ލައިފްސްޓައިލް

ސަލާމަތްކޮށްދިން މީހާގެ އެކުވެރިޔަކަށްވި ޕެންގުއިން!

ބައެއް ޖަނަވާރުތައް އޭތީގެ ފުރާނަ ސަލާމަތްކޮށްދީ އެހީތެރިވެ ހެޔޮ ކޮށް ހިތާ މީހާ ދަނެ އެވެ. ޑިމްޑިމް ނަމަކަށް ކިޔާ ޕެންގުއިންއަކީ ވެސް މި ގޮތަށް އެ ސޮރު ސަލާމަތްކޮށް ދިން މީހާ ބަލައިގަނެފައިވާ ދޫންޏެކެވެ.

ސައުތު އެމެރިކާގެ މެގަލަނިކް ޕެންގުއިން ކޮންމެ އަހަރަކު އެއްފަހަރު އޭނާ ސަލާމަތް ކޮށްދިން 71 އަހަރުގެ ފިރިހެންމީހާ ކައިރިއަށް ޒިޔާރަތް ކުރެ އެވެ. އެ މީހާ ކައިރިއަށް އެ ސޮރު އަންނަނީ 8000 ކިލޯ މީޓަރުގެ ދުރު ރާސްތާއެއް ކަޑައްތު ކޮށްފަ އެވެ.

ޑިންޑިމް ޕެންގުއިންގެ އެކުވެރި އިންސާނަކީ ޖޮއާއޯ ޕެރޭރާ ޑިސޫޒާ އެވެ. ބްރެޒީލްގެ ރިއޯ ޑި ޖެނޭރޯ ކައިރީގައި އޮންނަ ރަށެއްގެ އަތިރިމަތީގައި ދިރިއުޅޭ މި މީހާއަކީ ރިޓަޔަ ކޮށްފައިވާ ރާނާ މީހެކެވެ. އަދި ޕާޓްޓައިމް މަސްވެރިއެކެވެ.

ޑިންޑިމް 2011 ގައި ޖޮއާއޯ ދިރިއުޅޭ ރަށުގެ ގޮނޑުދޮށަށް ލެއްގި އެވެ. އޭރު އެ ޕެންގުއިންގެ ގައިގައި އޮތީ ހުސް ތެލެވެ. އަދި ބަނޑުހައި ވެގެން ގޮސް އެ ސޮރު އިނީ މަރުވާވަރު ވެފަ އެވެ. ޖޮއާއޯ އަށް ޕެންގުއިން ފެނިގެން އޭތި ނަގައިގެން ގޮސް ރީއްޗަށް އެސޮރުގެ ފިޔަގަނޑަށް ދަންދެން ތެޔޮތައް ފިލުވާ ސާފުކުރި އެވެ. އަދި މަސް ކާންދީގެން ހަފުތާއެއް ވަންދެން އެސޮރު ބެލެހެއްޓި އެވެ. އެސޮރުގެ ސިއްހަތު މުޅިން ރަނގަޅުވުމުން އެ ސޮރު ދިރިއުޅޭ މާހައުލަށް އަލުން ފޮނުވާލުމަށްޓަކައި މޫދަށް ދޫކޮށްލި އެވެ. ނަމަވެސް ޑިންޑިމް އަކަށް ނުދެވުނެވެ. އެގާރަ މަސް ދުވަސް އެ ސޮރު ޖޮއާއޯ އާއެކު އުޅުނެވެ. އެހާ ދުވަހުން އެ ސޮރު ގައިގައި ހުރި ހުރިހާ ފަތްތައް ފައިބައި އަލުން އާ ފަތުގެ ކޯޓެއް ލެވުމާއެކު ޕެންގުއިން ވީނުވީ ތަނެއް ނޭގި ގެއްލުނެވެ.

ގްލޯބޯ ޓީވީ އަށް ޖޮއާއޯ ކިޔައިދިން ގޮތުގައި އެ ސޮރު އެނބުރި އަންނާނެކަމުގެ ޔަގީންކަން ޖޮއާއޯ އަށް އޮތް ނަމަވެސް އޭތި އަތުވެދާނެ ކަމަށް އެހެން އެކަކުވެސް ގަބޫލެއް ނުކުރެ އެވެ.

ޖޮއާއޯގެ ހިތް ބުނީ ހަމަ ރަނގަޅަށެވެ. ޕެންގުއިން އެނބުރި ޖޮއާއޯ ކައިރިއަށް އައެވެ. އަދި ފާއިތުވީ ހަތަރު އަހަރު ތެރޭ ކޮންމެ އަހަރަކުވެސް އެސޮރު ޖޮއާއޯ އާ ބައްދަލު ކުރަން އާދެ އެވެ.

"އެސޮރު އަންނާނީ ޖޫން މަހު. އަދި ފެބްރުއަރީގައި އެ ސޮރުގެ ވަޒަނަށް އެނބުރި ދާނެ،" ޖޮއާއޯ ބުންޏެވެ.

މި ވައްތަރުގެ ޕެންގުއިން ވަޒަންވެރި ވެގެންއުޅެނީ އާޖެންޓީނާ އާއި ޗިލީގެ ޕެޓަގޯނިއާ ކޯސްޓްގަ އެވެ. އެއީ ޖޮއާއޯ އުޅޭ ސަރަހައްދާ 000،4 އާއި 000،8 ކިލޯ މީޓަރާ ދެމެދުގެ ދުރުމިނުގައިވާ ސަރަހައްދެކެވެ.

ގްލޯބޯ ޓީވީން ޖޮއާއޯ އާ އިންޓަވިއު ކުރީ ބައޮލޮޖިސްޓް ޕައުލޯ ކަރަޖޯސްކޯ އެވެ. އޭނާ ބުނި ގޮތުގައި އާންމުކޮށް ޖަނަވާރުންނާއެކު މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން މިގޮތަށް އެސޮރުމެން އެހެން ތަނަކަށް އަންނާކަށް ފުރުސަތެއް ނުދޭނެ އެވެ. އެ ސޮރުމެން އުޅޭ ސަރަހައްދަކަށް ގެންގޮސް ދޫކޮށްލާނީ އެވެ. ނަމަވެސް ޖޮއާއޯގެ ކޭސް ތަފާތު ކަމުން އޭނާއަށް މިގޮތަށް ޑިންޑިމް އާ ބައްދަލުކޮށް އެ ސޮރު ގެންގުޅުމުގެ ޚާއްސަ ހުއްދައެއް ލިބުނީ އެވެ.
ބައޮލޮޖިސްޓް ބުނި ގޮތުގައި ދުވަހަކުވެސް މިފަދަ މަންޒަރެއް އޭނާ ނުދެކެ އެވެ.

"އަހަންނަށް ހީވަނީ ޕެންގުއިން ގަބޫލުކުރީހެން ޖޮއާއޯ އަކީ އެސޮރުގެ އާއިލާގެ މެންބަރެކޭ. ނޫނީ އެ ސޮރު ކަހަލަ ޕެންގުއިން އެކޭ،" ބައޮލޮޖިސްޓް ބުންޏެވެ.

ޕެންގުއިން އަށް ޖޮއާއޯ ފެނުމާއެކު ކުއްތާއެއްހެން ނިގޫ ތަޅުވާލާފައި އުފަލުން ގޮސް ފުމެން ފަށަ އެވެ. އެހެން އެއްވެސް މީހަކު އެ ސޮރު ގައިގައި އަތްލިޔަކަ ނުދެ އެވެ. މީހަކު އަތްލަން އުޅޭއިރަށް ތުނބުން ކޮށައިގަނެ އެވެ. ނަމަވެސް ޖޮއާއޯގެ އުނގަށް އަމިއްލައަށް އަރާ ވެސް އެސޮރު އޮވެ އެވެ. އަދި ފެންވަރުވާ ހަދަންދެން ވެސް ރީއްޗަށް ދައްކައިގެން އޮވެ އެވެ. އަދި އުރާލައި ޖޮއާއޯ އަތުން ސާޑިންސް މަސް ވެސް ކައެވެ.

އެތައް އަހަރެއް ކުރިން އެ ސޮރުގެ ފުރާނަ ސަލާމަތް ކޮށްދިން މީހާއާ ބައްދަލުކުރަން ކޮންމެ އަހަރަކު 8000 ކިލޯމީޓަރުގެ ދުރު ރާސްތާއެއް ކަޑައްތު ކޮށްފައި ޕެންގުއިން އެއް އައުމަކީ އާދައިގެ ކަމެއް ނޫނެވެ. މީގެން ޔަގީންވާ އެއްޗަކީ އޯގާތެރިކަމާއި ލޯބި ދީ ބަލައިގަންނަން އެނގެނީ ހަމައެކަނި އިންސާނުންނަށް ނޫން ކަމެވެ.