ހަބަރު

ނޫމަޑި މައްސަލަ: އިހުމާލުވި މީހުނަށް ފިޔަވަޅު އަޅަން ފާސްކޮށްފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތުގެ ފަރާތުން އެ ކުންފުންޏަށް ބަދަލުދޭންޖެހުނު މައްސަލާގައި، އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

މި ސަރުކާރުން މިހާރު ވަނީ ނޫމަޑިއާއެކު ސެޓަލްމަންޓް އެގްރިމެންޓެއްގައި މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. އޭގައި އެއްބަސްވެވުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ ގާތްގަނޑަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާ މެމްބަރު އަބްދުލް ޣަފޫރު މުސާ ހުށަހެޅުއްވީ، ނޫމަޑި މައްސަލައިގައި ދައުލަތާ ދެކޮޅަށް ހެކި ބަސް ދިން ކަމަށް ބުނާ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ހިމެނޭ ގޮތަށް، އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

ދާންދޫ ދާއިރާ މެމްބަރު ޔައުގޫބު އަބްދުﷲ ތާއީދުކުރި ހުށަހެޅުން ފާސްވީ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން، މުއިއްޒު ކޮމިޓީއަށް ދޮގު މައުލޫމަތު ދިން ކަމަށް ބުނާ މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ހުށަހެޅުމަށް ފާސްކޮށްފަ އެވެ.

ނޫމަޑިއަށް ބަދަލު ދިނުމަކީ، މާ ކުރިން އެ އަމާޒަށް ދިއުމަށްޓަކައި ރޭވިގެން މަސައްކަތް ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް މުއިއްޒު ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައިފަ އެވެ.