ލައިފްސްޓައިލް

ފުލުސް ސްޓޭޝަނުގައި ދެ މީހެއްގެ ކައިވެނި ކޮށްދީފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަހަރަންޕޫރް ކިޔާ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ދެ މީހެއްގެ ކައިވެނި ކޮށްދީފި އެވެ. ކައިވެނި ކޮށްދިނީ ޚުޝްނަސީބު ކިޔާ އަންހެނަކާއި އަބްދުލް މަލިކު ކިޔާ މުސްލިމް ދެ މީހެއްގެ އެވެ. މި ދެ މީހުންގެ އާއިލާ އެ މީހުން ކައިވެނި ކުރުމާ ވަރަށް ދެކޮޅެވެ.

އެހެންވެ ސަހަރަންޕޫރުގެ ފުލުހުންގެ ބޮޑަކަށް ހުރި މީހާ ކައިރިއަށް މި ދެ މީހުން ގޮސް މި މީހުންގެ ޝަކުވާތައް ހުށަހެޅި އެވެ. ޕޮލިހުން ވަނީ ދެ ފަރާތުގެ އާއިލާ އާއި މި ދެ މީހުންނާ ދޭތެރޭ މީޑިއޭޓަރެއްގެ ދައުރު އަދާކޮށްދީފަ އެވެ. ނަމަވެސް ފުލުހުން އެދުމުން ވެސް މި ދެ މީހުންގެ އާއިލާއިން ކައިވެންޏާ އެއްބަހެއް ނުވި އެވެ. އެހެންވެ ގާޒީ އެއް ގެނެސްގެން ޕޮލިސް ސްޓޭޝަން ތެރޭގައި ކައިވެނި ކޮށްދިނީ އެވެ.

އެ ޕޮލިސް ސްޓޭޝަންގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ޔަގްދަތު ޝަރުމާ ވިދާޅުވީ ޚުޝް ނަސީބު އާއި އަބްދުލް މަލިކު އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެ އެވެ. ނަމަވެސް އެ މީހުންގެ އާއިލާ އިން ދެކޮޅު ހަދާތީ ކައިވެނި ނުކުރެވިގެން ފުލުސް ސްޓޭޝަނަށް އައިމަ އެމީހުންގެ ކައިވެނި އެތަނުގައި ކޮށްދިނީ އެވެ.

ދެ މީހުންނަކީ ޝަރުއީ ގޮތުން ކައިވެނި ކުރެވޭ އުމުރުގެ ބޮޑެތި މީހުންނަށް ވާތީ އެ މީހުންނަށް އެހީވާން ނިންމީ ކަމަށް ޕޮލިސް ސްޓޭޝަންގެ އިންޗާޖް ވިދާޅުވި އެވެ.

އަލަށް ކައިވެނިކުރި ދެމަފިރިން ބުނީ އެ މީހުންނަށް ދިމާވި އުނދަގޫތައް ހައްލު ކުރުމަށް އެހީތެރިވެ ދިނީތީ ފުލުހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. މިއީ ވަރަށް ޔުނީކް ކައިވެންޏެއް ކަމަށާއި ޒަމާންތަކަކަށް ކައިވެނީގެ ހަނދާންތައް ދެމިހުންނާނެ ކަމަށް ވެސް އެ ދެމަފިރިން ބުންޏެވެ. މި ކައިވެންޏަށްޓަކައި ޕޮލިސް ސްޓޭޝަން ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފަ އެވެ. އަދި މި އާދަޔާޚިލާފު ކައިވެނި ކުރާ ތަން ބަލަން ދުރު ހިސާބު ހިސާބުން މީހުން އައިސް އޮތީ މުޅި ތަން ފުރާލާފަ އެވެ.