ބޮލީވުޑް

"މުންނީ ބަދުނާމް ހުއާ" އަހަރުގެ އެންމެ ރީތި ލަވަ!

ސަލްމާން ޚާންގެ "ދަބަންގް" 2010 ގައި ރިލީޒް ކުރިއިރު އެ ފިލްމުގެ އެންމެ ރީތި އެއް ލަވަ "މުންނީ ބަދުނާމް ހުއީ" އޮތީ ވަރަށް މަޝްހޫރުވެފަ އެވެ. އެ ލަވައެއް މަލައިކާ އަރޯރާ ނަށާފައިވާ ނެށުން އެ ދުވަސްވަރު ގިނަ ބަޔަކަށް ވަރަށް ކަމުދިއުމުގެ ސަބަބުން އެ އަހަރުގެ އެންމެ ރީތި އަދި މަޝްހޫރު ލަވައަކަށް އެ ލަވަ ވިއެވެ. އަދި ވަރަށް ގިނަ އެވޯޑުތައް ވެސް އެ ލަވައަށް ލިބުނެވެ.

އޭގެ ނުވަ އަހަރު ފަހުން ސަލްމާން ޚާން ނުވަތަ ފިލްމުގައި އޭނާއަށް ކިޔާ ނަމުން ނަމަ ޗުލްބުލް ޕާންޑޭ އަނެއްކާވެސް ހަމަ އެހާ ރީތި އަދި މޮޅު ލަވައެއް "ދަބަންގް 3" ގައި ވަނީ ހިމަނާފަ އެވެ. މިފަހަރުގެ ލަވައަކީ "މުންނާ ބަދުނާމް ހުއާ"އެވެ.

މިފަހަރުގެ ލަވައިގައި ސަލްމާން އާއެކު ހަރަކާތްތެރިވަނީ ނެށުމުގައި ދެ ވަނައެއް ނެތް ފަދަ ހުނަރުވެރި ޕްރަބޫދޭވާ އާއި ވަރީނާ ހުސެއިނެވެ. ލަވަ މިހާރު އިންޓަނެޓުގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ބުނަނީ "މުންނީ ބަދުނާމް ހުއީ" އަށް ވުރެ ވެސް މިފަހަރުގެ ލަވަ މާ ރީތިވެފައި މޮޅު ކަމަށެވެ.

މި ލަވަ ލޯންޗުކުރުމުގެ ހަފުލާވެސް ވަނީ ދުވަހަކުވެސް މިހާތަނަށް ލަވައެއް ލޯންޗުކުރަން އިވެންޓެއް ނުބާއްވާ ވަރުގެ ކުލަގަދަކޮށް ބާއްވާފަ އެވެ.

މި ލަވަ ވެސް ތައްޔާރުކޮށްފައިވަނީ "ދަބަންގް"ގެ މިއުޒިކް ވެސް ތައްޔާރުކޮށްދިން ސާޖިދު-ވާޖިދު އެވެ.
"ދަބަންގް 3" ތާރީޚީ ރެކޯޑެއް ގާއިމް ކުރުމަށް ސަލްމާން ބޭނުންވެ އެވެ. އަދި އެކަމަށްޓަކައި މިހާރު ވަރަށް ވަރުގަދައަށް ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ދަނީ ކުރިޔަށެވެ.

ޑިސެމްބަރު 20 ގައި ފިލްމު ރިލީޒްކުރާއިރު 5400 ސްކްރީނެއްގައި އެއްފަހަރާ ދައްކަން ފަށަން ދަނީ ރާވަމުންނެވެ. އަދި 400 ކްރޯޑު ހޯދައިގެން ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލުމަކީ ވެސް ސަލްމާންގެ އަމާޒެކެވެ.