ބޮލީވުޑް

ވަރުންއާއެކު "ރަންބޫމީ" ގެ މަސައްކަތް ފަށަނީ

ޝަޝާންކް ޚައިތާންގެ "ރަންބޫމީ" ގެ މަސައްކަތް ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތުމަށްފަހު ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. ވަރުން ދަވަން ބަތަލުގެ ބައި ކުޅޭ މި ފިލްމުގެ މަސައްކަތް ވަރުން ފަށާނީ "ކޫލީ ނަންބަރު 1" ގެ ޝޫޓީން ނިންމައި އަދި ޖެނުއަރީގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ 3ޑީ" ގެ ޕްރޮމޯޝަން މަސައްކަތްތައް ވެސް ނިންމާލުމަށް ފަހުގަ އެވެ.

މި ފިލްމު ރަސްމީކޮށް އިއުލާން ކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ފިލްމު ނުފެށޭތީ އިތުރަށް ފިލްމުގެ މަސައްކަތް ކުރިޔަށް ނުދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ވަރުން އާއި ޑައިރެކްޓަރު ޝަޝާންކް ބައްދަލުކޮށް ފިލްމު ފެށުމުގެ މަޝްވަރާތައް ކޮށް މިހާރު ފިލްމު ފެށޭ ގޮތް ވަނީ ވެފަ އެވެ.

މި ފިލްމު ލަސްވީ ފިލްމުގެ ސްކްރީންޕްލޭގައި ވަރުން ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރެގެންނެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ސާފުވުމުން ވަރުން ވަނީ ފިލްމައިގެން ކުރިޔަށް ދާން ނިންމާފަ އެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ ދަރްމާ ޕްރޮޑަކްޝަނުންނެވެ. މި އަހަރަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އަށް ވަރަށް ނާކާމިޔާބު އަހަރެކެވެ. އެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި "ކަލަންކް" އާއި "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވީ ނަމަވެސް ފަހުން ރިލީޒްކުރި އަކްޝޭ ކުމާރުގެ "ކެސާރީ" އަށް ރަނގަޅު ވިޔަފާރިއެއް ވިއެވެ. އަދި މި މަހު ރިލީޒްކުރަން ތައްޔާރުވެފައިވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ "ގުޑް ނިއުޒް" އާ މެދު ކުރެވޭ އުންމީދު ވެސް ފޮންޏެވެ.

"ރަންބޫމީ" ޑައިރެކްޓްކުރާ ޝަޝާންކް ފުރަތަމަ ޑައިރެކްޓްކުރީ ވަރުން އާއި އާލިއާ ބަޓްގެ "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" އެވެ. އޭގެ ފަހުން ހަމަ އެ ދެ ތަރިންނާއެކު "ބަދުރީނާތު ކީ ދުލްހަނިޔާ" އުފެއްދި އެވެ. މި ދެ ފިލްމު ރަނގަޅު ކާމިޔާބެއް ހޯދި ނަމަވެސް އޭނާ އެންމެ ފަހުން އުފެއްދި ޖާންވީ ކަޕޫރާއި އިޝާން ޚައްތަރުގެ "ދަޅަކް" ކާމިޔާބު ވާގޮތެއް ނުވި އެވެ.