ހަބަރު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ހޭލުންތެރި ކުރުވަން ބޮޑު ކެމްޕެއިނެއް ފަށައިފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ހޭލުންތެރި ކުރުމުގެ ބޮޑު ކެމްޕެއިނެއް "މާއްދާ 29 މިވެސް ހައްގެއް" ގެ ނަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފަށައިފި އެވެ.

އާންމުންނާއި، މުއައްސަސާތައް އެ ގާނޫނަށް ހޭލުންތެރިކުރުމުގެ ގޮތުން އެ ކެމްޕެއިން ފަށާފައިވަނީ މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ކެމްޕެއިން ފައްޓަވައިދެއްވުމަށްފަހު ފައްޔާޒު ވިދާޅުވީ، އެ ގާނޫނަކީ މިދިޔަ ފަސް އަހަރު ތަންފީޒު ނުކުރެވި އޮތް ގާނޫނެއް ކަމަށާއި، މި ސަރުކާރުން އެ ގާނޫނު ތަންފީޒު ކުރާނެ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީންވެސް މީގެ ކުރިން އެ ގާނޫނު ތަންފީޒުކޮށްފައިނުވާކަން ފާހަގަ ކުރައްވާ ފައްޔާޒު ވަނީ މިއަދު ފެށި އެ ކެމްޕެއިނާއެކު އެގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާތަނަށް އެކަން ނުވެ އޮތީ އެ ކަަން ނުކުރާކަށްނޫން ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތިގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ކެމްޕެއިނެއް ފަށާފައިވާއިރު، މީގެ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރަށް ފަސް އަހަރުވީ އެގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނުވެ އެވެ. އެގޮތުން މިހާތަނަށް ހަ ހާހަށްވުރެ ގިނަ ރިޕޯޓް އެ އޮފީހަށް ފޮނުވަންޖެހޭ އިރު، ފޮނުވާފައިވަނީ އެންމެ 702 ރިޕޯޓްކަން މިހާރުގެ ކޮމިޝަނަރު ފިޔާޒު މޫސާ ވަނީ ވިދާޅުވެފަ އެވެ.

"މާއްދާ 29 މިވެސް ހައްގެއް" ކެމްޕެއިން ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފައްޔާޒުގެ އިތުރުން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ އިސް ބޭފުޅުންނާއި، ބައެއް މީޑިއާތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ކެމްޕެއިން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ހޭލުންތެރި ކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، މީޑިއާ ޕްރޮގްރާމްތައްވެސް ދެއްކުމަށް ވަނީ ނިންމާފަ އެވެ.