާ ބީޓުރޫޓް ޖޫހާއި ކެރެޓް ޖޫހާ އެއްކުރާށެވެ. ދެން މި އެއްކުރި އެއްޗެތި ތުންފަތުގައި ހާކާށެވެ. އޭރުން ކުލަ ވަރަށް ރީތިވާނެ އެވެ.
އަލުވި އަކީ ވެސް ތުންފަތުގެ ކަޅުކުލަ ފިލުވަން ރަނގަޅު އެއްޗެކެވެ. ލަކުނުގައި ހުންނަ ކަޅުކަން ފިލުވާލަން ބޭނުންވާ މުހިއްމު ގުދުރަތީ އެންޒައިމެއް އަލުވީގައި ހުރެ އެވެ. އަލުތްވެއް ފޮތިކޮށްލާފައި ނިދާގަޑީގައި ތުންފަތުގައި ހާކާލާށެވެ. ހެނދުނު ހޭލައިގެން ހޫނުފެނުން ތުންފަތް ދޮވެލާށެވެ.