ޔޫއޭއީގެ ވެރިރަށް، އަބޫދާބީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސައުދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު، އަބޫދާބީއަށް ވަޑައިގެންނެވީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށެވެ. ދެ ބޭފުޅުން މިއަދު ވަނީ ޕްރިންސް މުހައްމަދު ބިން ޒައިދާ ވެސް ބައްދަލު ކުރައްވާފަ އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ވަޑައިގެންނެވިއިރު ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ހުންނެވީ އަބޫދާބީއަށް ވަޑައިގެންނެވެ.
ދެ ރައީސުން އަބޫދާބީއަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު ސައުދީ ޕްރިންސްއާ ބައްދަލު ކުރައްވާފައިވާއިރު ރައީސް ސޯލިހު މީގެކުރިން ސައުދި އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވި އެވެ. ހަމައެހެން، ރައީސް ނަޝީދު ވެސް ވަނީ ސައުދި އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
ދެ ބޭފުޅުން އަބޫދާބީއަށް ވަޑައިގެން އެކުގައި ނަންގަވާފައިވާ ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިގެން ގޮސްފަ އެވެ. ދެ ބޭފުޅުން އެކުގައި ޓެނިސް ކުޅުއްވާ ފޮޓޯތަކެއް ވެސް މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެވެ.