ހަބަރު

ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މުއިއްޒުގެ މައްސަލަ ފުލުހަށް ހުށަހަޅީ

Dec 2, 2019
1

މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައެއް ފުލުހަށް ހުށަހަޅަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މުއިއްޒު ވަނީ އެ އާބިޓްރޭޝަނަށް ވަނީ ބަޔާން ދެއްވައިފަ އެވެ.

މާލިއްޔަތު ކޮމިޓީއަށް މުއިއްޒު ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ހައުސިން މިނިސްޓަރުގެ މަގާމްގައި ހުންނަވައިގެން އެ މައްސަލާގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެ އެވެ. މުއިއްޒުގެ ވާހަކަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުއިއްޒާ އެންމެ ގިނައިން ސުވާލު ކުރި، ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މުއިއްޒު ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަޅަން ޖެހޭ ކަމަށެވެ. އެކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން ފާސް ކުރި އެވެ.

ނޫމަޑި މައްސަލާގައި މިދިޔަ މަހު ހަތަރެއްގައި ކޮމިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުގައި އަދި މިހާރުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓްރީގައި އުޅުއްވި ބޭފުޅަކު ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަދި ނޫމަޑިއަށް ފައިދާވާނެ ގޮތަށް ބަޔާން ދީފައިވާ ކަމަށެވެ. އަދި އާބިޓްރޭޝަނަށް ބަޔާން ދޭން އޭނާ ނިންމެވީ ވެސް އެ ވިދާޅުވާ ބޭފުޅަކު އޭނާއަށް ތުހުމަތުކޮށް ދޮގު ވާހަކަތަކެއް ވިދާޅުވެ ބަޔާން ދެއްވުމުން ކަމަށެވެ.