ސާރާ އަލީ ޚާން

ސަލްމާން އާއި ސާރާ އަލީ ޚާންގެ ފިލްމެއް!

އާނަންދް އެލް ރާއީގެ ފިލްމަކުން ސަލްމާން ޚާނާ އެކު ސާރާ އަލީ ޚާން ފެނުމުގެ އުންމީދު ބޮޑުވެއްޖެ އެވެ. އާނަންދް ވަނީ މި ފިލްމު ސަލްމާނަށް ހުށަހަޅާފަ އެވެ. ނަމަވެސް އަދި އޭނާ އަދި ފިލްމު ގަބޫލެއް ނުކުރެ އެވެ. އަނެއްކޮޅުން ސާރާ ވަނީ އާނަންދް އާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ސާރާ އަކީ އޭނާ މަސައްކަތް ކުރަން ބޭނުންވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އޮފީސްތަކަށް ގޮސް އެއްވެސް ޖެހިލުމެއް ނެތި އެ މީހުންނާ ވާހަކަ ދައްކާ ފިލްމުތައް ހޯދަން މަސައްކަތްކުރާ ބަތަލާ އެކެވެ. އެގޮތުން އޭނާ އާނަންދް އާ ވެސް ބައްދަލުކުރުމުން ސަލްމާން އަށް ހުށަހަޅާފައިވާ ފިލްމުގެ ބަތަލާއަކަށް ސާރާ ހަމަޖެއްސުމަށް އާނަންދް ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް އާނަންދް ސާރާ އަށް ހުށަހަޅަނީ ދަނުޝް އާއި އަޖޭ ދޭވްގަން އާއެކު ކުޅޭ މުޅިން އެހެން ފިލްމެއް ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެ އެވެ.

ސާރާ މިވަގުތު ސޮއިކޮށްފައި އޮތް ދެ ފިލްމުގެ ވެސް ޝޫޓިން މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ އިމްތިޔާޒު އަލީގެ "ލަވް އާޖް ކަލް 2" އެވެ. މި ފިލްމުގެ ބަތަލަކީ ސާރާ ރައްޓެހިވެގެން އުޅުމަށްފަހު މިހާރު ރުޅިވެފައިވާ ކަމަށް އަޑު ފެތުރިފައިވާ ކާރްތިން އާރްޔަން އެވެ.

ދެ ވަނަ ފިލްމަކީ ވަރުން ދަވަން އާއެކު ސާރާ ކުޅޭ "ކޫލީ ނަންބަރު 1" އެވެ. ޑޭވިޑް ދަވަން ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި ވިޔަސް ސާރާ އިތުރު ފިލްމެއްގައި ސޮއި ނުކޮށް މަޑުކޮށްގެން ހުރީ ރަނގަޅު ބޮޑު ޕްރޮޖެކްޓެއްގެ އިންތިޒާރުގަ އެވެ.