އަޖޭ ދޭވްގަން

"ގޯލްމާލް 5"ގެ މަސައްކަތް ރޯހިތުއާ އަޖޭ ފަށަނީ

ޑައިރެކްޓަރު ރޯހިތު ޝެޓީ މިހާރު އުފައްދާ ފިލްމު "ސޫރިޔަވަންޝީ" ނިމުމުން "ގޯލްމާލް" ފްރެންޗައިސްގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ. މީގެ ހަތަރު ވަނަ ފިލްމަކީ ހޮރޯ ކޮމެޑީ އެކެވެ. އަދި ފަސް ވަނަ ފިލްމަށް ވެސް ވަރަށް ޝައުގުވެރިވާ ކަހަލަ ޕްލޮޓެއް މިހާރު ހޯދާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

"ގޯލްމާލް 5" ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މި ސިލްސިލާގެ ހުރިހާ ފިލްމުތަކެއްގައި ވެސް އަޖޭ ދޭވްގަން ބައިވެރިވެފައިވާ ފަދައިން ކުރިއަށް އުފައްދަން އޮތް ފިލްމުގައި ވެސް އަޖޭ ބައިވެރި ވެއެވެ.

އަޖޭ ބުނި ގޮތުގައި "ގޯލްމާލް" ސީރީޒް އަކީ އޭނާއަށް އެންމެ މަގްބޫލު ފިލްމުތަކަށް ވެފައި ރޯހިތު އާއެކު އާ ފިލްމުގައި ވެސް މަސައްކަތްކުރަން އޭނާ ވަނީ މާ ކުރިއްސުރެ ވެސް އެއްބަސްވެފަ އެވެ.

އަޖޭގެ އިތުރުން އަރްޝަދު ވާރްސީ އާއި ތުޝާރު ކަޕޫރު، ކުނާލް ކޭމޫ އަދި ޝްރެޔަސް ތަޅްޕަޅޭ ވެސް ކުރީގެ ފިލްމުތަކުގައި އެމީހުން އަދާކުރި ރޯލުތަކުން ފަސް ވަނަ ފިލްމުން ވެސް ފެންނާނެ އެވެ. ނަމަވެސް މިފަހަރުގެ ފިލްމުގެ ސްކްރިޕްޓް ލިޔެފައި އޮތް ގޮތުން އާ އިތުރު ކެރެކްޓާތަކެއް ވެސް ފިލްމުގައި ބައިވެރިކުރުމުގެ ފުރުސަތު އޮތް ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ފިލްމުގެ ބަތަލާއެއް އަދި ހަމައެއް ނުޖެހެ އެވެ. ބަތަލާ ހަމަޖައްސާނީ އަންނަ އަހަރު އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ސިމްބާ" އާއި "ސޫރިޔަވަންޝީ" އަށް ފަހު ކޮޕް ފިލްމުތަކުން ބްރޭކެއް ނަގަން ރޯހިތު ބޭނުންވެ އެވެ. އެހެންވެ "ގޯލްމާލް" ފިލްމެއް އުފައްދަން ގަސްތުކުރީ އެވެ.

މިހާރު ރޯހިތު ޝޫޓްކުރަމުންދަނީ އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފް އާއެކު އުފައްދާ "ސޫރިޔަވަންޝީ" އެވެ. މި ފިލްމު އަންނަ އަހަރު ކުރީކޮޅު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ކުރިން އޭނާ ޑައިރެކްޓްކުރި "ސިމްބާ"ގައި ހަރަކާތްތެރިވެފައިވަނީ ރަންވީރު ސިންގް އާއި ސާރާ އަލީ ޚާނެވެ.