އުރީދޫ

އުރީދޫ ގަވާއިދު އިސްލާހު ކުރަން އީޖީއެމްއެއް ބާއްވަނީ

Dec 2, 2019
1

އުރީދޫ މޯލްޑިވްސް އަސާސީ ގަވައިދާއި ހިންގާ ގަވައިދު އިސްލާހު ކުރަން، ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާއެއް ނުވަތަ އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހިއްސާދާރުންނާއެކު ހާއްސަ ގޮތުން ބާއްވާ މި ބައްދަލުވުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގައި ކަމަށެވެ.

އެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދަށް އިސްލާހު ތަކެއް ހުށަހެޅުމާއި، އެ އިސްލާހުތަކާ ގުޅޭ ގޮތުން ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުމާއި އަދި އެ އިސްލާހުތަކަށް ވޯޓަށް އަހައި، ފާސް ކުރުމެވެ. އެ ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ޑޭމިއަން ފިލިޕް އާއި މެނޭޖިންގް ޑިރެކްޓަރު ނަޖީބު ޚާން ވާހަކަފުޅު ދައްކަވާނެ އެވެ.

އުރީދޫ ވަނީ އެ ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތައް އާއްމުކޮށްފަ އެވެ. މި އިސްލާހުތަކުގައި އެ ކުންފުނީގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު ކަމުގެ މުއްދަތު ސާފުކޮށް ބަޔާން ކުރާ އިސްލާހެއް ވެސް ހިމަނާފައި ވެއެވެ.

މި އިސްލާހަކީ މި އަހަރުގެ މާޗު މަހު އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ހުށަހެޅި އިސްލާހެކެވެ. މިހާރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވަނީ ކުރީގެ ސްޓެލޯގެ އެމްޑީ އަހްމަދު ޒުހޫރެވެ.

އުރީދޫ އިން ބުނީ މި ހާއްސަ ޖަލްސާގައި މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ.