ހަބަރު

ކޮމިޓީގައި މުއިއްޒު އިތުރުފުޅު ހެއްދެވިތޯ ބަލަން ހުށަހަޅައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ ދެ އެއްބަސްވުން އާ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް މި ސަރުކާރުން ދިން މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޑރ. މުހައްމަދު މުއިއްޒާ ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވުމުން އިތުރުފުޅު ހެއްދެވިތޯ ބަލަން އެ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މުއިއްޒު ވަނީ އެ އާބިޓްރޭޝަނަށް ވަނީ ބަޔާން ދެއްވައިފަ އެވެ.

އެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން މުއިއްޒު މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި އަދި މިހާރުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓްރީގައި އުޅުއްވި ބޭފުޅަކު ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަދި ނޫމަޑިއަށް ފައިދާވާނެ ގޮތަށް ބަޔާން ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އާބިޓްރޭޝަނަށް ބަޔާން ދޭން އޭނާ ނިންމެވީ ވެސް އެ ވިދާޅުވާ ބޭފުޅަކު އޭނާއަށް ތުހުމަތުކޮށް ދޮގު ވާހަކަތަކެއް ވިދާޅުވެ ބަޔާން ދެއްވުމުން ކަމަށެވެ.

މުއިއްޒު ބަޔާން ދެއްވީ ދައުލަތުންތޯ އަދި ނޫމަޑިން އާބިޓްރޭޝަނަށް ހުށަހަޅައިގެންތޯ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ސުވާލު ކުރެއްވި އެވެ. އެކަމަކު އެ ސުވާލަށް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އަނެއްކާ ވެސް ތަކުރާރުކޮށް ވިދާޅުވީ އާބިޓްރޭޝަނަށް ބަޔާން ދެއްވީ އޭނާގެ މައްޗަށް ތުހުމަތުކޮށް މިނިސްޓްރީގެ ބޭފުޅަކު ދޮގު ބަޔާނެއް ދެއްވާފައިވާތީ އެވެ.

އޭގެ ފަހުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ފާހަގަކުރެއްވީ ކޮންމެ ސަބަބަކާ ގުޅިގެން ބަޔާން ދިން ކަމަށް ވިޔަސް އާބިޓްރޭޝަނަކަށް ބަޔާން ދެވޭނީ މައްސަލާގައި ހިމެނޭ ދެ ފަރާތުން ކުރެ ކޮންމެ ވެސް އެއް ފަރާތަކުން ހެކިވެރިއެއްގެ ގޮތަށް ހުށަހެޅުމުންނެވެ.

އެހެންކަމުން އާބިޓްރޭޝަނަށް ބަޔާން ދެއްވީ ނޫމަޑީގެ ފަރާތުންތޯ އޭނާ ވެސް ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ "އެ ސުވާލަށް އަޅުގަނޑު ދޭނެ އިތުރު ޖަވާބެއް ނެތް،" ކަމަށެވެ.

އިލްޔާސް ދެން ވަނީ ގާނޫނު އަސާސީގައި މަޖިލީހަށް ލިބިގެންވާ ބާރުތަކާއި މަޖިލީހަށް ހާޒިރު ކުރެވޭ މެންބަރުން ކަން ކުރަންވީ ގޮތް ވިދާޅުވެދެއްވައިފަ އެވެ. އެ ގޮތުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރެވި ކޮމިޓީގެ މެންބަރުން ކުރައްވާ ސުވާލުތަކަށް އެނގިފައިވާ މިންވަރަކުން ތެދު ބަހުން ޖަވާބު ދެއްވަން ޖެހޭކަން އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން އިލްޔާސް ސުވާލު ކުރެއްވީ އެ ބަޔާންތައް ހުށަހެޅުއްވީ ކޮން ފަރާތަކަށްތޯ އެވެ. އެ ސުވާލު ކުރެއްވުމަށް ފަހު ގާނޫނު އަސާސީގެ މާއްދާ ތަކުރާރުކޮށް ވިދާޅުވެދެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ "ބަޔާންތައް ހަވާލު ކުރީ ކޮން ނަމެއް ކިޔާ ބޭފުޅެއްކަން ނޭނގޭ" ކަމަށެވެ.

މުއިއްޒުގެ ބައްދަލުވުމަށްފަހު، ކޮމިޓީއަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ދެ ހުށަހެޅުމަށް ހުށަހަޅުއްވައިފަ އެވެ. އެއިން އެއް ހުށަހެޅުއްވުމަކީ ބައެއް ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާފައި ނުވާތީވެ ކޮމިޓީގައި މުއިއްޒު އިތުރުފުޅު ހައްދަވާފައިވާކަން އެ ކޮމިޓީން ބެލުމަށެވެ. އަދި ހައްދަވާފައިވާ ކަމަށް ގަބޫލު ކުރެވޭ ވަރަށް ބެލެވިއްޖެނަމަ އެ މައްސަލަ މަޖިލީހުން ފުލުހަށް ފޮނުވުމަށެވެ.

ޔައުގޫބް ދެން ހުށަހެޅުއްވީ މުއިއްޒަށް ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވުމުން އޭނާ ވަކި ބަޔަކަށް މަންފާ ހޯދުމަށް އެ މައްސަލާގައި މަސައްކަތް ކުރެވުނު ކަމަށް ގަބޫލު ކުރެވޭތީ މުއިއްޒުގެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަޖިލީހުގެ ފަރާތުން ހުށަހެޅުމަށެވެ.

ނަމަވެސް ކޮމިޓީއިން ކަމެއް ފާސްކުރުމަށް ބޭނުންވާ އަދަދަށް މެންބަރުން ނެތުމުން އެ ހުށަހެޅުންތަކަށް ވޯޓަކަށް ނާހަ އެވެ. ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް ވިދާޅުވީ ކޮމިޓީން ނޫމަޑި މައްސަލައާ ގުޅިގެން ދެން ބާއްވާ ބައްދަލުވުމެއްގައި އެ ކަންކަމަށް ވޯޓަށް އަހާނެ ކަމަށެވެ.

އޭގެ އިތުރަށް ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ނޫމަޑިއާއެކު މި ސަރުކާރުން ވެފައިވާ ސެޓަލްމަންޓް އެއްބަސްވުން ކޮމިޓީއަށް ފޮނުވަން ސަރުކާރަށް އަންގައި، އެ އެއްބަސްވުން ވެސް ކޮމިޓީން ދިރާސާ ކުރުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ކޯރަމް ހަމަނުވާތީވެ އެ ހުށަހެޅުމަށް ވެސް ވޯޓަކަށް ނަހާ އެވެ.

ނޫމަޑިއާއެކު މި ސަރުކާރުން ވި ސެޓަލްމެންޓް އެއްބަސްވުމެއްގެ ދަށުން، ކޯޓުން ބޭރުން މައްސަލަ ނިންމަން އެއްބަސްވެ، ބަދަލުގެ ގޮތުގައި ސަރުކާރުގެ ފަރާތުން ވަނީ އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދީފަ އެވެ.