ބޮލީވުޑް

"މައިދާން" އެމެޒޮންގައި ޕްރިމިއާކޮށްފި

އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ އެމޮޒަންގައި ރިލީޒްކޮށްފި އެވެ.

މިފިލްމަކީ ފުޓުބޯޅަ ކުޅޭ އަދި އެ ކުޅިވަރަށް ޝައުގު ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ފިލްމެކެވެ.

އަޖޭ ފިލްމުގައި ކުޅެފައިވަނީ އިންޑިއާގެ ކުރީގެ ފުޓުބޯޅަ ކޯޗެއް ކަމުގައިވާ ސަޔެދް އަބްދުލް ރަހްމާންގެ ރޯލެވެ. އެއީ އޭޝިއަން ގޭމަށް އިންޑިއާ ގެންގޮސްދިން ކޯޗެވެ.

މި ފިލްމުގައި އަޖޭއާ އެކު ޕްރިޔަމާނީ ގަޖްރާޖް ރާއޯވެސް މުހިއްމު ރޯލު ތަކުން ފެނިގެންދެ އެވެ.

ފިލްމު ފެށިގެންދަނީ އިންޑިއާ، ޔޫގޯސްލޭވިއާއާ ކުޅުނު މެޗަކުން 9 ގޯލުގެ ތަފާތަކުން ބަލިވެ، މުޅި ގައުމު އެކަމާ ފާޑުކިޔާ އެއީ ބޮޑު ލަދެއް ކަމަށް ނޫސްތަކުގައި ލިޔާ ހިސާބުންނެވެ.

މި ފިލްމުގައި ދައްކުވައިދެނީ ތިމާއާއި، ތިމާގެ މުޅި ދިރިއުޅުން ކުޅޭ ކުޅިވަރަށް ހުސްކުރުމުގެ ނަތީޖާއާއި އެކަމަށް ބޭނުންވާ ހިތްވަރެވެ.

ސިނަމާ ތަކުގައި މި ފިލްމު ރިލީޒް ކޮށްފައިވަނީ މީގެ ދެ މަސް ކުރިންނެވެ.

މި ފިލްމު ސިނަމާތަކުގައި ރިލީޒް ކޮށްފައިވަނީ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ ފިލްމު "ބަޑޭ މިޔާން ޗޯޓޭ މިޔާން" އާއި އެއްކޮށް ނަމަވެސް ގިނަ ބައެއްގެ ތައުރީފް ލިބުނީ އަޖޭ ކުޅުނު ފިލްމަށެވެ.