ލައިފްސްޓައިލް

އެޑޮޕްޓްކުރި މައިންބަފައިންގެ އިންތިޒާރުގައި!

ކުދިން އެޑޮޕްޓް ކުރުމަކީ މި ޒަމާނުގައި ވެސް ގިނަ ބަޔަކު ވަރަށް ފަސް ޖެހޭ ކަމެކެވެ. ބަލާނެ މީހެއް ނެތި އެއްލާލާ ކުދިން ދުނިޔޭގެ ގައުމުތަކުގައި ވަރަށް ގިނަ އެވެ. އަދި މީގެ ތެރެއިން އެޑޮޕްޓް ކުރާނެ ރަނގަޅު މައިންބަފައިން ލިބެނީ ވަރަށް މަދު ކުއްޖަކަށެވެ. ބައެއް މީހުން ދަރިން ނުބަލާން ކުނިގޮނޑަށް އެއްލާލާއިރު އަނެއް ބަޔަކު ޔަތީމުޚާނާތަކާ ހަވާލު ކުރެ އެވެ. އެއަށްފަހު މި ތުއްތު މައުސޫމް ފުރާނަތައް އެ ކުދިންނަށް އާ މަންމަ އަކާއި ބައްޕައެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބެ އެވެ. އިންޓަނެޓުގައި މިހާރު ދައުރުވަމުންދާ އެއް ފޮޓޮއަކީ މިފަދަ ކުއްޖެއްގެ ފޮޓޮއެވެ.

މި ކުއްޖާގެ ފޮޓޯ އަށް އެތައް ލައްކަ ބަޔަކު ލައިކްސް ދީފައިވާއިރު ވަރަށް ގިނަ ބަޔަކު ބުނެފައިވަނީ މި ފޮޓޯ ފެނިފައި ހަމަ ރަނގަޅަށް ވެސް ރޮވުނު ކަމަށެވެ.

މި ފޮޓޯގައި ކުއްޖާ ހުންނަނީ އެޑޮޕްޝަން ސެންޓަރުގެ ކުޑަ ދޮރެއް ކައިރީގައި ބޭރު ބަލަހައްޓައިގެންނެވެ. މިއީ ޔަތީމު ކުދިންނަށް އެޑޮޕްޓް ކުރާނެ މައިންބަފައިން ހޯދާދޭ ސެންޓަރެކެވެ. ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ލާފައިވަނީ ވެސް އެ ސެންޓަރުންނެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ޑޯ އޮފް ހޯޕް" (އުންމީދުގެ ދޮރު) އެވެ.

މައިންބަފައިން ބަލާ އަންނާތީ އުފަލުން ހުރި ތުއްތު އަންހެންކުއްޖާ ބޭރަށް ބަލަން ހުރި ގޮތުން ފޮޓޯ ބެލި ގިނަ ބައެއްގެ ހިތްތައް ވިރިގެން ދިޔަ އެވެ.

"ތުއްތު ފުރާނައަށް އުފާވެރިކަމަށް އެދެން،" މި ފޮޓޯއަށް ކޮމެންޓްކުރި މީހަކު ލިޔެފައި ވެއެވެ.

"ތުއްތު ކުއްޖާއަށް އުފާވެރި އަދި ރައްކާތެރި މާހައުލެއްގައި އުޅެ ބޮޑުވުމުގެ ނަސީބު ލިބޭނެކަމަށް އުންމީދުކުރަން،" އެހެން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

"ދުނިޔޭގައި ލިބޭނެ އެންމެ މަތިވެރި މަގާމަކީ "މައިންބަފައިން"ގެ މަގާމު. އަދި ދުނިޔެއިން ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ މައިންބަފައިންނަށް ވުން،" ތިން ވަނަ މީހާ ކުރި ކޮމެންޓްގައި ބުނެފައި ވެއެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ދެމަފިރިއަކުވެސް ތުއްތު ކުއްޖެއް އެޑޮޕްޓް ކޮށްފައި ވެއެވެ. ނިއުދިއްލީގައި ދިރިއުޅޭ މި ދެމަފިރިން އެޑޮޕްޓްކުރީ ކުނިގޮނޑަށް އެއްލާލާފައި އޮތް ކުއްޖެކެވެ. ވިނޯދް ކަޕްރީ އާއި އޭނާގެ އަންހެނުންނަށް މި ކުއްޖާގެ ވީޑިއޯ ފެނިގެން ކުއްޖާ ހޯދުމަށް އިންޓަނެޓުގައި ވެސް ޖެހި އެވެ.

ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް އެ މީހުން ކުރި މަސައްކަތުން ތުއްތު ކުއްޖާ ހޯދުނެވެ. އަދި އެ ކުއްޖާ އެޑޮޕްޓްކުރުމުގެ ނަސީބު އެ ދެމަފިރިންނަށް މިހާރު ވަނީ ލިބިފަ އެވެ.

މި ޚަބަރަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނަނީ މިޒަމާނުގައި ހަނގުރާމަތަކާއި ލޭ އޮހޮރުވުންތައް އަދި ގުދުރަތީ ބޮޑެތި ކާރިސާތައް އަބަދު އަބަދު ހިނގަމުންދާއިރު ސޯޝަލް މިޑިއާ އާއި ނޫސްތަކުން ފެންނަ ޚަބަރުތަކުގެ ތެރެއިން ގިނަ ޚަބަރުތަކަކީ ހިތްދަތިކަމާއި މާޔޫސްކަން ގެނުވާ ޚަބަރުތަކެވެ. ނަމަވެސް މި ހުރިހާ ކަންކަން މިހެން ހުރިއިރުވެސް ހިތްހެޔޮ މާތް އިންސާނުން ކުރާ މިފަދަ ރަނގަޅު ކަންތައްތަކުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެ އެވެ.