ފާގަ އަކީ ވަރަށް ހިތި އެއްޗެކެވެ. އެހެންވެ ގިނަ މީހުން ފާގަ އެއްގޮތަކަށް ވެސް ނުކައެވެ. ކިތަންމެ ގިނައެއްކޮށް ތަރުކާރީ ކެޔަސް ފާގަ އަކީ އެއްގޮތަކަށް ވެސް ގިނަ މީހުންގެ ތަރުކާރީ ލިސްޓުގައި ހިމެނޭ އެއްޗަކަށް ނުވެ އެވެ. ނަމަވެސް ފާގައިގެ ހިތި ކަމަކީ އިންސާނާގެ ސިއްހަތަށް ކިހާ ރަނގަޅު އެއްޗެއްކަން އެނގޭނަމަ ކޮންމެ މީހަކުވެސް ފާގަ ކެއުމަށް ސަމާލުކަން ދޭނެ އެވެ.
ފާގައިގައި އެކުލެވޭ ގިނަ ގުނަ ފައިދާތަކުގެ ސަބަބުން ވަރަށް ގިނަ ބަލިތަކާ ހަނގުރާމަ ކުރުމަށް ރަނގަޅު ހަތިޔާރަކަށް މި ތަރުކާރީ ވެއެވެ.
ފާގަ ކިތަންމެ ހިއްޗަށް ތުނިކޮށް ކޮށައިގެން ތެއްލައިގެން ސެލެޑް ހަދައިގެންނާއި ހިކި ރިހަ ތައްޔާރުކޮށްގެން ވެސް ބައެއް މީހުން ކައެވެ. ނަމަވެސް ފާގަ ސައި ބުއީ ކިތައް މީހުން ހެއްޔެވެ؟
ކިތަންމެ ހިއްޗަށް ފާގައިގެ ދިޔަ ބޯން ވެސް ސިއްހަތަށް ބަލާ މީހުން މިހާރު ތިބީ ތައްޔާރަށެވެ. ވަރަށް ފަހުން ވުޖޫދަށް އައި ފާގަ ސަޔަކީ ވެސް މިފަދަ ބުއިމެކެވެ. މި ސައި ތަންކޮޅެއް ހިތިވެދާނެ އެވެ. ނަމަވެސް މީގެ ފައިދާ އިންތިހާއަށް ބޮޑުވާނެ އެވެ.
މި ސައި ތައްޔާރުކުރާ ގޮތަކީ ފާގަ ތުނިކޮށް ފޮނިކޮށް އަވިން ހިއްކައިގެންނެވެ. ފާގަ ފަތުން ސައިފަތް ހަދައިގެން ވެސް މި ސައި ތައްޔާރު ކުރެވިދާނެ އެވެ. ނޫންނަމަ ފާގަ ތުނިކޮށް ކޮށާފައި ފެނަށް އަޅައިގެން ކައްކާލާށެވެ. ކެކެން ފެށީމާ ތަންކޮޅެއް ގިނި މަޑުކޮށްލާފައި އިރުކޮޅެއް ވަންދެން ބަހައްޓާފައި އުނދުން ނިއްވާލާށެވެ. މި ސައި މާމުއި އަޅައިގެން ނުވަތަ އެނޫން ވެސް ފޮނިކުރަން އަޅާ ކޮންމެވެސް އެއްޗެއް އަޅައިގެން ބޮވިދާނެ އެވެ. މި ސައިގައި ހުންނަ ހިތި ރަހަ ކަނޑުވާލަން ލުނބޯހުތްކޮޅެއް އަޅާލުމުން މާ ބޮޑު ތަކުލީފެއް ނެތި މި ސައި ބޮވޭނެ އެވެ.
މި ގޮތްގޮތަށް ވުރެ އެންމެ ފައިދާހުރި ގޮތަކީ ހަމަ އަވިން ހިއްކައިގެން ސައި ތައްޔާރު ކުރުމެވެ. ޚާއްސަކޮށް ހަކުރުބަލީގެ މީހުންނަށް މި ގޮތަށް ސައި ތައްޔާރުކޮށްގެން ބުއިމުން ލިބޭ ފައިދާ އިތުރެވެ. ދިފާއީ ނިޒާމު ވަރުގަދަ ވުމުގެ އިތުރުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްވާނެ އެވެ.
ހަކުރުބައްޔަކީ ލައިފްސްޓައިލް ބަހައްޓާ ގޮތުން ދިމާވާ ކަމަކަށް ވާތީ އެ ބަލި ކޮންޓްރޯލްކޮށް އެގޮތުގައި ދެމެހެއްޓުމަށް ފާގަ ސައިގެ ބޭނުން ހިފިދާނެ އެވެ. އިންޑިއާ ކަހަލަ ބައެއް ގައުމުތަކުގައި ހަކުރު އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ފާގަ ޖޫސް ބޯތާ ގިނަ ޒަމާންތަކެއް ވެއްޖެ އެވެ. ޖޫސް ނޫނަސް ކޮންމެ ގޮތަކަށް ތައްޔާރުކޮށްގެން ވެސް ފާގަ ބޭނުންކުރުމުން ހަކުރު ދަށްވުމަށް އެހީތެރިކަން ލިބެ އެވެ.
ނަމަވެސް ފާގަ ސައި ނުވަތަ ޖޫސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ޖެހޭނެ އެވެ. ސަބަބަކީ މާ ބޮޑަށް ހަކުރު ދަށްވެގެން މައްސަލައެއް ދިމާވެދާނެތީ އެވެ.