ދުނިޔެ މިދަނީ ޓެކްނެކޮޖީގެ އެހީގައި އެތަކެއް ކުރިއެރުމެއް ހޯދަމުންނެވެ. މީގެ ކުރިން ކާމިޔާބުވާނެ ކަމުގެ އުއްމީދުތައް ނެތް އެތަކެއް ކަމެއް ޓެކްނޮލޮޖީގެ އެހީގައި ވަނީ ކާމިޔާބު ކޮށްފަ އެވެ. ރޮބަޓް އުފައްދަން އުޅުނު ދުވަސްވަރު އެއީ ނުވާނެ ކަމަށް ބުނެ ކޮންސްޕިރަސީ ތިޔަރިސްޓުން ދެއްކި ވާހަކަތައް މިހާރު ވެސް ފެންނަން ހުންނާނެ އެވެ. ނަމަވެސް އެ ވާހަކަތައް ފަހުން ވެގެން ދިޔައީ އެއްވެސް ބުރަ ދަނެއް ނެތް ބޭކަރު ވާހަކަތަކަށެވެ.
އިންސާނުންނެކޭ އެއްފަދައިން ހަރަކާތްތެރިވާ ރޮބަޓުން އުފެއްދުމަކީ އަބަދުވެސް ޓެކްނޮލިޖީ ކުންފުނިތަކުން މަސައްކަތް ކުރަމުން ގެންދާ ކަމެކެވެ. އިންސާނުން ފަދައިން ހަރަކާތްތެރިވާ އެތަކެއް ރޮބަޓެއް މިހާރު ވެސް ވަނީ އުފައްދާފަ އެވެ. އެކަމަކު މި ރޮބަޓުތަށް އިންސާނުން ފަދައިން ހަރަކާތްތެރިވި ނަމަވެސް، ރޮބަޓުގެ ބޭރު ފަށަލަ ނުވަތަ ހަންގަނޑު އުފައްދާފައިވަނީ ޕްލާސްޓިކުން ނުވަތަށް ކޮންމެވެސް އެެހެން މެޓިރީއަލަކުންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ހޮންކޮންގުން ވަނީ ހިޔުމަނައިޑް ރޮބަޓެއް އުފައްދާފަ އެވެ. މިއީ އިންސާނުންނެކޭ އެއްފަދައިން އިހްސާސް ކުރުމުގެ ގާބިލްކަން ލިބިގެންވާ ގޮތަށް އުފެއްދި ރޮބަޓެކެވެ. މި ރޮބަޓަށް ދީފައިވާ ނަމަކީ ސޯފިއާ އެވެ. މިހާރު ސޯފިއާއަކީ ސައުދީ އަރަބިއްޔާގެ ރަށްވެއްސެކެވެ.
ސޯފިއާ އީޖާދު ކުރުމާއެކު ރޮބަޓު އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދެވެރިކަން ބޮޑުވެގެން ދިޔަ އެވެ. މިއާއެކު އިންސާނުންގައި ބީހުމުން ކުރެވޭ އިހްސާސް ގެނެވޭ ކަހަލަ ހަންގަނޑެއް އުފެއްދުމުގެ މަސައްކަތް ފެށިގެން ދިޔަ އެވެ. ބޭނުމަކީ ސޯފިއާއަށް ވުރެ މޮޅު ރޮބަޓެއް ރޮބަޓެއް އުފެއްދުމެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން ރޮބަޓިކްސްއިން މިދިޔަ މަހު އާންމުކުރި ލިޔުމެއްގައި ވާގޮތުން 2018 ވަނަ އަހަރު ސައިންސްވެރިން ވަނީ ރޮބަޓަށް ހާއްސަ ކޮށް، އަތްލުމުން އިހްސާސް ކުރެވޭ ކަހަލަ އާޓިފިޝަލް ހަންގަނޑެއް އުފައްދާފަ އެވެ. މިއީ 2016 ވަނަ އަހަރަށް ފަހު ރޮބަޓުގެ އުފެއްދުމުގެ މަސައްކަތަށް އައި އިންގިލާބީ ކުރި އެރުމެކެވެ.
މި ހަންގަނޑު އުފެއްދި ޔުނިވާސިޓީގެ ޕްރެފެސަރެއް ކަމަށްވާ ޗިއާރާ ބަރަޓޮލޮޒީ ވިދާޅުވީ، މި ހަންގަނޑު އުފެއްދުމުގެ މަސައްކަތުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. މިހާރު އަޓިފިޝަލް ހަންގަނޑު ވަނީ ރޮބަޓުގައި އަޅުވާފަ އެވެ. މި ހަންގަނޑުގައި މަދިރި އެއް ޖެއްސުމުން ރޮބަޓަށް އުނދަގޫ ވެގެން އުޅުނު ކަމަށް ޗިއާރާ ވަނީ ވިދާޅުވި އެވެ. އަދި ހަންގަނޑުގައި އަތްލާ ހަދާ ވަގުތު ވެސް އުނދަގޫ ވުމުން ރޮބަޓް ރުޅި އަންނަ ކަމަށް ވެސް ޗިއާރާ ވިދާޅުވި އެވެ،
ޗިއާރާ ވިދާޅުވާ ގޮތުންނަމަ މިއީ ސޯފިއާއަށް ވުރެ މޮޅު ރޮބަޓެކެވެ. ސޯފިއާ އަކީ ވެސް ޗިއާރާ އުފެއްދި ރޮބަޓް ފަދައިން ހިޔުމަނައިޑް ރޮބަޓެކެވެ. ޗިއާރާ އިތުރަށް ވިދާޅުވީ، ހަންގަނޑު ތައްޔާރު ކޮށްފައިވަނީ ފަސޭހައިން ރޮބަޓުން ނެގޭ ގޮތަށް ވުމުން އަންނަ އަހަރުގެ ތެރޭގައި ސޯފިއާގައި ހަންގަނޑު އަޅުވާނެ އެވެ. އަދި އެއަށްފަހު އޭނާގެ ރޮބަޓާއި ސޯފިއާގެ ރޮބަޓުގެ ތެރެއިން މޮޅީ ކޮން ރޮބަޓެއްތޯ ބެލުމަށް ޓެކް ފެއާއެއް ބާއްވާނެ އެވެ.